މީޑިއާ ކޮންޓްރޯލް ބިލަށް އާއްމުން ހޭލުންތެރިކުރުވަން ލީފްލެޓްތަކެއް ބަހަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ސެޕްޓެމްބަރ 2025 - 12:47
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލްގައި ހުރި ކަންބޮޑުވުންތައް އާއްމުންނަށް ކިޔައިދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމްކުރި ފޯރަމް މިރޭ އޮންނާނެ އެވެ.
ހިޔާލާއި ފިކުރު ކަފުނަށް ގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ ރޭގަނޑު 8:45 ގައި އާޓިފިޝަލް ބީޗުގަ އެވެ.
އެ ޖަމިއްޔާއިން ބުނީ ގާނޫނީ ދާއިރާ އަދި ލިޔުންތެރިކަމުގައި ހަރަކާތްތެރިވާ މީހުން އެ ފޯރަމްގައި ވާހަކަދައްކާނެ ކަމަށެވެ. އޭގެ އިތުރުން، 'އޯޕަން މައިކު' އުސޫލުން ގެންދާ ހަރަކާތުގައި އާއްމުންނަށް ވެސް، އެ މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މީޑިއާ ބިލުގައި ހުރި ކަންބޮޑުވުންތަކަށް އާއްމުން ހޭލުންތެރިކުރުވަން ނޫސްވެރިންގެ ޖަމިއްޔާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނޫސްވެރިން ގެންދަނީ އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ލީފްލެޓް ބަހައި ސޯޝަލް މީޑިއާގައި މައުލޫމާތުތައް ހިއްސާކުރަމުންނެވެ.
ނޫސްވެރިންނާއި މީޑިއާތައް އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ކަންބޮޑުުވުންތައް ހުއްޓަސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ވިސްނުމަކީ އެ ބިލު ފާސްކުރުމެވެ. އެކަމަށް ބާރު ދިނުމަށް، ސަރުކާރަށް ތާއީދުކުރާ މީހުން ވެސް ސޯޝަލް މީޑިއާގައި އަންނަނީ ކެމްޕެއިން ކުރަމުންނެވެ.
އެކަމަކު، އެ ބިލަށް ހިޔާލު ހޯދުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މީޑިއާތަކުގެ ތެރެއިން އެއް މީީޑިއާ ފިޔަވައި އެހެން ހުރިހާ ތަނަކުން ވަނީ އެ ބިލު ބޭރުކޮށްދިނުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިއްޒަތު
13 September 2025
މިބިލް ބޭރުކުރުމަށް ގޮވާލާ ގޮވާލުން ތަކުގައާއި އިހުތިޖާޖް ތަކުގައި ޒުވާނުންގެ ބައިވެރިވުމެއްނެތި މިކަން ރައްޔިތުން އެދޭގޮތަށް ކާމިޔާބު ނުކުރެވި ބިލް ފާސްވެއްޖެނަމަ ބަސްބުނުމުގެ މިނިވަންކަން ގެއްލިދިއުމުގެ އިތުރަށް ޚުދުމުޚުތާރު ވެރިކަމެއް މިޤައުމުގައި ކުރާތަން ދިރިތިބި ބަޔަކަށްފެންނާނެ!
ދސވސދ
13 September 2025
ފޯރަމުގެ ނަމުން ވެސް އެނގޭ ވަކި ގޮތަކަށް ވިސްނުވައިދޭން ބާއްވާ ފޯރަމެއްކަން. ސިޔާސީ މީހުންނާއި ދެންވެސް ތިބި ބަޔަކު ނޫސްވެރިންގެ ކާޑު ބޭނުން ކޮށްގެން ގައުމުގެ ފޭރާން ވީދާތާ ވަރަށް ދުވަސް ވެއްޖެ. ނޫސްވެރިން ވާން ޖެހޭނީ ނޫސްވެރިންނަށް. ގައުމު ފަސާދަ ކުރާ ބަޔަކަށްނޫން.
މިންވަރު
13 September 2025
ތިދަނީ މާ މައްޗަށް. އެހެން ކަންކަމެކޭ އެއްގޮތަށް ނޫސްވެރިކަންވެސް މޮނިޓަރކޮށް، ޒިންމާދާރު ކުރުވެންޖެހޭނެ. މީހުންނަށް ޖާސޫސްކުރުމާ، ތޯތޯ ވާހަކަތައް ފެތުރުމާ، ދޮގުހެދުމާ، މީހުންގެ އަބުރާ އިއްޒަތް ނަގާލުމަކީ ދީނުގައިވެސް ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަންކަން. ނޫސްވެރިންނޭ، ނޫސްވެރިކަމޭ ކިޔައިގެން މިކަންކަން ނޯމަލައިޒްކޮށް، ބައެއް ނޫސްތަކާއި ނޫސްވެރިން މިހާރު ހަދާހެެން ޒިންމާދާރުކަމެއް ނެތި ހިތަށްއަރާހާ އެއްޗެއް ކިޔާކަށް ދޫކޮށްލެވިގެން ނުވާނެ.