ރައީސް މުއިއްޒު މިދިޔަ އަހަރު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ދާއިރާގެ
21 އޮކްޓޯބަރ 2025 - 09:14
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުގައި ސަރުކާރުން ބޭނުންވާ އެއްވެސް ގޮތެއް ނެތް ކަމަށާއި ވަކި ކައުންސިލްތައް ހަދަން އެ ތިން ރަށުން ނިންމައިފި ނަމަ ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓު ވެސް ވަކިން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ވަޑައިގަތުމުން ފޭދު އާއި ހުޅުދު އާއި މީދޫގެ ރައްޔިތުން އެދުނީ އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭ ކަންތައްތަކުގައި ސަރުކާރުން ހައްލެއް ހޯދައިދޭން ކަމަށެވެ. އެހެންވެ، ހަތަރު ދުވަސް ފަހުން ކުރާ ކަމަކީ އެ ވައުދު ފުއްދެވުމާ ގުޅޭ ކަންތައްތަކުގައި ވޯޓެއް ނެގުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ތިން ރަށުގެ ރައްޔިތުންގެ ފަރާތުން އެ މައްސަލަ ލިބިވަޑައިގަތުމުން ދަންނަވާފައި ވާނީ ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭ ގޮތުން ދާއިމީ ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑަށް އެ ކަން ކުރެވޭނީ ރައްޔިތުން ގާތު އަހައިގެން، ނިޒާމުގެ ތެރެއިން، ގާނޫނީ ނިޒާމުގެ ތެރެއިން. އެހެންވީމާ ރައްޔިތުން ގާތު އަޅުގަނޑު މި އަހަނީ ރައްޔިތުން ބޭނުންވާ ގޮތެއް ނިންމަވާށޭ. އެހެންވީމާ އެ ރައްޔިތުން އެ ނިންމަވާ ކޮންމެ ގޮތެއް އެެއީ ސަރުކާރުގެ ނިންމުން، ސަރުކާރުން ތާއީދު ކުރާނެ ގޮތް،" ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން ވަކި ޕްރިފާ ކުރާ ވަކި ބޭނުންވާ އެއްވެސް ނިންމުމެއް އެ އަކު ނެތް. އައްޑޫ ސިޓީގެ މިހާރު އޮތް ކޮމްޕޮޒިޝަން ބޭއްވުން ކަމަށް ވިޔަސް ސަރުކާރުން އެ އަށް ތާއީދުކޮށް ފުރިހަމަ އަށް އެެއްބާރުލުން ދޭނެ ކަމެއް. ވަކިވަކި ކައުންސިލްތަކެއް ފޭދޫންނާއި ހުޅުދޫންނާއި މީދޫން ނިންމެވިޔަސް ސަރުކާރުން ފުރިހަމަ އަށް އެއްބާރުލުން ދޭނެ."
ރައީސް މުއިއްޒު ވިދާޅުވީ، މުޅި އައްޑޫ ސިޓީ އަށް މިހާރު ކަނޑައަޅާފައި އޮންނަނީ "އެއް ބަޖެޓު" ކަމަށާއި އެކަމަކު ރައްޔިތުން ނިންމާ ގޮތަކުން ކުރިމަގުގައި ފޭދު އާއި ހުޅުދު އާއި މީދޫ އަށް ވަކި ބަޖެޓެއް ލިބޭނެ ކަމަށެވެ. އެ ގޮތުން ރައީސް ފާހަގަކުރެއްވީ ކޮންމެ ކައުންސިލަަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ބްލޮކް ގްރާންޓު ނުވަތަ ހިލޭ ދޫކުރާ ފައިސާ އެވެ.
ފޮނަދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަދި އެހެން ބައެއް ވެރިންނާއި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފޭދޫގެ ރައްޔިތުން ވަކި ކައުންސިލެއް ހަދަން ނިންމައިފި ނަމަ އަހަރަކު 25 މިލިއަނެއްހާ ރުފިޔާ އެ ކައުންސިލަށް އެކަނި ލިބޭނެ އެވެ.
"ހުޅުދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 13 ނުވަތަ 14 ވަރަކަށް މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި. މީދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި، މިއީ އާބާދީގެ ނިސްބަތުންނާއި އެ ކަހަލަ ބައެއް އިންޑިކޭޓާސް އަށް ބިނާކޮށް ހަދާ އެއްޗެއް ވީމާ،" ތަފުސީލް ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ބްލޮކް ގްރާންޓުގެ ތަފުސީލް ދެއްވީ އެ ވާހަކަތައް ވެސް ބައެއް މީހުންނަށް އޮޅުން ނުފިލާ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އެވެ. ރައީސް ވިދާޅުވީ، އައްޑޫ ވޯޓުގައި ސަރުކާރުން ވަކިކޮޅެއް ނުނެގި ނަމަވެސް ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ނަމަ ސާފުކޮށްދިނުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަފީގު
22 October 2025
އެކަމަކު ސަރުކާރުގެ ސްޓޭންޑެއް ނެތޭ؟؟ ތިޔަހެން ބިލިޔަންވެސް ދޭން ބުނެވިދާނެއެވެ. ދިނީއްޔާ ނޫންތަ؟ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދީ ބަހަނާ ދައްކާއިރު މިއީ އަމުދުން ކުރާނެ ކަމެއްތޯއެވެ؟ ސަރުކާރުގެ މައުގަނޑު މަގުސަދަކީ ބައިބައި ކުރުމެވެ.
ސާބަހޭ5
21 October 2025
ދޮގާއި މަކަރުން ނޫނީ ހަމަ އޮޅިގެންވެސް ކުރިއަށް ނުދެވެނީއޭ ދެއްތޯ. ކަށީގަ ހިފާފަހުރި ކަމަކީތޯ. އެބަޖެހޭ އެކަންކަން ރަނގަޅުކޮށްލަން.
އަހުމަދު ޑީޑީ
21 October 2025
އަޅުގަޑުމެން ބޭނުންވަނީ ސަރުކާރުން ކުރާކަންތައް ( އައްޑޫ ރޫޅާލުން ) ރަގަޅުނޫންކަން ސަރުކާރަށް އެންގުން . ޕެޓިޝަން ގައި ސޮއިކުރުން ކުރިޔަށް . 1000 މީހުންގެސޮއިބޭނުންވަނީ
ދެރަކަލޯ
21 October 2025
އައްޑޫ ބައިބައި ކޮށްލުމުގެ މަގުސަދަކީ އައްޑުއަށް ތަރައްގީ ގެނެސް ނުދޭން ޖަހާ "މަޅިއެއް". އެކަމަކު އައްޑޫ ބައެއް ރައްޔިތުންނަށް މިކަން ނޭނގުމަކީ ވަރަށް ހިތާމަހުރި ކަމެއް. މާލޭ ސަރުކާރުން އެއްވެސް ވެރިކަމެއްގައި އައްޑޫ ތަރައްގީކުރަން ބޭނުމެއްނުވޭ.
ޓީވީޓް
21 October 2025
ގިނަ ފޮތި ކުރި ވަރަކަށް ގިނައިން ބެހޭނެ. ވާނީ ގެއްލުން. ބޮޑެތި ކަންކަމެއް ނުކުރެވޭނެ. ވަޒީފާ ތަކެއް އުފެދިދާނެ. ޚުރިމަގުގާ ގެއްލުން މާބޮޑު.
އަށްޓޭ
21 October 2025
މިތާކު ނެތޭ ފޮތި ކުރާނެ އެއްޗެއް. މީ ހައްތާހާ ވަކި ރަށްތަކޭ. ދެން މިތަނުން އެއްރަށެއްގަ ހުރިހައި ކަމެއް ގާއިމުކޮށް އެހެން ރަށްރަށުގެ ހަރުމުދާ ރޫޅާ ލައިގެން އެރަށަށް ޖަމާ ކުރަން އުޅެ ހުރިހާ ރަށްރަށު މީހުން އެރަށަށް ދާންޖެހޭގޮތަށް ހަދަން އުޅުނަކަސް އެކަމެއް ނުވާނެ. ގަބޫލެއްވެސް ނުކުރާނެ. އެފާޑު މުޑުދާރު ގޮތަކަށް އުޅެގަތީމާ އެންމެފަހުން ރަށްރަށު ރަށްޔިތުން ނިކުމެ ފާލަން ބުރިކޮށްލާ ހިތަދޫ ބާކީކޮށްލާނެ. ކުރީގަވެސް އެގޮތަށް ފާލަން ބުރިކޮށްލާފަ އެބަހުރި
އޯރިއޯ
21 October 2025
ހިތަދޫ ސިޓީގެ ދަށުގައި އޮތީމަ އެކެއްޗެއްވެސް ނުލިބޭ. ހުރިހާ ކަމެއް ހިތަދުއަށް އުފުލާ ހިތަދުއަށް ޖަމާކުރަނީ. އެންމެ ކުޑަމިނުން ބޮކިޖަހަން ގެންގުޅޭ ހަރުގަނޑުވެސް ނަގައިގެން ހިތަދު އަށް ގެންގޮސްސި. ރަށް މިނިވަންވެ ލާމަރުކަޒު ވުމުންް ފައިސާ ޖަނަރޭޓް ކުރެވޭނެ ކިތަންމެ ގޮތެއް އެބަހުރި. ކަންކަރަން ނޭގުނީ ހިތަދޫ ވެރިންނަށް. އެމީހުންގެ ނޭއްގާނީ ކަމާ ނުކިއްސަރު ވިސްނުމާ ބޮޑާކަމުން ރަށްރަށް ނިކަމެތި ވަމުންދަނީ. ގެންގުޅެނީ ތަފާތު ކުރުމުގެ ބޯދާ ސިޔާސަތު
މޯލު
21 October 2025
ބޭފުޅާ، ހިތަދޫއާއި ނުބެހި އަނގަވެސް ހުޅުވާނުލެވޭތަ. ބަޔަކު ވަކިވެގެން ހިތަދޫއަށް މާލީގޮތުން ވާނެ ގެއްލުމެއް ނެތް. ބައިއަޅަންޖެހޭ ވަރު މަދުވެ ކުރަންޖެހޭ ޚަރަދުވާނީ މަދު. ތިރަށުގެ މީހުން ވޯޓުލައިގެން ވަކިވޭ. ހިތަދޫ މީހުން ވޯޓެއް ނުލާ. ވަކި ކައުންސިލެއް އުފެދުނީމައި ހިތަދޫ މީހުން ނުބަލާނެ ހުރިހާ ފައިސާއެއް ވަނީ ތިގެއަށްތޯ ނޫނީ ކައުންސިލު އިދާރާ ހުރީ ތިގޭގައިތޯ. މިހާރު އެވާހަކަ ދައްކަނީ މިކަމުގެ ހަގީގަތް އެނގޭތީ ވިސްނައިދިނުމުގެ ބޭނުމުގައި.
އޮނަރަބްލް އަފީފު ދީދީ
21 October 2025
އައްޑޫސިޓީ ކޮށާކުދިކުދިކޮށް މުޅިސިޓީ ރޫޅާ ބައިބައިކޮށްލުމަށް މަނިކުފާނު ބޭނުންފުޅުވެގެން މިމަހު 25 ގައި ނަންގަވާ ރެފަރެންޑަމް ވޯޓަކީވެސް "އައްޑޫރައްޔިތުން ބޭނުންވެގެން" ކުރައްވާކަމެއްތޯ؟ އައްޑޫގެ އާބާދީގެ ގިނަރައްޔިތުން ބައިވެރިނުކޮށް ހަމައެކަނި ތިންއަވަށެއްގެ ރައްޔިތުނަށް (ފޭދޫ، މީދޫ ހުޅުމީދޫ) ފުރުސަތުދީގެން ނަގާ ވޯޓްގައި ވޯޓްދިންމީހުންގެ ބޮޑުބައި ސިޓީއާއި ވަކިނުވާން ވޯޓްދީފިނަމަ "މިވޯޓަކީ ރައްޔިތުން ބޭނުންވެގެން ނެގިވޯޓެއް ނޫންކަން" ހާމަވާނެ.
ޑިއާރ
21 October 2025
ހިތަދޫ ވެރިން ހިތަދޫ މެދުގައި ވޯޓެއް ނަގަން އުޅެންވީނު. އެހެން ރަށްރަށުގެ ރައްޔިތުން ނޫޅޭ ހިތަދޫ ކަންކަމާއި ބެހޭކަށް. ހިތަދޫ ކީއްވެހޭ އުޅެނީ އެހެން ރަށްރަށުގެ މަށްޗަށް އަށްގަދަ ކުރަން. އައްޑޫ ވަކިވަނީއޭ ކުދިކުދި ކުރަނީއޭ ކިޔާ އޮޅުވާލަން އުޅުމުގެ ބޭނުމެއްނެތް. އެއްވެސްރަށެއް އޮއްތަނަކުން ދަމާ ކޫއްތާފަ ހިތަދުއަކަށް ނުގެންދެވޭނެ. އަދި އެއީ ހިތަދޫގެ ފަޅު ބިންތަކަކަށްވެސް ނެހެދޭނެ. އެހެން ރަށްރްށުގެ ރަށްޔިތުންނަށްވެސް އެރަށްރަށުގެ ހައްގު އޮންނަންޖެހޭ
އެއްކަލަ މީހާ ދޯ
21 October 2025
ބަލަ އަފީފޫ!!! ވަކިވަކިން އޮތް ރަށްތަކެއް ތިމަންނަމެންގެ ސިޓީގެ އަވަށްތަކެކޭ ކިޔާފަ އެކޮށްލާފަ އޭ އޮތީ. އެހެންވީމަ އެ ރަށްތަކުންނޭ ބުނަނީ ތިމަންނަމެން އިހުއޮތް ތިމަންނަމެންގެ އަސްލު ގޮތަށް ރުޖޫއަ ކޮށްދޭށޭ!
އޮނަރަބްލް މުަޑަހަނދި
21 October 2025
އައްޑޫ ސިޓީން ވަކިވެ އުފެދޭ ކައުންސިލަރުންގެ މުސާރަތަކަށް ބްލޮކްގަރާންޓު ގޮތުގައި އަހަރަކު 57 މިޔަންރުފިޔާ ..... 87 މަޖިލިސް މެމަބަރުންގެ އަހަރު ދުވަހުގެ މުސާރައަށްވުރެ ބޮޑު ހޭދައެއް ކޮށްގެން މިއުޅެނީ ކޮންނަތީޖާއެއް ނެރެންބާ؟ .... ކޮންތާކުބާ މިޖެހުނީ؟ .....
ސައްޙާފް
21 October 2025
ވޯޓަށް ނުފޫޒު ފޯރުވުން. ވަކި ވުމުން ލިބުނު އަދަދު ކިޔާއިރު، ވަކި ނުވުމުން ލިބޭ އަދަދާއި، ވަކިވުމާއި ނުވުމުން އާބާދީގެ ބޮލަކަށްޖެހޭ މިންވަރު ބުނެދިންނަމަ ވަކިކޮޅަކަށް ނުޖެހޭކަމަށް ބެލެވޭނެ. ރައީސް ބުނި އެންމެ ބިޔަ 3 މަޝްރޫޢު، ރަސްމާލެ އެދަނީ ފިނިހަކަ ބާރުމިނުގަ. 20،000 ، ޓަނަލް އޮތީ ހުވަފެނުގަ، އައްޑޫ އޮތީ ހުވަފެނުގަ. 3 ޕްރޮޖެކްޓްގެތެރެއިން 1 ޕްރޮޖެކްޓް އިން ސަލާމަތްވާން ބޭނުންކުރި ޓެކްޓިކް އަކީ އައްޑޫގައި ޒަމާންތަކަކަށް ދެމިދާނެ ހަސައެއް ރޯކުރުން
އައްޒީ
21 October 2025
މީދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި" މީ ވަރަށް މަދު ފައިސާކޮޅެއް. މަހަކަށް 1.5 މިލިއަން ލިބިގެން މިކަމެއް ނުވާނެ
ބައްޒާ
21 October 2025
ކޮންކަމެއް ނުވާނީ؟ ތި ގްރާންޓުންގެ %85 އަކީ މުސާރަ އާއި ޔުޓިލިޓީސް ބިލް. ބާކިީވާބީ މަހަކު 225000 ރުފިޔާ. އޭގެއިން މަގުތަކާއި މިސްކިތް މަރާމާތުކުރުމުން ބާކީވާނެވަރު ވިސްނާލާ. ފަހަރެއްގައި ސައިރިކްސް ކޮލެޖުގެ ގޮތްޕެއް މީދޫގައި ހުޅުވިދާނެ. އިތުރު ތަރައްގީއެއްގެ ހުޅުކޮޅުވެސް ނިވިދަނީ.
އަފްރާސިޔާބު
21 October 2025
އެވިދާޅުވި 18 މިލިއަން ރުފިޔާއަކީ މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭނުންވާފައިސާ. ދެން ބްލޮކްގްރާންޓަކީ ތަރައްގީ އަށް ކުރާ ހޭދައެއް ކަމަށްވާނީ ކިހިނަކުން.