އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ކުރިން ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ބޭރުގައި ކިޔަވައިދޭން ހުއްދަ ނުދޭ ކޯސްތަކެއް ހިންގި މައްސަލައެއް ވަނީ ފެންމަތިވެފައި --- ފޮޓޯ/މިހާރު
01 އޮކްޓޯބަރ 2025 - 14:56
ރާއްޖޭގައި ކިޔަވައިދޭން ހުއްދަ ދީފައިވާ ކޯސްތަކެއް ބޭރުގެ މަރުކަޒުތަކެއްގައި ކިޔަވައިދީ، ބޭރުގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދިން މައްސަލަތަކެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބަލަން ފަށައިފި އެވެ.
އެމްކިޔުއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހަމައެކަނި ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ކޯސްތަކެއް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މަތީތައުލީމުދޭ މަރުކަޒަކުން ރާއްޖެއިން ބޭރުގައި ހިންގުމަށްފަހު ބޭރުގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދިނުމުން، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން އެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުގެ ތިން ގައުމެއްގެ ރަސްމީ އިދާރާތަކުން އެމްކިޔުއޭގައި އެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރަން އެމްކިއުއޭގައި އެދިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް ރާއްޖޭގައި ހުއްދަ ދީފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގުމާއި ސެޓްފިކެޓް ދިނުމަށް މަތީ އެއްވެސް މަރުކަޒަކަށް ހުއްދަ ދީފައި ނުވާނެ ކަމަށް ވެސް އެމްކިޔުއޭއިން ބުންޏެވެ.
އެމްކިއުއޭއިން ބުނީ ރާއްޖޭގައި ކިޔަވައިދޭން ހުއްދަ ދޫކޮށްފައިވާ ކޯސްތަކެއް ރާއްޖެއިން ބޭރުގައި ކިޔަވައިދީފައި ވަނީ ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީއަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ތަނެއް ކަމެއް އެމްކިއުއޭއިން ނުބުނެ އެވެ.
"ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކޮށްފައިވާ އެ އަމަލުގެ ސަބަބުން ރާއްޖެއިން ބޭރުގެ ދަރިވަރުންތަކަކަށްވާ ގެއްލުމަށް ޒިންމާވާންޖެހޭނީ އެކަން ކުރި މަރުކަޒުން،" އެ ބަޔާނުގައިވެ އެވެ.
އެމްކިޔުއޭއިން ހުއްދަ ދޫކޮށްފައި ނުވާ ކޯސްތަކެއްގައި "އެމްކިޔުއޭ އެޕްރޫވްޑް" ތަތްގަނޑު ޖަހައިގެން ސްރީލަންކާގެ ކޮލެޖަކުން އިސްތިހާރު ކުރި މައްސަލައެއް މިދިޔަ އަހަރު ފެންމަތިވެ، އެ މައްސަލަ ވެސް ތަހުގީގުކުރި އެވެ.
އެމްކިޔުއޭއިން ވަނީ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ކުރިން، އެ ކޯހަކީ އެމްކިޔުއޭއިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރުކޮށް، އެކަމުގެ ލިޔުން ހޯދުމަށް އިލްތިމާސްކޮށްފަ އެވެ. އެ މައްސަލަ އޭރު ދިމާވީ ސްރީލަންކާގެ "އެޕެކްސް އެޑް" ކިޔާ ކޮލެޖަކުންނެވެ. އެއީ އެ ގައުމުގެ ޓިވެޓްއިން ހުއްދަ ނުދޭ ސަނަދެއް ދޫކުރުމާ ގުޅިގެން ސަސްޕެންޑުކުރުމަށް ފަހު އަލުން ހުއްދަ ދީފައިވާ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
02 October 2025
އަދި ވާއެއް ނޭގުނު. ރާއްޖޭގައި ކިޔެވުން ހުއްދަ ނަމަވެސް ރާއްޖޭން ބޭރުގައި ކިޔެވުންމަނާ. ކޮންފަދަ ޢިލްމެއްބާ؟ ސިހުރުބާ؟
އެޑްމުންޑޯ
02 October 2025
އެޕްރޫވް ނުކުރީމާ އެނިމުނީ އެއްނު ،ގަވާއިދާއި ޚިލާފްވީމާ ދެން އެކަމާ މާވާހަކަ ގިނަކުރުމަކީ ބޭކާރު ކަމެއް ، ފައިސާތަކެއްތިމީހުން ތިކައްވާލީ
މިމީހާ
02 October 2025
މިމަންޖެ ތިތަނަށް ލީ އަޅެ ކާކުބާ. މީނަ މުޅިން މިދައްކަނީ ފެންވަރު ނެތޭ، ހުއްދަނެތޭ، މިނޫން ވާހަކަ އެއް ދައްކާތަން ނުފެނޭ. ތިމާ އައް ނުކުރެވޭ ކަންތަކާ ހަވާލު ވީމާ، ދެން ތިމާ އުޅޭނީ އަނެކުންނަށް ކަމެއް ނުކުރެވޭ ކަން ދައްކަން. މިއޮތްހާ ދުވަހު މިރާއްޖޭގައި ކިޔެވި މީހުން އަގު ވެއްޓުން ނޫންކަމެއް މީނަ އެބަކުރޭތަ. ތިމާ މޮޅު މީހެއްކަން ދައްކަން އުޅޭފާޑު.
އެވިޑް ކޮލެޖް
01 October 2025
ލަންކާގައި ކޭމްޕަސް ނަމުގައި ސެޓްފިކެޓު ވިއްކަމުން ދޭ.
އައްލާ ބެއްޔާ
01 October 2025
ސުވާލަކީ ބޭރުމީހަކު ރާއްޖެ އައިސް ތި ކޯސް ހަދައިފިއްޔާ އޯކޭ ތޯ ؟؟؟ ކޮންމެ ގައުމެއްގައި ކިޔަވައި ދިނަސް އެ ކޯހުގެ ހުރިހާ މޮޑިއުލްއެއް ހުއްދަ ދިން ފެންވަރަށް ކިޔަވާދިނީމަ ކީއްވެ ގަބޫލު ނުކުރަން ވީ ؟؟ އެ ގައުމަކުން އެ ކޯސް ގަބޫލު ނުކުރުން އެއީ އަދި އެހެން ކަމެއް. ރާއްޖެއިން ހުއްދަދިިން ކޯހެއް ރާއްޖެއިން ގަބޫލު ކުރަންވާނެ ؟؟ ޢެހެން ނޫނި ހުއްދަ ދޭއިރު ބުނޭ ދިވެހިންނަށް އެކަނި އޭ ކޯސް ހިންގަން ވާނީ.. ބޯ ހަލާކު މި މީހުން ދައްކާ ވާހަކައިން ..
ދިދާ
01 October 2025
ކޮންތަނެއްކަން އެންމެނަށްވެސް އެނގޭ މަހުޖަނަކު ހިންގާ ތަނެއްވީމަ ހާމަކުރަން ޖެހިލުންވަނީ. މަހުޖަނުން ހިންގާ ތަންތަނުން ކޮންމެފަދަ ޖަރީމާއެއްހިންގިޔަސް އޮންނަނީ އެކަން ސަރުކާރުތަކުން ސިއްރުކުރަމުން ދެން ކިހިނެއްކަންކަން ރަނގަޅުވާނީ.
ޗަޕް
01 October 2025
މިއަންހެން މީހާ ތިތަނަކަށް ލީފަހުން މުޅި ތަން ޚަރާބު ކޮށްފި. އަބަދުވެސް ކޮންމެވެސް ބައެއްގެ ފަހަތުން ދުވުން ނޫން ކަމެއް ނޯވޭ.
ހިމް
02 October 2025
ފެންވަރު ނެތް މީޙުންނާއި ތަންތަން ފަހަތުން ދާން އޮތް މުއައްސަސާއަކުން އެގޮތަށް މީހުން ފަހަތުން ދުވުމަކީ ކުރިއެރުމެއް. މައްސަލައަކީ އަދިވެސް ފަހަތުން ދުވަންޖެހޭ އެތައް ބައެއް ފަހަތުން ނުދިއުން.
އެކުދިންގެ ފައިސާއާއި ވަގުތު
01 October 2025
ލޮލް. އެއްމެނަށް ގެއްލުންދޭ ތަނެއް.
ހާދަ ދެން ހެޑްލައިނޭ
01 October 2025
އެމްކިއުއޭ އިން ދެން ހާދަ ހެޑްލައިނެކޭ މިހަދަނީ. އެކަމު އަމިއްލަ ވެބްސައިޓު ހުރި ހާލަތު ބަލާލެވޭނެބާ؟ މީހުން ގުޅިއްޔާ ފޯނު ނެގޭބާ؟ ޕްރޮޔަރިޓީޒް ފިޒާނާ. ޕްރޮޔަރިޓީޒް.
ވާނު
01 October 2025
މޮޅެތި ވާހަކަ ނުދައްކާ ރާއްޖޭގަ ހިންގާ ކޯސްތައް މޮނިޓަރ ކުރެވޭތޯ ބަލާބަލަ. ކިޔަވައިދިނުމުގެ ޝަރުތު ހަމަނުވާ މީހުންލައްވާ އެބަ ކިޔަވައިދޭ