މިނިވަން މުއަސަސާތަކުގެ ކޮމިޓީއަށް މީޑިއާ ކައުންސިލް ހާޒިރުކުރުން: އެ ކައުންސިލުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
17 ސެޕްޓެމްބަރ 2025 - 19:19
މީޑިއާ ރެގިއުލޭޓް ކުރާ ބިލު ތަސްދީގުނުކުރައްވަން އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައީސް ޑރ.މުހައްމަދު މުއިއްޒަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.
ރައީސަށް ސިޓީ ފޮނުވުމަށް ފަހު ނެރުނު ބަޔާނުގައި އެމްއެމްސީން ބުނީ ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" މަޖިލީހުން ފާސްކުރުމުން ކަންބޮޑުވާ ކަމަށެވެ. ބިލު ތަސްދީގު ނުކުރައްވަން އެދި ރައީސަށް ސިޓީ ފޮނުވީ އެކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއް ނެތި ފާސްކޮށްފައިވާ ބިލަކަށް ވާތީ ކަމަށް ވެސް އެކައުންސިލުން ބުންޏެވެ.
ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގައި ގިނަ ބައެއްގެ ބައިވެރިވުމާ އެކު ބިލު ދިރާސާކުރަން އެދުނު ނަމަވެސް ބިލު ފާސްކުރީ "މަރުހަލާތައް ނަމަކަށް ފުރިހަމަކޮށްގެން" ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައި އެމްއެމްސީން ބުންޏެވެ.
"...އެކަމުގެ ސަބަބުން، ފަހަށް ފުންކޮށް ވިސްނައި ރަނގަޅަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލިގެން ދިއުމަކީ އެތައް މައްސަލަތަކެއް އަލަށް ފެންމަތިވެގެން އަންނާނެ ކަމެއް ކަމަށް މިކައުންސިލުން ދެކެމެވެ،" އެމްއެމްސީގެ ބަޔާނުގައި ބުންޏެވެ.
މީޑިއާ ބިލު ގާނޫނަކަށް ވެއްޖެ ނަމަ މީޑިއާ ރެގިއުލޭޓްވުމުގެ ބަދަލުގައި ކޮންޓްރޯލުކުރެވިގެންދާނެ ކަމަށް ވެސް ބަޔާނުގައި އެ ކައުންސިލުން ބުންޏެވެ.
ނޫސްވެރިންގެ އިހުތިޖާޖުތަކާއި މުޒާހަރާތަކުގެ ތެރޭ ބިލް ފާސްކޮށްފައިވަނީ އެންމެ ފުރަތަމަ ހުށަހެޅި ގޮތް ބަދަލުކޮށް، ނޫސްވެރިންގެ ކަންބޮޑުވުން ހުރި ބައެއް މާއްދާތަކަށް ބައެއް އިސްލާހުތައް ގެނެސްފަ އެވެ. އެކަމަކު މިއީ ބަދަލުތަކެއް ގެނެސްގެން ވެސް ރަނގަޅު ނުކުރެވޭނެ ބިލެއް ކަމަށް ބުނެ އެ ބިލް މަޖިލީހުން ބޭރުކުރުމަށް ދިޔައީ ތަކުރާރުކޮށް އެދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައްޔިތުމީ
18 September 2025
މަގުމަތީ ހަޅުތާޅު ކުރަން އުޅޭ ދެތިން މީހަކު މެނުވީ މިކަން ކުރާކަށް ނޭދޭ. ގިނަ ކޮމެންޓު ހުރީ މީޑިއާ ބިލާ އެއްކޮޅަށް، ރައީސް ރައްޔިތުންގެ އާދޭސް އަޑުއައްސަވާ
މުލޭ
18 September 2025
ބިލު ތަސްދީގު ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް. ކޮންކަމަކާތަ ބިރުގަންނަނީ. މީހުންގެ އަބުރާއި ޒާތީ ދިރިއުޅުމަކީ ޙުރުމަތްތެރިވެގެންވާ ކަންކަން. ފިތުނައާއި ދޮގު ފެތުރުމަކީ ބައިބައިވުމުގެ އަސްލު. އެކަންކަމަަށް އަރައިގަންނަން ލައިސަންސް ދީފައި ނުބޭތިއްބޭނެ. އިމެއް މިނެއް ނެތި އެއްކަމަކަަށް ވެސް ފުރުސަތެއް ނުދެވޭނެ.
ޓްރައިބިޔުނަލް
18 September 2025
އަޅުގަނޑު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދާނަން. އަހަރަކަށް ވުރެ ގިނަ ދުވަހު ކުރިއަށްދާ މައްސަލަތަކެއް އެބަހުރި، އެ މައްސަލަތަކުގައި އަދިވެސް ހުކުމެއް ކުރަން ވިސްނަމުންދާ މައްސަލަތަކެއް އެބަހުއްޓެވެ. މައްސަލައަކީ ގަވާއިދުތަކެއް ނޫނެވެ. މިތަނުގައި މައްސަލައަކީ އެ އޮފީހުގައި ތިބި މީހުންގެ ޤާބިލުކަމާއި ތެދުވެރިކަމުން ޢަމަލުކޮށް އަވަސް ނިންމުންތަކެއް ނިންމުމެވެ.
ކަންއޮތްގޮތް
18 September 2025
ނޫން.. ނޫން. އަހަރުމެން ރައްޔިތުންގެ ހައްޤު ކޮބާ؟ އެއްވެސް ބިރެއް ފިކުރެއް ނެތި އަހަރުމެންގެ އަބުރު ކަތިލިޔަސް ނެތް ކުރެވޭނެ އެއްވެސް ކަމެއް. އެންމެންގެ އަތުގަ ފައިސާއެއްވެސް ނެތް ލޯޔަރުން ހޯދައިގެން ކޯޓަށް ދާކަށް. މީޑިއާބިލު ތަސްދީޤު ނުކުރަންޏާ، ކޮންމެހެން އެހެން މީހުންގެ މައްޗަށް އޮންނަންޖެހޭ ވަކި ޤަވައިދެއް ޤާނޫނެއްވެސް އޮންނާކަށް ނުޖެހޭ.
1181
17 September 2025
މީޑިއާ ކައުންސިލުގަ ތިބިމީހުން މިއުޅެނީ މަގާމު ގެއްލިދާނެތީތޯ؟