ބީއެމްއެލްގައި މިވަގުތު މަސައްކަތް ކުރަނީ ބިދޭސީ އެންމެ ދެ މުވައްޒަފުން.
ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު އެ ބޭންކުގެ މުވައްޒަފުން.-- ފޮޓޯ: ރައީސް އޮފީސް
30 އޮކްޓޯބަރ 2025 - 11:20
ދިވެއްސަކަށް އަދާނުކުރެވޭނެ ވަޒީފާއެއް ގައުމީ ބޭންކު، ބީއެމްއެލްގައި މިހާރަކު ނެތް ކަމަށް ސީއީއޯ މުހައްމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރަން ބާސެލޯ ނަސަންދުރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕެއިން ހިންގަމުން އަންނައިރު ވިސްނުމަށް އަންނަނީ އެ ބޭންކު އުފެއްދި ބޭނުން ކަމަށެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލް އުފެއްދުމަށްޓަކާ ދިވެހި ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރި ޚަބަރު މާޗު، 14، 1982 ގައި އޭރުގެ ހަވީރު ނޫހުގައި ގެނެސްދީފައިވާއިރު، އެ ލިޔުމުގައި ވަނީ އެ ބޭންކުގެ މަގުސަދަކީ ހަމައެކަނި ވިޔަފާރީގެ ހިދުމަތް ދިނުން ނޫން ކަމަށެވެ. އެއާ އެކު، ތަރައްގީގެ މަގުގައި އެހީވެވޭނެ ރޮނގުތައް ހޯދުމާއި އެހީވުމަކީ ވެސް ބީއެމްއެލްގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބީއެމްްއެލް އުފައްދައި، ދިވެހި މުވައްޒަފުންނަށް ތަޖުރިބާ ލިބެންދެން އެ ބޭންކު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރަމުން އައީ މެނޭޖްމެންޓް ކޮންޓްރެކްޓެއްގެ ދަށުން ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ފައިނޭންސް އެންޑް އިންވެސްޓްމަންޓް ކުންފުނިންނެވެ.
ޝަރީފް ވިދާޅުވީ ނޮވެމްބަރު 11، 1982 ގައި ބީއެމްއެލް ހުޅުއްވައި ދެއްވަމުން އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެފައި ވަނީ އެ ބޭންކަކީ ރާއްޖޭގެ މާއްދީ ތަރައްގީއަށް ރަމްޒުކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ.
"އެ ބޭންކުގެ މުހިއްމު ކަމަށް އިޝާރާތް ކުރައްވަމުން ވިދާޅުވެފައި ވަނީ މާލީ އިދާރާއެއް ނެތް ތަނެއްގައި އިގްތިސާދީ ކުރިއެރުން އޮންނާނީ ހުއްޓުމަކަށް އައިސްފައި. މަސައްކަތްތެރިކަން ކުރިޔަށް ގެންދިޔުމުގެ މަގުތައް އޮންނާނީ ބެދިފައި. މި ބޭންކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިއަށް ވަރަށް ގިނަގުނަ ތަރައްގީ އަންނާނެ،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، ދިވެހިންގެ ބޭންކެއް ދިވެހިންނާ ހަމަޔަށް ގެނައުމުގެ ބޭނުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމާއި މުޅި ރާއްޖޭގެ މާއްދީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެ ދުވަހު އަޅުގަނޑުމެން ބިދޭސީންނާ ގުޅުނީ ތަޖުރިބާ ހޯދަން. އާދެ އޭގެ 43 އަހަރު ފަހުން މިއަދުގެ ހާލަތަށް ބަލާއިރު ހުރިހާ ދާއިރާއަކުން ވެސް އަޅުގަނޑުމެންގެ ދިވެހި މުވައްޒަފުން މިވަނީ ތައުލީމާއި ތަޖުރިބާ އާއި ޕްރޮފެޝަނަލް ސެޓިފިކޭޝަން ހާސިލްކޮށްފައި،" ޝަރީފް ވިދާޅުވި އެވެ.
"މިއަދު ދިވެއްސަކަށް އަދާ ނުކުރެވޭނެ މަގާމެއް ބޭންކް އޮފް މޯލްޑިވްސްގައި ނެތް."
ބީއެމްއެލްގައި 1،155 މުވައްޒަފުން މަސައްކަތްކުރާއިރު، މިވަގުތު ބިދޭސީ މުވައްޒަފުންގެ ގޮތުގައި ތިބީ އެންމެ ދެ މީހެކެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލްއަކީ ސަރުކާރާއި އެތައް ހާސް ދިވެހި ރައްޔިތުން ހިއްސާވާ ބޭންކަކަށް ވުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ސިނާއަތްތަކާއި ވިޔަފާރިތަކާއި ކޮންމެ ފަރުދަކާ ވެސް ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހިންގެ ފައިދާއަށްޓަކައި ކުރަންޖެހޭ ކަންކަން އެ ބޭންކުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މައްކޫ
30 October 2025
ސީއީއޯ ފިޔަވައި އެހެން ވަޒީފާތައް ދޯ؟ ކުރީގަ ނޫޅޭ ފާޑަކަށް ދިވެހިންގެ ބޭންކޭ ކިޔާފަ ސީއީއޯ ތިއުޅެނީ؟ ރައީސް ވަޑައިގަންނަވާހާ ތަނަކަށް ބީއެމްއެލް ސީއީއޯ ދުވާކަށް ނުޖެހޭ. މިހާރު ތިދާގޮތުން ދިވެހި ސީއީއޯ ހިންގާ ގޮތުން ތަނުގެ ރެޕިއުޓޭޝަން އެއްކޮށް ފުނޑާލާނެމަކަށް ފެނޭ.
ކޮވެލި
30 October 2025
ތީ ލިސްޓެޑް ކުންފުންޏެއް. ރައީސް އޮފީހުންނެއް ނުން ތިތަނުގެ ޑިރެކްޝަން ކަނޑައަޅާނީ. ޑޮލަރުގެ ލިމިޓް ރައިސް އިޢުލާން ކުރަން ފެށީމަ އެ އޮތީ ސިޔާސީ ހަރުގެއަކަށް ވެފައި.
4
30 October 2025
ތަންތަނަށް ވަޒީފާއަށްލީމާ ވަޒީފާއެއްނުލިބޭ. އެކަމަކު އަދަަނުކުރެވޭ ވަޒީފާއެއް ނެތް. ދެން މުޅިގައުމުގާ މިއޮތީ ބަންގާޅީން. ދެން ހިންދުސްތާނިންނާ ސިލޯނީން.
ހަބޭސާ
30 October 2025
ޓެކްނިކަލް އަދި ހިންގުމުގެ ދާއިރާގެ ތަޖުރިބާހުރި ބިދޭސީން ނުލާ ހިންގަމުންދާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާޒީއަށް ބަލާލީމާ އެތަންތަނުގެ ހާލަތު ކޮންމެ މީހަކަށްވެސް އަންދާޒާކޮށްލެވޭނެ. ބޭންކްވެސް މިދަނީ އެފަދަ ދިމާލަކަށް ކަމަށް ލަފާކުރެވޭ. އެންމެ ކުޑަމިނުން ބޭންކްގެ ފިސްކަލް ޕޮލިސީވެސް (މިސާލަކަށް ޑޮލަރު ލިމިޓް) މި ކަނޑައަޅަނީ ރައީސް ވިދާޅުވީމަ. ކޮބާ ބޮޑުމުސާރަދީފަތިބި ތިބުނާ މޮޅުދިވެހިންގެ ބޭނުމަކީ.
އޮނަރަބްލް އަފީފު ދީދީ
30 October 2025
ތިއީ ވަގުތީކަމެއް. މިއަދު އިރުއޮތްސޭއިރުވެސް ތިކަން ބަދަލުވެދާނެ. ޕލކ ކުންފުންޏަކަށް ތިތަން ބަދަލުވީއްސުރެން ތިތަނުގެ އާންމު ޙިއްސާދާރުންގެ ގޮނޑި އެއީ ހަމަ ތިފަދަ ބޭންކެއް ހިންގާ އާއިލާއެއްގެ މަސްލަހަތު އޮންނަ މީހުނާއި އެ އާއިލާގެ ފަރާތުން ޙިސޯރު ކޮށްފައި އޮތް އޮތުމަކީ މިދެންނެވި ވާހަކަ ތެދުކަން އިގޭ ފަދަ ހެއްކެއް. އަނެއްކާ ޓްއަރިޒަމްގެ ޤަވާއިދު ގައި ރިސޯޓްގައި ބިދޭސިންނާއި ދިވެހިން ގެންގުޅޭނެ މިންގަނޑަށް އަމަލު ނުކުރެވޭކަމީ ވެސް މިފަދަ ހެއްކެއް.
ހަމްދާން ޝަރީފް ޢަލީ
30 October 2025
ތިޔަތަނަކީ ރައްޔުތުންގެ ތަނެއްކަމަށް ވިދާޅުވާއިރު އަހަރެން ނެގި ލޯނަށް ދައްކާނިމޭއިރު ލޯނުގެ ޖުމްލަ އަދަދަށްވުރެ ދެގުނަ އިތުރުވެއެވެ. މިއީ ކިހާ ބޮޑު ނާއިންސާފެއްތޯއެވެ. ގެދޮރުއަޅަން އަހަރެމެން ރަށްރަށު މީހުންނަގާ ލޯނުތަކަށް ސަރުކާރުން ލުޔެއް ނުހޯދައިދެއެވެ. އެކަމަކު މާލޭގެ ހައސިން ސްކީމުން ގެދޮރުލިބުމުން އެބަޔަކު ހިތްހަމަ ޖެހޭވަރަކަށް ސަރުކާރުން ލުއި ހޯދައިދއެވެ.
ފިނިފެންމާ ސައްޔިދު
30 October 2025
ދިވެހިންނަށް އަދާނުކުރެވޭ ވަޒީފާތައް ހުރީ ކަންމަތީ ފިހާރަތަކުގަޔާ ރިސޯޓުފަހަރުގާ.