ރަށެއްގެ ބަނދަރުމަތީ ބަޔަކު މަސް ބާނަނީ: މަސްވެރިކަމަށް، ޒުވާނުންގެ ޝައުގުވެރިކަން އިތުރު އެލެވެންސްއެއް ލިބޭ ޕްރޮގްރާމެއް ހިންގަން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
18 އޮކްޓޯބަރ 2025 - 15:11
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް އެލަވަންސެއް ދީގެން ހިންގާ ތަމްރީން ޕްރޮގްރާމަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ގެޒެޓްކުރި އިއުލާނެއްގައި ބުނީ ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމްއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޒުވާން، ފަސް މަސްވެރިއަކު ތަމްރީންކުރާނެ އެވެ. މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އަންނަ ނޮވެންބަރު މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖެނަވަރީ މަހުގެ ނިޔަލަށް ކަމަށެވެ. ތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޕްރޮގްރާމްގައި ބައިވެރިވެވޭ ޝަރުތުތައް:
- މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން
- އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން
- ފިޝަރީޒް މިނިސްޓްރީގެ މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒުވާނުން އަށް މިޔަރު
20 October 2025
މިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުން އަވަސް ކުރުމަށް ގޮވާލަން! ޒުވާނުން މަހަށް ވެސް ދާނެ ރަގަޅު އާމްދަނީއެއް ލިބޭ ކަމަށް ވަނީ ނަމަ!
ޑަރޯގާ
19 October 2025
މަސްވެރިކަން ވަނީ ފުނޑާލާފައި. މަހަށްދާން ތިބި އެންމެނަށް ވަނީ ފެނަކައިން ސަރުކާރު ކުންފުނި ތަކުން ވަޒީފާ ދީފައި. އެމީހުން ޖެހެނީ ސޮއިކޮށްލާފަ ގެޔަށްދާން.
ޖަލީލީ
19 October 2025
މަސްވެރިކަމަށް ނުކުމެ ރަނގަޅު އާމުދަނީއެއް ހޯދަމުންއައި ނޫކަށި ފުރައިގެ ދިވެހި ޒުވާނުންތަށް ނެތް ޑިމާންޑަށް ފެނަކަ އާއި އާރު.ޑީ.ސީއަށް ކަހާލައި ދިވެހި މަސްވެރިކަން ހަލާކުކޮށްލީމަ ވަރަށް ތާހިރު. މިހާރު މިޖެހެނީ ބޭރު ކަރަކަރައިން މަސްވެރިންވެސް ހޯދަން. އަމާޒު ލާހޫރޭ.
އެކްސްްް
19 October 2025
އެންމެ ފުރަތަމަކަމަކަށް، މަހުގެ ވެށި ހިމާޔަތްކުރުމުން މުހިއްމު. ހުރިހާ ފަޅުތަކެއް ހިއްކައި، ފަރުތައް ހަލާކުކުރުމުން ދެން ބާނާނެ މަހެއް ނުހުންނާނެ.
ނީލާ ހަމީޝް
19 October 2025
ސަރުކާރަކުން ކުރާނެ އެއްމެ ރަނގަޅު އެއްކަމަށް މިކަން ވާނެ. ސަބަބަކީ ޒުވާނުން ނެރެގެން އަންނަން އޮތް ޖީލަށް މިކަން ގެންދެވޭނީ. ދިވެހިންގެ ސްޓައިލްގައި
މޫސާ ޔައީޝް
19 October 2025
މިދިޔަ ސަރުކާރު ތަކުން މިކަން ނުކޮށް އޮތުމަކީ މަސްވެރިކަމުގެ ސިނާއަތަށް ދެވޭ އަނިޔާއެއް. މިކަމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. ސަބަބަކީ ޒުވާނުން ނެރެގެން މިދާއިރާ ސަސްޓެއިން ވާނީ.
އާދަމް ހަލީމް
19 October 2025
ވަރަށް މުހިއްމު ކަމެއް. މިދާއިރާއަށް ޒުވާނުން ނެރެން ކުރެވެން އޮތް ކަމެއް ކުރަން ޖެހޭ.
ގރުނީ
18 October 2025
ފުރަތަމަ ސުކޫލު ނިމޭ އިރު ފަތަން އެގެން މަޖުބޫރު ކޮށްބަލަ. ދެން ސުކޫލު ކުދިން މޫދާ ރައްޓެހި ކުރުވަބަލަ. މިހާރު ހުސް ދުޅާ ކުދިން ގިނައީ.
ކޮރަލް
18 October 2025
ހުޅުމާލޭ ބޭރު ތޮއްޓެއް ނޫނީ ބޭރުފާލަމެއް މަސްވެރީން މަސްބާނަް ހުރމަށް ޓަކާ ހުޅުމާލޭ މަސްވެރީން ދަންނަވާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެތައް ބައްދަލުވުމެއް ބޭއްވިއްޖެ އެވެ. ހުޅުމާލޭ ގެސްޓް ހައުސް ޓޫރިޒަމް އަށް ވެސް ފައިދާ ކުރާނެ ކަމެކެވެ.
ޙެހެހދހ
18 October 2025
ކީއްތަވާނީ ކޮންމެރަށެއްގަވެސް މަލިކު ގަ ހުންނަކަހަލަ މަސްބާނާ ޖެޓީއެއްއަޅާލަދިނީޔާ