އެމްޑީޕީ ސަރުކާރުގެ އެޓާނީ ޖެނަރަލް، އިބްރާހިމް ރިފްއަތު އޭސީސީއަށް ހާޒިރުކުރުން.
16 އޮކްޓޯބަރ 2025 - 20:12
މިދިޔަ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވި އިބްރާހިމް ރިފްއަތު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފި އެވެ.
ރިފްއަތު އޭސީސީއަށް ހާޒިރުކޮށްފައި ވަނީ ސީދާ ކޮން މައްސަލައެއްގައި ކަމެއް އޭސީސީއަކުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް، އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ.
އެމްޑީޕީ ސަރުކާރުގެ އެޓާނީ ޖެނަރަލް، އިބްރާހިމް ރިފްއަތު އޭސީސީއަށް ހާޒިރުކުރުން.-- ފޮޓޯ: އެމްޑީޕީ
އަދި އިއްޔެގެ ވަގުތެއްގައި ވަނީ އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް އޭސީސީއަށް ހާޒިރުކޮށްފަ އެވެ.
އެ ކޮމިޝަންގެ ތަހުގީގަށް ދެ ގަޑިއިރު ވަންދެން ސުވާލުކުރުމަށް ފަހު، އެ ތަނުން ނުކުމެވަޑައިގެން އައިޝަތު އަލީގެ ވަކީލް، އަހުމަދު މައުރޫފް ވިދާޅުވީ އެ ކޮމިޝަނުން ކުރާ ތުހުމަތުގައި އޮތީ ނުހައްގު ބަދަލެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ނުހައްގު ބަދަލެއް ކަމަށް ކަނޑައެޅީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެކަމަށް ވަކި ތަފްސީލެއް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި އައިޝަތު އަލީ ބައިވެރިވެވަޑައިގަތީ ލަފާ ދޭ ކޮމެޓީއެއްގަ އެވެ. އެއީ ގޮތް ނިންމާ ކޮމެޓީއެއް ނޫން ކަމަށާއި ނުހައްގު ބަދަލެއް ދިން ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭގޮތުން އޭސީސީން ސުވާލެއް ނުކުރާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
އެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ފައްޔާޒު އޭސީސީއަށް ހާޒިރުކޮށްފައިވާއިރު ފައްޔާޒް އޭސީސީއަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާއަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމެވެ.
އޭގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
އެ ބޭފުޅުން އޭސީސީއަށް ހާޒިރުކުރާ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ވިދާޅުވީ އެކަމަކީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެމްބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަބޫބޫ
16 October 2025
ސީޖީޓީ މައްސަލައިގައިވެސް ހާޒިރުކޮށްލުވަބަލަ އަޅެ. ޙިސާންއާ ދެކުދިން.