ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ ކުރިން މިއަަދު ޕީޕީއެމް/އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕް އޮޅުވެލި ބީޗް ރިސޯޓުގައި ވަގުތު ހޭދަކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހަައްމަދުގެ ރިސޯޓަށް މެމްބަރުން ފުރަން ކަނޑައަޅާފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. މާދަމާގެ ޖަލްސާއަށް އެ މެމްބަރުން މާލެ ވަޑައިގަންނަވަން ރިސޯޓުން ފުރުއްވާނީ މާދަމާ ހެނދުނު 7:45 ގަ އެވެ.
މެމްބަރުން ރިސޯޓަށް ވަޑައިގަންނަވާއިރު، ޖަލްސާ އަށް ތައްޔާރުވެވޭ ގޮތަށް ހުދު ގަމީހާއި ޓައީ ގެންދެވުމަށް ވެސް މެމްބަރުންނަށް ވަނީ އަންގަވައިފަ އެވެ.
އެނގިފައިވާ ގޮތުގައި ދެ ޕާޓީގެ މެމްބަރުންގެ ބައްދަލުވުމެއް މިރޭ އެ ރިސޯޓްގައި އޮންނާނެ އެވެ.
އެކަމަކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅަކު ފޯނު ނުނަންގަވާތީ ދަތުރާ ބެހޭ އިތުރު މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގައި ޖުމްލަ 51 މެމްބަރުން ތިއްބަވަ އެވެ. އެއީ އެ ޕާޓީން މިހާރު ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އިއްޔެ ވަކިކުރަން ނިންމި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ނުހިމަނަ އެވެ. އަދި އެމްޑީއޭ އިން ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ވަކިކޮށްފައިވާތީ އޭނާ ވެސް އެ ޕާޓީގެ މެމްބަރުންގެ ތެރޭގައި ނުހިމެނެ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ޕީޕީއެމްގައި ހުންނެވި ނަމަވެސް އޭނާގެ ފިކުރު މިހާރު ހުރީ އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ކަމަށް ވާތީ، މަސީހާ އެއްކޮޅަށް އޭނާ ވޯޓު ދެއްވާނެ ކަމަކަށް ނުބެލެވެ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ލިބިގެންނެވެ. މިހާތަނަށް މަޖިލިހުގައި ނެގި ބޮޑެތި ވޯޓްތަކުގައި އިދިކޮޅު ފަރާތްތަކަށް ގިނަވެގެން ހޯދިފައި ވަނީ 31 ވޯޓެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ ބޭނުންވާ އަދަދަށް މިފަހަރު ވޯޓު ހަމަވެފައިވާ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނީ ފަސޭހަކަމާ އެކު ކަމަށެވެ.