ސިޔާމް: ފުއްގިރި މައްސަލާގައި ސަންގެ ދެ ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
01 އޮކްޓޯބަރ 2025 - 15:51
ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް، އާންމުކޮށް ހުޅުވާނުލައި ބޭއްވި އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިމެނޭ ފައިސާތަކެއް ލޯންޑާކޮށްދިން ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ މައްސަލާގެ ހުކުމްކުރި ދުވަހުގެ ތާވަލްގައި އެ މައްސަލަ ހިމަނާފައެއް ނުވެ އެވެ. އަދި އެ މައްސަލައިގެ ހުކުމް މިހާތަނަށް ވެސް ކޯޓުން ޝާއިއުކޮށްފައެއް ނުވެ އެވެ. ނަމަވެސް ކޯޓުތަކުން ކުރާ ހުކުމްތައް ދުވަހުން ދުވަހަށް ޝާއިއު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެ ޝަރީއަތް ސިއްރު ނުކުރާ ކަމަށެވެ. އަދި މައްސަލައިގެ ހުކުމް އާންމު ނުކުރީ އިދާރީ އޮޅުމެއްގެ ސަބަބުން ހުކުމް ލިބިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އެ ހުކުމް އަދިވެސް ކޯޓުން އާންމެއް ނުކުރެ އެވެ.
ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައިކް
02 October 2025
ކޮރަޕްޓް ގައުމެއް ގައި ކުށެއް ސާބިތެއް ނުވާނެ
ތުރުތު
02 October 2025
އަދީބުގެ ލީކުވި މެސެޖް ލޮގުތައް ބަލާލީމަ އެނގޭނެ ފުލުހުންނާއި ޕީޖީއާއި އެޓާނީޖެނެރަލާއި ކޯޓުތައް ވަނީ ވަކި ބަޔެއްގެ އަތްދަށުގައިކަން. އެންމެ ފޯން ކޯލަކާ އެކީ ހުރިހާ ހެކިތަކެއް ފުހެލެވޭ. ނޭނގޭ ބީއެމްއެލް އިންވެސް ނޫނީ އެމްއެމްއޭ އިންވެސް ހެކިތައް ނައްތާލާ ކަމެއް، ނައްތާނުލިއަކަސް ފުލުހުންގެ ޓީމަކަށް ދުވަހަކުވެސް ނުފެންނާނެ. ކުއްވެރިވަނީ އަބަދުވެސް ރިހާކުރު ވަގަށް ނެގި މީހާ،
އަބްދުﷲ
02 October 2025
ކިހިނެއްހޭ ކުށްވެރިވާނީ. އެމީހަކު ރާއްޖެ އައި އިރު ގެނައި ސޫޓްކޭހުން 2 ފުޅި ބަނގުރާ ފެނުނު މައްސަލާގައި ދައުލަތުން ކޯޓުގައި ދައުވާ އުފުލުމުން އެމީހާއަށް ގޯސްވީ އެ މައްސަލަ ބަލާ ގާޒީ އެހިސާބުން ގާޒީއަތުން މައްސަލަ ނަގައި އެހެން ގާޒީއަކަށް ބަދަލު ކުރުވީ. މައްސަލަ ނިމުނު އިރު ގޯސްވީ އޭނާގެ ލަގެޖް ފާސްކުރި ކަސްޓަަމްސް އޮފިސަރު. މިރާއްޖޭގައި ގާނޫނު ހިނގަނީ އަތުގަ ފައިސާއެއް ނެތް، އާދައިގެ މީހުންގެ މައްޗަށް.
އިބޫ
02 October 2025
ކޯޓުތައްވެސް ވިކިފަ
ޒުނޭރާ
02 October 2025
މިފަހަރު ބުނާނެ މުއިއްޒު ސަރުކާރު ރަނގަޅޭ. ހަބޭސް ސަރުކާރެކޭ.
އަކަލަސް
02 October 2025
ނުވާނެ ސާބިތެއް. ސަން ސިޔާމް ސަރުކާރަށް ލާރިދީދި މައްސަލަ ނިންމުމުގެ ކުރިއަށް
ގުއިއްޒު
01 October 2025
މޭޒު ދަށުން ދިޔަ މައްސަލައެއްތާ!
އަބްދުﷲ
01 October 2025
އެތަކެއް މިލިއަނުން ކުރާ ވައްކަމާއި ރިޝްވަތުތުގެ ދައުވާ ތަކުގައި މިރާއްޖޭގައި ކުށް ސާބިތުނުވާނެ. އެހެނީ އެގާނޫނު ހެދި ބަޔަކަށް ރަނގަޅައް އިނގޭނެ އެންމެ ފުރިހަމަ ގޮތުގައި ގާނުނު ހަދައިފި ނަމަ އެންމެ ފުރަތަމަ އެގާނޫނެއްގެ ދަށުން ހުކުމް ކެރެވީނީ އެބައި މީހުންނަށް ކަން.
ކޮރަލް
01 October 2025
ސިޔާސީ މީހުން ސަރުކާރާ ދެކޮޅަށް އަނގައިން ނުބުނާ ހާ ދުވަހަކު ދާނީ މައްސަލަ އެއް ނުޖެހި އެވެ. ހަމަ ދެކޮޅަށް އެއްޗެކޭ ބުނާ އިރަށް ޕާކް ކޮށްފަ ހުންނަ މައްސަލަ ތައް ބަލަން ފަށާނެ އެވެ.
ވަރަށް ދެރަވަރު
01 October 2025
ކޯޓުތައް އޮތީ ވަރަށް ބޮޑަށް ކޮމްޕްރޮމައިޒް ވެފަ. ސަރުކާރާ ދެކޮޅަށް ކޭހެއް ވިން ނުވޭ މިހާރު