ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް އިންތިހާބުކުރި ސައްތާރު (ކ) އަދި ކޮމެޓީން އިސްތިއުފާ ދެއްވި ހުސްނީ: ހުސްނީ އެ ކޮމެޓީން އިސްތިއުފާ ދެއްވީ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމުން --- ފޮޓޯ/މަޖިލިސް
29 އޮކްޓޯބަރ 2025 - 14:58
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް މިއަދު އެ ކޮމެޓީން އިސްތިއުފާ ދެއްވުމުން އެ ކޮމެޓީގެ މުގައްރިރު ކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު އިންތިހާބުކޮށްފި އެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިމެނޭ ގޮތުން ޝަރުއީ ދާއިރާގެ މަސައްކަތްތައް ބަލައި، ޖަވާބުދާރީ ކުރުވުމުގެ މެންޑޭޓް އޮންނަ ކޮމިޓީއެކެވެ. ހުސްނީ އެ ކޮމިޓީން އިސްތިއުފާ ދެއްވީ އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް އޭނާ އިންތިހާބު ކުރުމުންނެވެ.
ހުސްނީ އިސްތިއުފާ ދެއްވުމުން ޖުޑިޝަރީ ކޮމެޓީގެ މުގައްރިރަކަށް ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު ސައްތާރު އިންތިހާބުކުރީ މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގަ އެވެ. ކުރިން އޭނާ ހުންނެވީ އެ ކޮމެޓީގެ ނައިބު މުގައްރިރުގެ މަގާމުގަ އެވެ.
އެހެންވެ، މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ ނައިބު މުގައްރިރަކަށް އިންތިހާބުކުރީ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް ހުސްނީ އައްޔަންކުރަން މަޖިލީހުން ފާސްކުރީ އެ މަގާމުގައި ކުރިން ހުންނެވި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އެ ކޮމިޝަންގެ މެމްބަރުކަމާއި ރައީސްކަމުން އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮދުރީބެ
30 October 2025
ސައްތާރައް އަނެއްކާ ޖުޑިޝަރީއާ އިމިގްރޭޝަން ވަކިކުރަން އެނގޭބާ,