ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ. އެމަނިކުފާނު ރޭ ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމަށް ސަރުކާރުން ފަށަން ނިންމާފައިވާ މަޝްރޫއު އިއުލާންކޮށްދެއްވާފައި. -- ފޮޓޯ: ރައީސް އޮފީސް
16 އޮކްޓޯބަރ 2025 - 09:42
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދެވޭނެ ނިޒާމެއް ގާއިމުކޮށް، އިންކްލޫސިވް ކުލާސްރޫމްތައް އެޅުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ފުނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އާ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ ކަނޑައަޅާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ތައުލީމާއި ސިއްހީ ދާއިރާ ކުރިއަރުވަން ކަމަށެވެ.
ތައުލީމީ ދާއިރާއަށް 500 މިލިއަން ރުފިޔާ ހާއްސަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާ އިން ބަލާކަމަށްވާ ނަމަ އިންކްލޫސިވިޓީއެއް ނެތް، މި ދެންނެވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، އެ ކުދިންނަށް ބޭނުންވާ ސަމާލުކަން ދެވޭ ނިޒާމެއް ރާއްޖޭގެ ތައުލީމީ ދާއިރާގައި ފުރިހަމަކުރެވިފައެއް ނެތް. ކޮންމެވެސް ވަރަކަށް ނެތް ވާހަކައެއް ނޫން. -- ރައީސް
އެ ބަޖެޓުގެ ތެރެއިން، ރައީސް ވިދާޅުވި ގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި ކޮންމެ ރަށެއްގައި ތައުލީމް ހާސިލްކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވެ އެވެ.
އެކަމަކު މި ސަރުކާރުގެ ސިޔާސަތަކީ އެ ކުދިންނަށް ވެސް އެހެން ކުދިންނެކޭ އެއްގޮތަށް ސްކޫލްތަކުގައި ކިޔެވޭނެ މަގުފަހިވުން ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކްލާސްރޫމްތައް ހަދައި މިހާތަނަށް 80 ޓީޗަރުން ތަމްރީންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އިތުރު ޓީޗަރުން ވެސް ތަމްރީންކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
"ތައުލީމީ ދާއިރާ އިން ބަލާކަމަށްވާ ނަމަ އިންކްލޫސިވިޓީއެއް ނެތް، މި ދެންނެވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، އެ ކުދިންނަށް ބޭނުންވާ ސަމާލުކަން ދެވޭ ނިޒާމެއް ރާއްޖޭގެ ތައުލީމީ ދާއިރާގައި ފުރިހަމަކުރެވިފައެއް ނެތް. ކޮންމެވެސް ވަރަކަށް ނެތް ވާހަކައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މި އަންނަ އަހަރު ބަޖެޓުގައި މިހާތަނަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދެވޭ މިންވަރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އިންކްލޫސިވް ކްލާސްރޫމް ގާއިމުކުރުމަށްޓަކައި މަޝްރޫއެއް އެބަ ހިމަނަން."
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ވޮކޭޝަނަލް ހައި ސްކޫލެއް ހެދުމުގެ މަސައްކަތް ވަނީ ފަަށައިފަ އެވެ. އަންނަ އަހަރު އޭ ލެވަލް ފުޅާކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަަމަށް ވިދާޅުވި އެވެ.
ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ރައްޔިތެއް ކަމަށާއި މީހެއްގެ ގައިގައި ހުންނަ އުނިކަމަކުން ހިދުމަތް ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ހިދުމަތް ދިނުމުގައި ހުރިހާ ރައްޔިތުންނަށް ވެސް އަދުލުވެރިވާންޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައުޔު
16 October 2025
ވަޢުދު ވާކަށް ޖެހިމުމެއް ނުވޭ، ފުއްދަން ނޭނގެނީ
ސިބާހް ހަސަން
16 October 2025
މިކަން އެހެން ވެރިން ނުކޮށް އިނުމަކީ ރައްޔިތުންނަށް އަދި އެތައް އާއިލާއަކަށް ދެވުނު އަނިޔާއެއް. މިކަން މިއީ ކުރަން ޖެހޭ ކަމެއް
އަސްނާދު
16 October 2025
ކޮންމެ ފިކުރެއްގައި ހުއްޓަސް ރަނގަޅު ކަމެއް ކޮށްފިނަމަ އެކަން ބަލައިގަންނަން ވާނެ. މިއީ ވަރަށް މުހިއްމު ރަނގަޅު ކަމެއް
އައިޒަމް ހަލިމް
16 October 2025
އަލްހަމްދުލިﷲ.އެތައް އާއިލާއަކަށް ލިބޭނެ އުފާވެރި ހަބަރެއް މއިީ
ނަމްރޫދު
16 October 2025
މީހަމަ ހުސް ވާހަކަ. ރައްޔިތުން ހައްލަން ދައްކާ ވާހަކަ މީގެ ދެއަހަރު ފަހުން ބަލަން އެލާމް ލާފަ ބަހައްޓާ އިންކުލޫސިވް ވާ މިންވަރު