ލ. ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި. -- ފޮޓޯ: ރައީސް އޮފީސް
21 އޮކްޓޯބަރ 2025 - 00:41
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ވާދަވެރި ފަރާތްތަކުން ތިބީ އެ މަނިކުފާނުގެ ވެރިކަމަށް ދެތިން ހަތަރު މަހެއްގެ ތެރޭގައި ގައުމު ބަނގުރޫޓުވެ ވެރިކަން ނުކުރެއްވޭނެ ހާލަތަށް ދާނެ ކަމަށް ހީކޮށް "އަތްޖަހަން ތައްޔާރުވެގެން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމްގެ އުފަން ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުން ކަމަށެވެ.
ފޮނަދޫގައި ގިނަ މަޝްރޫއުތަކެއް ފެށުމަށް މިރޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވާއިރު އަބްދުއްރަހީމް ވިދާޅުވީ މިއީ ފޮނަދޫގެ ތަރައްގީގައި އާ ސަފުހާއެއް ލިޔެވިގެން ދިޔަ ރެއެއް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ފޮނަދޫގައި އެއްފަހަރާ މިހާ ގިނަ އަދި މިހާ ބޮޑެތި ތަރައްގީގެ މަޝްރޫތައް އެއްފަހަރާ މި ނޫނީ ފެށިފައި ނެތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފޮނަދުއަށް ވަޑައިގެން ވެ ވަޑައިގެންނެވި ހުރިހާ ވައުދެއްހެން ފުއްދެވުމަށް އެ ކަންކަމުގެ އަމަލީ މަސައްކަތް ފެށުމާ ހަމަޔަށް މިހާރު އާދެވުނީ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ރައީސަށް "އައްސަރިބަހާއި ސާބަސް" ދަންނަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޝްރޫއުތައް ލަސްވުމަކުން ޝަކުވާއެއް ނެތް ކަމަށެވެ.
"މަޝްރޫއުތައް ލަސްވުމަކުން އަޅުގަނޑުމެންގެ ޝަކުވާއެއް ނެތް. ކަންބޮޑުވުމެއް ވެސް ނެތް. ހިތްހަމަނުޖެހުމެއް ވެސް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ސަބަބަކީ، ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު މި ގައުމު އޮތް ހާލަތު އަޅުގަނޑުމެންނަށް އެނގޭތީ."
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ގައުމު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ.
"ވާދަވެރިން ތިބީ ވަރަށް ފޯރިއާ އެކީގައި، ގައުމު ބަނގުރޫޓުވެގެން ހިނގައިދާނެ ކަމަށް އަތްޖަހަން ތައްޔާރަށް. ތިންހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ބަނގުރޫޓުވެ، ވެރިކަން ނުކުރެވޭ ހިސާބަށް ގޮސްގެން އަޅުގަނޑުމެންގެ ވެރިކަން، އާދެ، ޕީއެންސީގެ ވެރިކަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމިގެން ހިނގައިދާނެ ކަމަށް އަތްޖަހަން، ފޫގަޅައިގެން ތިބީ އަޅުގަނޑުމެންގެ ވާދަވެރިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ވިސްނުންތެރިކަމާ އެކު، ކަމަކަށް ފަހު ކަމެއް ކުރައްވަމުން ވަޑައިގެން، ވެރިކަމަށް ދެ އަހަރުވާން ގާތްވެފައި ވާއިރު ތަރައްގީގެ މަޝްރޫއުތައް ވަނީ މެކުހަށް ޖަހާފައި ކަމަށެވެ.
"ހަމަ ގައިމުވެސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިއަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއު ފެށި ސަރުކާރެއް މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހު ދެކެފައެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިއްޔެ ހަވީރު ފޮނަދު އަށް ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ފޮނަދޫ ރައްޔިތުން ތިބީ ރައީސް މުއިއްޒުއާ އެކު ކުރިއަށްދާން ތައްޔާރަށް ކަމަށާއި ފޮނަދޫ ރައްޔިތުންނަކީ ވާނުވާ ބަލައިގެން ކުރިއަށްދާ ބައެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއަދާ ހަމަޔަށް އައި އިރު ސަރުކާރުން ވަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައި. އޭގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ ދިވެހިރާއްޖެ ބަނގުރޫޓުވިޔަ ނުދީ، ދައްކަންޖެހޭ ދަރަނިތައް ދައްކަމުން، ކުރަންޖެހޭ ކަންކަން ކުރަމުން، މިއަދާ ހަމަޔަށް އައި އައުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ވާހަކަ ދެއްކެވި ނަމަވެސް ވާހަކަ ނިންމަވާލައްވަމުން އަބްދުއްރަހީމް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ވެސް ވާހަކަ ދެއްކެވި އެވެ.
ފޮނަދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަދި އެހެން ބައެއް ވެރިންނާއި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ.---ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަނިކުފާނުގެ ސަރުކާރު ހިންގެވުމަށް ބޭނުންވާ އެއްވެސް ކަމެއްގައި ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ،" ރައީސަށް ޔަގީންކަން ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
"މަނިކުފާނު ފޮނުއްވާ ކޮންމެ ބިލަކީ ގައުމާއި ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ އޮތް ބިލެއްކަން އަޅުގަނޑުމެންނަށް ޔަގީން. އެހެންވެ އެ ބިލެއް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ. ފާޑުކިޔާ ބަޔަކު ފާޑު ކިޔަންވީ. އެކަމާ ވާހަކަ ދައްކާ ބަޔަކު ވާހަކަ ދައްކަންވީ. އެކަމަކު ރައްޔިތުންގެ އަޣުލަބިއްޔަތު އޮތީ ރައީސް މުއިއްޒުއާ އެކީގައި. އެހެންވެ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަށް މައިނޯރިޓީ ޖެހޭނީ ތަބާވާން. އެއީ ޑިމޮކްރަސީއަކީ."
މިރޭގެ ޖަލްސާގައި ފޮނަދޫގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހާއި ލޭންގުއޭޖް ސެންޓަރު ގާއިމުކުރުމާއި އޮފީސް ކޮމްޕްލެކްސްއެއް ގާއިމުކުރުމާއި ބަނދަރު ތަރައްގީކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ވެސް ސޮއިކުރި އެވެ. މީގެ އިތުރުން ފޮނަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ކައްދޫ އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމާއި ފޮނަދޫ ސްޕޯޓްސް ކޮމްޕްލެސް އެޅުމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
21 October 2025
ގައުމު ބަނގުރޫޓުވުމާ ނުވުމަކީ ކޮބައިތޯ؟. ރާއްޖޭން ބޭރަށް ދިޔަސް ބޭރުން އެއްޗެއް ގަތަސް ޑޮލަރ ބޭނުންވޭ. 20 ރުފިޔާއަށް ޑޮލަރ ގަންނަންޖެހުނީމަ ގައުމު ބަނގުރޫޓުވުމާ ރައިއްޔަތުން ބަނގުރޫޓުވުމާ ހުރި ތަފާތަކީ ކޮބައިތޯ؟.
ގެދޮރޭ
21 October 2025
އަބްދުބޭ ހެޔޮނުވާނެ ތިކަހަލަ ވާހަކަ ދައްކަން. އިދިކޮޅު ބައެއްމީހުން ތި ވިސްނުމުގަވެސް ނުތިބޭނެޔެކޭ ނޫން. އެކަމަކު ގިނަމީހުން ތިނީ ގައުމު ބަނގުރޫޓްވެދާނެތީ ހާސްކަންމަތީ. މިހާރުވެސް ވައްކަންކުރުން އިންތިހާގަ ހުރިކަމަށް ފެންނަނީ. މިސާލަކަށް ސިނގިރޭޓްތައް "ގެއްލުން".
ބަގީރާއްތަ
21 October 2025
ބަނގުރޫޓުވުމަކީ އަތްޖަހާ ޒާތުކަމެއް ނޫން. ވާދަވެރިން ފެށުނީއްސުރެ ކިޔަނީ ހަރަދު ކުޑަކުރަން. ބަނގުރޫޓު ވިޔަ ނުދިނުމަށް. ނަމަވެސް ހަރަދު ކުޑަޔެއް ނުވޭނު. ބަނގުރޫޓުވުމާ ނުވުމުގެ ވާހަކަ ދައްކަން އަދިވެސް މާ އަވަސްކަމަަށް ފެންނަނީ
ބޮޑުރިޔާ
21 October 2025
އަދުރޭމެންނައްބަނގުރޫޓް ނުވިޔަސް ދިވެހިރައްޔިތު މިތިބި ބަނގުރޫޓުވެ ނިމިފަ
ހަމަތެދެއް
21 October 2025
ތިޔަބުނީ ހަމަތެދެއް. މަވެސް ނުދެކެން ރާއްޖޭގެ ތާރީޚުގައި މިހައިގިނަ މަޝްރޫއުތަކުގައި ސޮއިކުރުބައެއް. އހ
އެދުވަހު
21 October 2025
ކޮވިޑުގެ ޕުރޮޓޮކޯލާއި ޚިލާފަށް، ދިދަތަކެއް ހިފައިގެން، ކޮންމެރެޔަކު މާލޭ މަގުމަތީގައި ދުވެއުޅުނީވެސް އެވިސްނުމުގައި އުޅުނުބައެއްތަ؟
އަސް
21 October 2025
ތީ ވަރަށް ނާތަހުޒީބު ވާހަކަ. އަދުން އަޅުވާ ތަރަށްގީ ކުރުން އެއީ އޮޅުވާލުން. އެކްސްކަވޭޓަރެއް ގެންގޮސް ނަމަކަށް ފެށީމަ އެމަސައްކަން ކުރެވުނީ ކަމަށް ބަލައިގެން ނުވާނެ.
ވާދަވެރިން
21 October 2025
ހީކުރަނީއެއްނޫން، ޔަގީންކުރަނީ…
ދަލޭކަ އާދަނު
21 October 2025
މިަޖިލީސް ރައީސްގެ ރަށުގައި ޕްރޮޖެކްޓަށް ފަށައި އެކަން ބަލަން ހުރީމަ ކޮރަޕްޝަނަށް ނުވާނެބާ؟ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރީ ކަމަށް ނުވެދާނެބާ؟ ފޮނަދޫއަށް ވެސް ކަންކަން ވާންވާނީ އެހެން ރަށްރަށަށް ވެސް ވާންވީ މިންވަރުން.
ދޮންހުސޭނު
21 October 2025
ދޮގެކެވެ. އެހެރަ ދިދައިގެ ދަށުގައި ތިބީ ދިވެހި ރައްޔިތުންނެވެ. އޭގެއިން މަނިކފާނު ކަމަކު ނުދެޔޭ ބުނާ ބަޔަކީ މަނިކުފާނާއި ރައްޔިތުންގެ ފަޅޚިޔޭ ތި ކިޔާ ފަޅިޔާ ހަނގުރާމައަށް ނުކުމެ ތިބި އަދުއްވުނެއް ނޫނެވެ. ރައީސަކަށް މީހަކު ހޮވަނީ އެ ދިދައިގެ ދަށުގައި ވިހައި ބަޔަކަށް އަދުލުވެރިވުމަށެވެ. ޕާޓިއަށް ސޮއިނުކުރާ މީހުންނަކީ ވެސް އަދއްވުންނެއް ނޫނެވެ. ވާދަވެރިންނެއްވެސް ނުމެނޫންމެއެވެ.