ބިލާ ދެކޮޅަށް ނޫސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން: މީޑިއާ ބިލު އަންނަ މަހުގެ 15ގެ ކުރިން ކޮމިޓީން ނިންމަން ވަނީ ފާސްކޮށްފައި - ފޮޓޯ: މިހާރު
28 އޯގަސްޓް 2025 - 11:59
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލް" ދިރާސާކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތީ ކަންބޮޑުވުން ފާޅުކޮށް، ބިލް އަނބުރާ ގެންދަން ގޮވާލަމުން ދަނިކޮށެވެ. އިއްޔެ ބިލު ފާސްކުރުމަށް ފަހު އެ ބިލާ ގުޅޭ ކޮމިޓީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.
އަދި އެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 15ގެ ކުރިން ކޮމިޓީން ނިންމަން ވެސް ވަނީ ފާސްކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތެވެ. އަދި މި ވަގުތު މަޖިލިސް އޮތީ ވެސް ޗުއްޓީގަ އެވެ.
ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލީއާގެ ދޮށުގައި ވެސް އިއްޔެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވިޔަސް މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ. އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރަމުންގެންދާތީ ނޫސްވެރިން މިހާރު ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ. މި ބިލާ ގުޅިގެން ނޫސްވެރިން ގޮވާލަމުން އަންނަނީ ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވުރެ ބިލް އެއްކޮށް ބޭރުކޮށްލުމަށެވެ.
ބިލާ ދެކޮޅު ހެދުމުގެ ގޮތުން ސީނިއާ ނޫސްވެރިން ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބޭފުޅުން ވަނީ މި ބިލު އޮތް ގޮތުން ރާއްޖޭގައި މިނިވަން މީޑިއާ އެއްކޮށް ނެތިގެންދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
- ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ތިން މެންބަރުން ހިމެނުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް.
- ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުން. އޭގެ ސަބަބުން ނޫސްވެރިން ހޮވާ މެންބަރުންނަށް ވެސް ސަރުކާރާއި މަޖިލީހުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވޭ.
- ނޫސްވެރިކަމުގެ ސުލޫކީ ހަމައެއްގެ ގޮތުގައި، ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައިވުން. މިފަދަ މާއްދާއެއް ނޫސްވެރިކަމާ ގުޅޭ ގާނޫނެއްގައި އޮތުމުން، ސަރުކާރުން ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ.
- ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު، ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން، ނޫސްތަކަށް ޓާގެޓުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް: އަދި ލައިސެންސް ބާތިލް ކުރުމުގެ ބާރު އޮންނާނީ ކޯޓަށް ކަމަށް ބިލުގައި އެއް މާއްދާގައި ހިމަނައި، ވަގުތީ ގޮތުން ލައިސެންސް ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް އޮތުމުން، އެއީ ހަމަޖެހޭ އުސޫލެއް ނޫން.
- ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުން. ގައުމީ ސަލާމަތަކީ ވަރަށް ފުޅާ ގޮތެއްގައި މާނަ ކުރެވެން އޮތް ކަމެއް.
- ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތުމުން، ނޫސްވެރިންނަށް މައުލޫމާތު ހާމަކޮށް، މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅި، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުން. ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމަކީ މިހާރު އޮތް ނިޒާމުގައި ދަންނަ ކަމެއް ނޫން.
- ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އެނގޭކަށް ނެތް.
- ބިލުގެ 60 ވަނަ މާއްދާ އޮތް ގޮތުން ބިލުގައި ހިމެނޭ ކަންކަން ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ. މާއްދާގައިވާ ގޮތުން ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ހުރިހާ އުސޫލުތަކެއް އިލެކްޓްރޯނިކް މީޑިއާއަށް ވެސް ހިނގާނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިއްލޫރި ޓަނަލް
28 August 2025
ފައިދާއެއް ނެން ކަންކަމަށް ވަގުތު ބޭކާރު ކޮށް ދައުރު ނިންމާލާ.
އައްބެ
28 August 2025
އެއްވުންމަނާ ސަރަހައްދުތަކަށް އެއްވި ނޫސްވެރިންނަށް ދައުވާނުކޮށް އެއްވެސް އާންމުންގެ މީހަކަށް ދައުވާކުރެވިގެންނުވާނެ ނޫސްވެރިޔެކޭ އާންމު ރައްޔިތެކޭ ތަފާތުކުރެވިގެން ނުވާނެ. ޤާނޫނާއި ޚިލާފުވި ނޫސްވެރިންނަށް ދާއުވާކުރޭ.
މުރާސިލް
28 August 2025
ތިޔަ ބިލިގެ މަަަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ، އެއަށް އަމަލުކުރަން ފަށް ޖެހެއެވެ. ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމާއި ދޮގު ބުހުތާނު ވާހަކަތައް މުޖުތަމަޢުގެ ތެރޭގައި ފެތުރުން ހުއްޓުވަން މިހާރުވެސް މާ ބޮޑަށްވެސް ލަސްވެއްޖެއެވެ.