ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާން.
28 އޮކްޓޯބަރ 2025 - 10:16
މާލޭގެ ގެއެއްގެ ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރޭޓް ވަގަށް ބޭރުކުރި އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާދާރަކަށް ހުންނެވި މުއްދަތުގައި ގާނޫނާ ހިލާފަށް އެއްވެސް މުއާމަލާތެއް އެ ކުންފުނިން ހިންގާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބ. ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާން ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ( 241 ކޮމިޓީ) އިން އެ މައްސަލާގައި ކުރި ދިރާސާތަކަށް ފަހު ފާސްކުރި ރިޕޯޓުގައި އޭނާ އަށް ނިސްބަތްކޮށް ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގަ އެވެ.
އެގްޒޮޓިކް އެންޓަޕްރައިޒަސް ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރިއިރު، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކު އަދި އަބްދުﷲ ހަސަން ނަމަކަށް ކިޔާ މީހެކެވެ. އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް ޑިސެމްބަރު 9، 2023 ގައި އެތެރެކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި މެމްބަރު ސިރުހާން އެވެ.
އެކަމަކު، އޭރު އެއީ ރައްޔިތުންގެ މެމްބަރެއް ނޫނެވެ. ސިރުހާން މެމްބަރުކަމަށް ހޮވުނީ އޭޕްރީލް 2024 ގައި ބޭއްވި 20 ވަނަ މަޖިލިހުގެ އިންތިހާބުގަ އެވެ.
އެ މައްސަލާގައި ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ސިރުހާން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެގްޒޮޓިކް އެންޓަޕްރައިސަސްއަކީ ގާނޫނުތަކާ އެއްގޮތަށް ރަޖިސްޓަރީ ކޮށްގެން ހިންގަމުން އައި ކުންފުންޏެއް ކަމަށް ވާތީ 2023 ގައި ލިބިވަޑައިގެންނެވި ފުރުސަތެއްގައި އެ ކުންފުންޏާ އޭނާ ގުޅިވަޑައިގެންނެވި ކަމަށެވެ.
އޭރު ވެސް އެއީ ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި އެކަމަކު އެ ކުންފުންޏާ ގުޅިވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ، ސިޔާސީ މަސައްކަތުގައި އުޅުއްވުމަށް ނިންމަވައި، އެކަމަށް ވަގުތު ހުސްކުރުމުގެ ގޮތުން، އެ ކުންފުނި ހިމެނޭ ގޮތަށް ދެން ވެސް ހިއްސާ އޮތް އެހެން ކުންފުނިތަކުގެ ހިއްސާ ދޫކޮށްލައްވާފައިވާ ކަމަށް ސިރުހާން ވިދާޅުވި އެވެ.
"އަޅުގަނޑު އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ބޯޑު ޑިރެކްޓަރަކަށް އަދި ހިއްސާދާރަކަށް ހުރި މުއްދަތުގައި ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް އެއްވެސް މުއާމަލާތެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ސިރުހާންގެ ބަޔާނުގައިވެ އެވެ.
އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ތަހުގީގުގެ ބޭނުމަށް ބަހައްޓާފައިވާ ސިނގިރޭޓް ދެ ކޮންޓެއިނަރުގެ ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތަށް މިހާރު ހައްޔަރު ކޮށްފައިވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާ އަބަދުވެސް ގާތްގުޅުމެއް އޮތް ސިރުހާން ވިދާޅުވި ގޮތުގައި، އެގްޒޮޓިކް އެންޓަޕްރައިޒަސްގައި އޮތް އޭނާގެ ހިއްސާ ބަދަލުކުރެއްވީ ކުންފުނީގެ އޮޑިޓެއް ކުރުމަށް ފަހު އެވެ. އެހެންވެ، ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް ހިމެނޭހެން ކުންފުނީގެ ގުދަންތަކުގައި ހުރި މުދަލުގެ ތަފްސީލު ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދެންނެވުނު އޮޑިޓުން ވެސް އެހާ ތަނަށް ކުންފުނީގެ އެއްވެސް ބޮންޑެޑް ވެއާހައުސްއަކުން ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ބޭރުކުރެވިފައި ނުވާކަން ސާފުވާނެ އެވެ،" ސިރުހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިނގިރޭޓު ވަގަށް ބޭރުކުރުމުގެ މަރުހަލާގައި އެ ކުންފުނީގެ ހިއްސާ އޭނާއަށް ދީފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ހިއްސާ ދޫކޮށްލި ފަހުން ނުވަތަ އޭގެ ކުރިން އެ ކުންފުނިން ގޯސްކޮށް ކަމެއް ކޮށްފައިވާ ނަމަ އެއީ އޭނާއާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި އެފަދަ ތުހުމަތުތަކެއް ބަޔަކު ކުރަމުންދަނީ ސިޔާސީ ގޮތުން ނިކަމެތި ކޮށްލުމަށް ކަމަށް ސިރުހާންގެ ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޕޯޓްގައިވާ ގޮތުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް އެތެރެކުރީ އެހެން ކުންފުންޏަކަށް އެކްސްކްލޫސިވިޓީ އޮންނަ ބްރޭންޑެއްގެ ނަމުގަ އެވެ. އެހެންވެ، އެ ސިގިނރެޓްތައް ބޭރުކުރުން ހުއްޓުވަން އެ ކުންފުނިން ކޯޓަށް ދިއުމުން، އެގްޒޮޓިކްގެ ސިނގިރެޓް ކްލިއާ ނުކުރުމުގެ ވަގުތީ އަމުރެއް ނެރުނެވެ.
އެހެންވެ، އެ ސިނގިރެޓްތައް ބެހެއްޓީ އެގްޒޮޓިކްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑް ވެއާހައުސް [ގުދަނުގެ ވެރިފަރާތާ އެކު ކަސްޓަމަސްގެ ވެސް ބާރުހިނގާ ގޮތަށް ހިންގާ ގުދަނެއް] ގަ އެވެ. ނަމަވެސް އެ ކަސްޓަމްސް އަށް ނޭނގި އެ ސިނގިރެޓްތައް ނެރެގެން ގެން ގޮސް، ގުދަން ވެސް އުވާލާފައިވާކަން ކަސްޓަމްސް އަށް އެނގުނީ މަޖިލީހުގެ 241 ކޮމިޓީން ދިން މައުލޫމާތަކާ ގުޅިގެން ބެލި ބެލުމުންނެވެ،
ކޮމިޓީ ރިޕޯޓްގައި ކަސްޓަމްސްއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ގާނޫނާ ހިލާފަށް ނެރުނު އެ ސިނގިރެޓްތަކުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަަށް ދައްކަން ޖެހޭ 47.1 މިލިޔަން ރުފިޔާ ދައްކަން އަންގާ ކަމަށެވެ. އެކަމަކު، އެ ފައިސާ ނުދެއްކުމުން މިހާރު ވަނީ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ޓަކައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢާފް
28 October 2025
ޅިޔުމުގަ އޮތީ “. އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް ޑިސެމްބަރު 9، 2023 ގައި އެތެރެކުރި އިރު އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި މެމްބަރު ސިރުހާން އެވެ.” ށިރުހާން ބުނަނީ ސިގިރޭޓް ވަގަށް ބޭރު ނުރާ ވާހަކަ. ސިރުހާން ފޭކް ސިގިރެޓް ވަގަށް އެތެރެ ނުކުރަމެކޭ ނުބުނޭއޭ …. ސިރުހާން ވަރަށް މޮޅު
އަލީބޯ
28 October 2025
އަހަރެމެންނަށް ތިޔަގީންކަން އަރުވާނެކަމެއްނެތް
ދަލޭކަ ދައިތަ
28 October 2025
ބަލާލީމަވެސް އެބައިގޭ މެމްބަރެއްވީމަ ހުދުފޮތިކޮޅެއްކަން.
އުދުހޭ
28 October 2025
ބޮޑެތި މުޖުރިމުން އެންމެ ގިނަ އެއްތަނަކަށް މަޖިލިސް ނުވާނެބާ؟ ހަމަގައިމުވެސް އެތާ ތެދެއްހަދާ މީހެއް މަދު.
ރަދީފްއޮފިޝަލް / ވަގަ ފެގާ
28 October 2025
ބޭރުކުރުމުގަ ބައިވެރި ނުވޭ ، ނަމަވެސް އެކައުންޓަށް އެނގުން ވި.މިހެންނޭ މިކަން ހިނގަނީ.މެމްބަރު ނުދާނެ ކޭސް ކޮނޑަށް ލައިގެން.ދުނިޔޭގެ އެހެން ގައުމެއް ނަމަ މިއަދު ތި ގޮނޑީގަ އިންނަން ލަދުން ވެސް އިސްތިއުފާ ދޭނެ.ލަދު ކޮބާ؟؟
ގޮނުއަނގަ
28 October 2025
ރަނގަޅު ތަޙްޤީޤެއް ކުރެވިގެން ތިކަން ޤަބޫލު ކުރާނީ. ދެން ސިގިރެޓްތައް ވިއްކުމުގައި ބައިވެރިވީންތޯ ސުވަަލު އުފެދޭ. މަޖިލިސް އަކީ މުޑުދާރު ތަނެއް. ކޮންމެ މެމްބަރަކު ކުމްފުންޏެއް ހަދައިގެން ވަގު ވިޔަފާރި ކުރުމުގައި. ފަޅައި ނާރާނަމަ ހުދު ކަރުދާސް.
ފޫހި
28 October 2025
ހުސްދޮގުތީ މިހާރު ރައްޔިތުން ގަބޫލުނުކުރާނެ . ފަޒުލްވެސްބުނީ އެޗު ޑީ ސީގެ އެއްވެސް ބިމެއްގެ މުއާމަލާތެއްނުކުރަމޭ އޭގެ އަނެއްދުވަހު ހުރީ ޕާޓީ ޖަލްސާގަ ވެރިޔާ އާޖެހިގެން އިން ގޮނޑީގަ އެންމެ ފުރަތަމަ ލައިންގަ
އާދަމް1
28 October 2025
އެއްވެސް ޖަރީމާއެއްގަ ގުޅުމެއް އޮނަނަކަމަކަށް ނަހަދާނެ، އެކަމު އަމިއްލަ އެކައުންޓަށާއި އަނބިދަރިންގެ އެކައުންޓަށް ލައްކައިން މިލިއަނުން ފައިސާޖަމާވީމަ މަޖްސިލް އިން ޑިކްލަޔާ ކުރާއިރު ބުނާނީ، އެއީ ހަދިޔާގެ ގޮތުގައި ލިބިފަހުރި ފައިސާކަމަށް، މިކަން ނިމެނީ މިގޮތަށް، ރައްޔިތުންނަށް އޮޅުވާލިޔަސް ހެއްދެވިފަރާތަކަށް އޮޅުވައެއް ނުލެވޭނެ.
ހަމްދާ
28 October 2025
މީ އާދައިގެ ބޭފުޅެއް ނޫން.
މަށެއްނޫން
28 October 2025
ދެންގުޅުން އޮތީ ކާކާ؟
ގުޅުން
28 October 2025
ގުޅުން އޮތީ އާއްޓެއާ. މަޖުލީހަށް ޝިރުހާނު ގެންނަން ޚަރަދު ކުރީ ކާކުތޯ ބަލާބަލަ. ޝިރުހާނު ދުވަހަކު މަސައްކަތެއް ނުކޮށް ހުރި މީހަކު މަޖުލީހު މެމްބަރު ކަމަށް ގެންނަން ފަންޑު ކުރީ ކާކު ތޯ ބަލާލަބަލަ.