"އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ބައެއް ތަކެތި ގެންފޮސް އެ ނޫހުގެ އިސްބޭފުޅުން ރާއްޖެއިން ފުރުން މަނާކުރުމުން ކޮމިޓީ ތު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ މިއަދު އެކަން ކުށްވެރި ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގިރޭސި ސަފީރު ވިދާޅުވީ ދިވެހި ފުލުހުން އަދަދުގެ އޮފީސް ރެއިޑްކުރިކަމުގެ ޚަބަރު ލިބުމަކީ ހިތްދަތި ކަމެއް ކަމަށާއި މީޑިއާގެ މިނިވަންކަން އޮތް މިންވަރާ މެދު އޮތް ކަންބޮޑުވުންތައް އިނގިރޭސި ވިލާތުން ދަނީ އަަބަދުވެސް ފާޅުކުރަމުން ކަމަށެވެ. އެއީ ކޮމަންވެލްތުގެ މިންގަނޑުތައް ދަމަހައްޓަން ރާއްޖޭން ދީފައިވާ އިތުބާރާ ނުގުޅޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިވަން މީޑިއާ އަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އަދަދު ރެއިޑްކުރުމުން ކަންބޮޑުވުން ފާޅުކޮށް، ސީޕީޖޭ އިން އެކްްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަދަދު އޮފީހަށް ފުލުހުން ވަދެ ގެންދިޔަ ސާމާނު ދޫކޮށްލުަމަށާއި އެ ނޫހުގެ ބައެއް އިސް ނޫސްވެރިން ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ދޫކޮށްލަން ގޮވާލާ ކަމަށެވެ. 

"އަދި ރައީސާ ބެހޭ ގޮތުން ރިޕޯޓްކުރުން ހުއްޓުވަން ޖިނާއީ ތުހުމަތުކުރުން ހުއްޓާލަން ވެސް ގޮވާލަން،" ސީޕީޖޭ އޭޝިއާ އިން ކުރި ޕޯސްޓްގައި ބުންޏެވެ. 

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން  ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދުން ހެދި ޑޮކިއުމެންޓްރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އަދި އެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ރޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.

އެ މައްސަލާގައި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް އިއްޔެ ވަނީ ހިފަހައްޓައިފަ އެވެ.

އަދަދު ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީ މައްސަލާގައި ފުލުހުން ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

ފިޔާޒާއި ހަސަންގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގައިވަނީ އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އެ މީހުން ބައިވެރިވުން އޮތް ކަމަށް ތުހުމަތު އޮތުމުންނާއި ރާއްޖެއިން ފުރައިގެން ބޭރަށް ހިނގައިދާނެ ކަމަށް ބަލައި، ޕާސްޕޯޓް ހިފެހެއްޓީ ކަމަށް އަމުރުގައިވެ އެވެ.

އެހެންވެ އިއްޔެއިން ފެށިގެން އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިޔާޒާއި ހަސަންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައާ ގުޅޭގޮތުން ނެރުނު އަމުރުގައިވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، ރައީސް މުއިއްޒށް ގަޒްފުކުރި ކަމަށް ތުހުމަތުކުރާ މައްސަލަތަކުގައި މީޑިއާއެއްގެ އޮފީސް ފާސްކުރުމަކީ ފުލުހުންނަށް ލިބިގެންވާ ބާރެއް ކަމަށާއި އަދި އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ.

އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދޭ ކަމަށާއި ނަމަވެސް އެއީ މީހުންގެ އަބުރުކަތިލަން އޮތް މިނިވަންކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާ ބެހޭ ގޮތުން ހުރި ބައެއް މާއްދާތަކުގައި އެކަން އޮތް ގޮތް މިނިސްޓަރު އެއާ އެކު ލިޔުއްވި އެވެ. 

"ސީރިއަސް ތުހުމަތުތައް ހަދަހަދައިގެން ފެތުރުމަކީ ނޫސްވެރިކަމެއް ނޫން. ފުލުހުން ދަމަހައްޓަމުން އެ ދަނީ ގާނޫނުގެ ބާރާއި ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގެންފައިވާ ހައްގުތައް،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.