މި ފަހަރުގެ އެކައުންޓެންޓްސް ފޯރަމްގައި 300 އަށް ވުރެ ގިނަ އެކުންޓަންޓުން ބައިވެރިވި.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025 ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ..---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
11 އޮކްޓޯބަރ 2025 - 12:39
މާލީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެންމެ މުހިންމު އެއްޗަކީ އިތުބާރު ކަމަށާއި އެ އިތުބާރު ފެެށެނީ އެކައުންޓެންޓުންގެ މަސައްކަތާ ހިސާބުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ) އިން މިއަދު ފެށި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވިޔަފާރި އާއި މާލީ ދާއިރާ އަންނަނީ މީގެ ކުރިން ދުވަހަކު ވެސް ބަދަލު ނުވާހާ އަވަހަށް ބަދަލުވަމުން ކަމަށެވެ. ނަމަވެސް އެ ބަދަލުތަކާ އެކު، އެ ކަމެއްގެ ބޭނުންތެރިކަމަށް ބަދަލެއް ނާންނަ ކަމީ އިތުބާރު ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025 ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ފިނޭންސް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ..---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"މާލީ ނިޒާމެއް [ހަރުދަނާކޮށް] ދަމަހައްޓައިދޭ އެއްޗަކީ އިތުބާރު، އަދި އެކަން ފެށެނީ އެކައުންޓެންޓުންގެ މަސައްކަތާ ހިސާބުން،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025 ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޒަމީރާއި އަދި އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ..---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި އިތުބާރު ހިފޭ މާލީ މައުލޫމާތު ލިބުމުން ޒިންމާދާރުކަމާ އެކު، ދަރަނި ދޫކުރަން ބޭންކުތަކަށް މަގުފަހިވާނެ އެވެ. އިންވެސްޓަރުންނަށް ރަނގަޅު ނިމުންތައް ނިންމޭނީ ވެސް އެފަދަ މައުލޫމާތު ލިބިގެން ކަމަށް ޒަމީރު ވިދާޅުވި އެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025 ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ބައިވެރިވެވަޑައިގަންނަވަނީ..---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް، އިތުބާރާއި ޔަގީންކަމާ އެކު ޕްލޭން ކުރެވޭނީ ވެސް [އިތުބާރު ހުރި މާލީ މައުލޫމާތު ލިބިގެން]،" ޒަމީރު ވިދާޅުވި އެވެ.
"ސީއޭ މޯލްޑިވްސް" ރާއްޖެ އަށް އެހާ މުހިންމު ވަނީ އެ ސަބަބާ ހެދި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ހަމަ އެކަނި ރެގިއުލޭޓަރެއް ނޫން ކަމަށާއި އެއީ އިތުބާރާއި ނަޒާހަތްތެރިކަމުގެ ބެލެނިވެރިއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގެ ބައެއް ބައިވެރިން ފޯރަމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރުގެ އެކައުންޓެންޓްސް ފޯރަމްގައި 300 އަށް ވުރެ ގިނަ އެކައުންޓެންޓުން ބައިވެރިވެ އެވެ. އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ އެ ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ގޯލްޑް ސްޕޮންސަރުންނަކީ ދިރާގާއި އެސްޓީއޯ އެވެ.
އެ ފޯރަމްގައި މާލީ ދާއިރާގެ ތަޖުރިބާކާރު އެތައް ބޭފުޅުންނެއް ތަގުރީރު ކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިންނު
12 October 2025
ސަރުކާރަށް ރައްޔިތުންގެ އިތުބާރެެއްނެތް. ސަބަބަކީ ކޮރަޕްޝަން އިންތިހާއަށް އަށަގަނެފައިވުން. މިވާހަކަ އެންމެ ބާރަށް މިދައްކަނީ މިކަމުގައި ހައްދުން ނެއްޓިފައި ތިބިމީހުން. ދައުލަތުގެ ވުޒާރާތައް ހިންގުމުގައި ގާނޫނާއި ގަވާއިދުތަކަށް ގޮންޖަހާފައި ތިމާ ބޭނުންވާ ކޮރަޕްޓް ޕްރެކްޓިސް އަށް ސަޕޯރޓް ދޭ މީހުން ކައިރިކޮށް، ތެދުވެރި އަމާނާތްތެރިން އެކަހެރިކޮށް، ބާކީ ކޮށްފައި. އެ މީހުންގެ ކެރިއަރު ފުނޑު ފުނޑު ކޮށްލީ ކޮރަޕްޝަނަށް މަގު ފަހިކުރަން.
އުސްމާނުބެ
12 October 2025
މާލީ ނިޒާމުގެ އިތުބާރު ފެށެނީ އެކައުންޓެންޓުންނާ ހިސާބުން: ގިނަފަހަރު އެހިސާބައް އަންއިރު އޮންނަނީ ހަދާނެ އެއްޗެއް ހަދާފަ ވަރައް ބޮޑައް ޝުކުރިއްޔާ
ހަމްދާ
11 October 2025
މިކަހަލަ މާނަނޭގޭ ބަސްތައް ބޭނުންކުރުމަކީ އާދައެއް
ކަބީރު
11 October 2025
އެކައުންޓެންޓުނަށް ޒިންމާ އާއި މަސައްކަތާ ނުބައްދަލުގެ ކުޑަ މުސާރެއް ދެނީ އެހެންވެތޯ. ނުކިޔަވާ އޮފީހުގަ މަސައްކަތެއް ނުކުރާ އަތްޖަހަން ތިބޭ ސިޔާސީ މިހާ 4 ގުނަ ބޮޑު މުސާރައެއް ދިނީމަ އެއީ އެކައުންޓެންޓުނަށް ފަދަ ކިޔަވައިގެން ތިބޭ މުއަށްޒަފުންނަށް ކުރެވޭ މަލާމާތެކޭ އެއީ މިނިސްޓަރޫ
ރާވެރިބެ
11 October 2025
އިތުބާރު ފެށެން ޖެހެނީ ސަރުކާރާ ހިސާބުން. އެކައުންޓަންޓުންގެ މަސައްކަތަށް ވެސް އިތުބާރު ކުރެވެން ޖެހޭ. އޭގެ ކުރިން ސަރުކާރުގެ ޕޮލިސީއަށާ ސަރުކާރުން ރައްޔިތުންގެ ފައިސާ ޚަރަދުކުރަނީ ޒިންމާ ދާރުގޮތަކަށް ތޯއާއި އަދި ޕްރޮޖެކްޓްތަކީ ރައްޔިތުންނަށް އެންމެ ބޭނުންތެރި ކަންކަން ތޯއާއި ހިންގާ ޚަރަދުތަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ޕްރޮޖެކްޓްތަކަށް ވެގެން ނޫނީ މާލީ އިދާރާތަކުގެ އިތުބާރެއް ނުޙޯދޭނެ. އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން އާންމުވެފަ އޮތްވަރު.