އެމްޖޭއޭ އިން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޖޭއޭގެ އިސްވެރިން އަދި އެހެން ބައެއް ސީނިއާ ނޫސްވެރިން
18 ސެޕްޓެމްބަރ 2025 - 09:30
މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލުން ހައްލެއް ނުލިބޭތީ އެ ބިލް ތަސްދީގު ނުކުރައްވަން ނޫސްވެރިންގެ ޖަމިއްޔާ އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިއްޖެ އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޖަމިއްޔާގެ އާ ރައީސް އަހުމަދު ނާއިފް ވިދާޅުވީ، ބިލް ތަސްދީގު ކުރެއްވިޔަސް އެ އަށް އެ ޖަމިއްޔާ އިން އަމަލު ނުކުރާނެ ކަމަށެވެ.
ނާއިފް ވިދާޅުވީ، މީޑިއާ ބިލާ ގުޅޭ ގޮތުން އެމްޖޭއޭ އިން "ހިފަހައްޓާ ސްޓޭންޑް" އަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެ ޖަމިއްޔާގެ ގޮވައިލުމަކީ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލިހަށް ފޮނުވައިލެއްވުން ކަމަށެވެ.
ނާއިފް ވިދާޅުވީ، ބިލް ތަސްދީގު ކުރައްވައިފި ނަމަ އެ ގާނޫނަށް "ގޮންޖަހާނަން" ކަމަށާއި އޭގެ ބޭރުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
އޭގެ ތެރޭގައި އިހުތިޖާޖުތަކާއި މަދަނީ ބަސްނޭހުމާއި ރައްޔިތުން ހޭލުންތެރި ކުރުވުން ފަދަ ކަންކަން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާއިފް ވިދާޅުވި ގޮތުގައި، އިސްލާހުތަކާ އެކު ބިލް ފާސްކުރި ނަމަވެސް ނޫސްވެރިން އަމިއްލަ އަށް ރެގިއުލޭޓް ކުރެވޭ ގޮތަށް މިހާރު އޮތް ނިޒާމު މީޑިއާ ބިލްގެ ސަބަބުން އެއްކޮށް ނެތިދާނެ އެވެ. ދެން އުފެދޭނީ ސަރުކާރުގެ ނުފޫޒު އޮންނަ އާ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓް ކުރަން ވާނީ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން. އަޅުގަނޑުމެން ސެލްފް ރެގިއުލޭޓް ކުރުމާ ދެކޮޅީއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އެ ނިޒާމު ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިން ހިނގަން،" ދައުރު އޮންލައިންގެ އެސޯސިއޭޓް އެޑިޓަރުގެ މަގާމު ވެސް ފުރުއްވާ ނާއިފް ވިދާޅުވި އެވެ.
އެމްޖޭއޭ އިން ބުނީ، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު، ބިލް ފާސްކުރި ނަމަވެސް އަދިވެސް ކަންކަން އިސްލާހު ނުވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމިޝަނަށް އައްޔަންކުރާ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ރައްޔިތުންގެ މަޖިލިހުން އައްޔަންކުރާ ގޮތަށް ފަހުން ގެނައި އިސްލާހާއި މަޖިލިހުން ބޭނުންވެއްޖެ ނަމަ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ އިސްލާހު ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލިހަށް ލިބޭ ގޮތަށް އިސްލާހު ހުށަހަޅައި އެ ގޮތަށް ފާސްކުރުން ވެސް އެއީ ކަންބޮޑުވުމެއް ކަމަށް އެމްޖޭއޭ އިން ފާހަގަކުރި އެވެ.
އެ ނޫން ވެސް އިތުރު އެތައް މައްސަލައެއް އެމްޖޭއޭގެ ކަންބޮޑުވުމުގެ ލިސްޓުގައި ހިމެނެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި، ވަކި ވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ ކުރެވޭ ގޮތަށާއި އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތް ކުރިން ބަޔާންކޮށްފައި އޮތަސް މަޖިލިހުން ބިލް ފާސްކުރީ އެ ބައިތައް އުނިކޮށްފަ އެވެ.
މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެ އެވެ.
ބިލުގައިވާ ގޮތުން، މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދު ނޫން މައުލޫމާތެއް ހާމަކޮށްފި ނަމަ، އެ މައުލޫމާތެއް އެއީ ތެދު ނޫން މައުލޫމާތެއްކަން އެންގުމާ އެކު ވީހާވެސް އަވަހަކަށް އެ ކަމަށް މާފަށް އެދެން ޖެހެ އެވެ. އަދި އެފަދަ މައުލޫމާތު އިސްލާހުކުރާ ކަން ނުވަތަ އެކަމަށް މާފަށް އެދޭކަން އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭ ގޮތަށް ހާމަކުރަންޖެހެ އެވެ.
އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުމުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެ އެވެ. ނޫސްތައް 5000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވެ އެވެެ.
މީޑިއާ ރެގިއުލޭޓްކުރާ ބިލްގައި ކަންބޮޑުވާ ކަންތައްތައްތައް ހުރުމުން އެ ބިލް ތަސްދީގު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ވަނީ ރޭ ގޮވާލައިފަ އެވެ. އަދި އެ ކަމަށް އެދި މީޑިއާ ކައުންސިލުން ވަނީ ރައީސް މުއިއްޒަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
18 September 2025
މިމީހުންގެ ފެންވަރު މިފެންނަނީ. ޤާނޫނަކަށް ޢަމަލު ނުކުރާނަމޭ ބުނެ ކޮން ބިރެއް ދައްކާކަށް. ހަމަ ޢަމަލު ކުރަންޖެހޭނީ. ނޫނީ އެހެން ގައުމަކަށް ދޭ. މިހައުމުގައި އުޅެވޭނީ މިގައުމުގެ ގާނޫނުތަކާ އެއްގޮތަށް. ދެރައީ ޖޫރިމަނާ ކުރަން އޮތް މާއްދާ އުވާލީމަ. ކުށެއް ކޮށްފިއްޔާ އަދަބެއް ލިބެން ޖެހޭނެ. ބޭނުންހާ ގޮތަކަށް އުޅުމަކީ މިނިވަން ކަމެއް ނޫން.
ޑރ ވާންޗޯ
18 September 2025
އަޅުގަނޑު އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ އަރިހުން ވަރަށް އަދަބު އިހުތިރާމާއެކު އެދެން މިއަދު ނުވިއްޔާ ހުކުރުދުވަހުވެސް ތިޔަ އަވަހަށް ތަސްދީގު ކޮށްދެއްވުމަށް. ގާނޫނަށް ގޮންޖަހަން މީދެން ކޮންބައެއް.
ޖޫމް
18 September 2025
ގާނޫނެއް ހަދާފަ އެންމެންގެ މައްޗަށް ލާޒިމް ކުރީމަ ގޮންޖަހާނެ ކަމަށް ބުނުމަކީ ބޮޑު ކުށެއް. އެމީހުން ހައްޔަރުކުރަންޖެހޭ
ދުރުމި
18 September 2025
ކަލޭމެން ހިތް ހަމަ ނުޖެހޭ ޤާނޫނަށް އަމަލު ނުކޮއްފިއްޔާ އެހެން މީހުންވެސް އަމަލު ކުރާނީ އެބަޔަކު ހިތްހަމަ ޖެހޭ ޤާނޫނަކަށް . މިކަހަލަ ވާހަކަ ދެއްކީމަ ރަގަޅު ނޫސްވެރިންގެ އަގު ވެއްޓެނީ
މިންރަޝިދްް
18 September 2025
ނޫސްވެރިންނަކީ އެމީހުންގެ ސަބަބުން ގައުމު ފިތުނައަށް ވައްޓާލެވޭނެ ބައެއް. އެމީހުން ރެގިއުލޭޓް ނުކުރެވެންޏާ އެއްވެސް ބަޔަކު ރެގިއުލޭޓް ކުރާނެކަމެއް ނެތް.
ޖައުފަރްް
18 September 2025
މީ ކީކޭ ކިޔާ ބަޔެއްތަ. ތި ބިލްފާސްކޮށްގެން ކަލޭމެންނަށް ނުލިޔެވޭނެތަ.
ތަސްދީގުކުރޭ
18 September 2025
މޯލްޑިވްސް އާންމު ރައްޔިތުންގެ ބޮޑު ބައިގަނޑު އެދެނީ މީޑިއާ ބިލު ތަސްދީގު ކުރަން. އަދި އެބިލުން އުނިކުރި ކަންކަންވެސް ހިމަނައިގެން އަލުން ފާސްކޮށް ތަސްދީގު ކުރަން ސަރުކާރަށް ގޮވާލަން. ނާ ދެން ހަމަ އަހަރުމެންގެ އަބުރާއިއްޒަތަކީ ކުޑަ އެއްޗަކަށް ނުހެއްދެވުން އެދެން. ލައިސަންސް ޓު ކިލް އަބުރާ އިއްޒަތް އޮވެގެން ނުވާނެ އެއްވެސް ފަރާތަކަށް.
މަބުނީ
18 September 2025
އާއްމު ރައްޔިތުމީހާކައިރިން މައާފަށް އެދެން ބޭނުންނުވާ ނޫސްވެރިން ތިހެންގޮވާނީ. ރައްޔިތުންގެ ވޯޓެއްނެގިޔަސް ބުނާނީ ތަސްދީގުކުރާށޭ.
ކޮސްވެއްޖެ
18 September 2025
ގޮންޖަހާނަމޭ ؟ ކީކޭތަ މި ބުނެވެނީ ؟ ޤާނޫނަށްވުރެ މަތީގައި އުޅޭ ބަޔަކީތަ މި ؟ ކިތަންމެ ހިތްހަމަ ނުޖެހުނަސް ޤާނޫނެއް ހެދީމަ އެ ޤާނޫނަށް ތަބާވުމަކީ ލާޒިމުކަމެއް. ތިވަރުގެ ކޮސް ވިސްނުންހުރި ބަޔަކު ސެލްފް ރެގިއުލޭޓްކުރާނެ ގޮތެއް ވިސްނާ.