ރައީސް މުއިއްޒާއި ފިނޭންސް މިނިސްޓަރު ޒަމީރު: އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓް މިއަހަރަށް ވުރެ ކުޑަވާނެ ކަމަށް ރައީސް ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
30 އޮކްޓޯބަރ 2025 - 15:50
އަންްނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ދަރަނި އަދާކުރަން ހިމަނާފައި އޮތް 9.3 ބިލިޔަން ރުފިޔާ އަކީ ބަޖެޓްގެ ބައެއް ނޫން ކަމަށާއި އެހެންވެ، އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި މިއަދު އިއްވެވި ބަޖެޓް ބަޔާނުގައިވާ ގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާ އެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.
"މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާ ނުލައި، 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުން ސުކޫކާއި ބޮންޑް ވިއްކައިގެން ނަގާފައިވާ ދަރަނި އަދާކުރަން އަންނަ އަހަރު 9.3 ބިލިޔަން ރުފިޔާ ދައްކަން ޖެހެ އެވެ. އެހެންވެ، މަޖިލީހަަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މިއަދު އެ ދަރަނި ސިފަކުރެއްވީ "މި ސަރުކާރަށް ވާރުތަވި ދަރަނި" ކަމަށެވެ.
"މިއީ 2021 ވަަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިޔަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ޖެހިފާ ވާތީ ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް،" ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. އަދި އެއީ މިއަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ. އަދި އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ އޭޕްރީލްގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ. އަދި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް ސަރުކާރުން ދައްކަން ޖެހެ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުން ވެސް، ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރި އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް 8.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. މިއީ ފަހުގެ ތާރީހެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށް ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުއްބުލްވަތަން!
31 October 2025
މި ސަރުކާރަށް ވާރުތަވި ދަރަނީގެ ކުޑަމިންވަރެއް މިވެސް 2026 އޭޕްރީލްގައި 500 މިލިއަން ޑޮލަރު ގެ ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހޭ އަދި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު ގެ ބޮންޑު ވެސް ސަރުކާރުން ދައްކަން ޖެހޭ، މިފައިސާ ކޭބަޔަކު ކައިގެން ގޮސް މަގުމަތީ އެ އުޅެނީ މިނިވަން ކަމާއި އެކު ގައުމު ލޫޓުވައިފިޔޭ ކިޔައިގެން ކޮބާ ލަދު ހަޔާތް، މި 600 މިލިއަން ޑޮލަރުން ނެތޭ އެއްވެސް ކަމެއް ކޮށްފައެއް މިވަނީ އެކި މީސްމީހުންނަށް ބަހާ ހުސްކޮށްފަ.
އެޖެންޑާ
31 October 2025
ގިނަ މީހުނަށް ހީވެފައި އޮންނަނީ ދައުލަތުގެ ބަޖެޓަކީ އުމުރާނީ ތަރައްގީ އަށް އެކަނި ހޭދަ ކުރާ އެއްޗެއް ކަމަށް އެހެން ނަމަވެސް 64.3 ބިލިއަން ރުފިޔާގެ ބަޖެޓުން އަންނަ އަހަރު، ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި އަދާކުރަން ޖެހޭ އަހަރެވެ. އެގޮތުން އެއް ފަހަރާ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. މީ ސޯޓުޓާމް ލޯނުގެ ގޮތުގައި ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނު ތަކެކެވެ. އަދި ބޮންޑު ތަށް ހުރީ ހުރިގޮތަށް.
އިކޮނޮމިސްޓް މިސް
31 October 2025
ދަރިންނޭވެ. ކޮމެންޓު ތައް ކިޔާފައި ސަހަރޯ ހީވެއެވެ. 40 ބިލިއަން މުވައްޒަފުންގެ މުސާރައަށް ދީފައި، ދަރަނި ދައްކަން 10 ބިލިއަން ހަރަދު ކުރީމަ އެ ބަޖެޓެއް އެ ހުސްވި އެވެ. ސަރުކާރަކަށް އުމުރާނީ ތަރައްގީ އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އެހެން ނަމަވެސް މި ބަޖެޓުން ކެޕިޓަލް ހަރަދަށް 9.3 ބިލިއަން ރުފިޔާ އެބަ އިނެވެ. ދަރިންނޭ މީ ގައުމުގައި ޕްރޮޖެކްޓުތައް ހިންގަންހުރި ފައިސާ، ކުންފުނިތަކުގެ އެހީގައި މި އަދަދުން ކުލަޖެއްސޭނެކަން ޔަގީންވެ.
ޝުކުރުވެރި އިންސާ
31 October 2025
ޕީއެންސީ ން 2023 ނޮވެމްބަރ 17 ގައި ވެރިކަމާއި ހަވާލުވީއިރު މިގައުމުގެ ހާލަތު އޮތީ ބަނގުރޫޓް ވުމާއި ދިމާލަށް މިސްރާބު ޖަހާފަ. ބަޔަކު މީހުން ވެރިކަމުން ފައިބަމުން ބޮޑެތި ދަރަނި ތަކެއް ނަގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބަޖެޓާއި ނުބައްދަލު އެތައް ސަތޭކަ ޕްރޮޖެކްޓެއް ވަނީ އެވޯޑް ކޮށްފަ، އޭގެން އެއްވެސް ކަމަކަށް ފައިސާ އެއްނެތް. ބޭނުމަކީ ކޮބައިހެއްޔެވެ. ސަރުކާރަށް ޖެއްސުން ކޮށް ރައްޔިތުންގެ ޕްރެޝަރު ސަރުކާރަށް ކުރުމެވެ. ﷲ ރަހުމަތުން އެކަން ނުވި.
ހާފިޒް ރަސާދު
31 October 2025
ކުރީ ސަރުކާރުން ވަޒީފާދީފަތިބި އެންމެންގެ މުސާރަނުލާ މި ބަޖެޓް މީ މިހާތަނަށް ކަނޑައެޅި އެންމެ ކުޑަ ބަޖެޓަކަށް ނުވާނެބާ.
ޢެޑްމުންޑޯ
31 October 2025
ތިޔަ ބަޖެޓް ބޮޑަސް ކުޑައަސް ފަރަގެއްނެތް ، ރައްޔިތުންނަށް ބަޖެޓަކުން ކުރި މަންފާ އެއް ނެތް ފެންނާކަށް ، މިވީ 2 އަހަރުތެރޭ ބަޖެޓުން ކަމެއްނުކޮށް ހުސްކޮއްފައިވަނީ
ހާނޖީ
31 October 2025
ސޯލިހު ބޭލުވީ އެއްސަބަބަކިވެސް ނުވާވަރަށް ދަރަނީ ނެގުން. މުއިޒް ހޮވީ އެކަން ރަނގަޅު ކުރަން. ދެން އަބަދު ވާރުތަވީ ދަރަންޏެ ކިޔުމުގެ ބަދަލުގައި މިދިޔަ ދެއަހަރު ސިޔާސީ މަޤާމުތަށް މަދުކޮށް ރިކަރަންޓް ޙަރަދު ދައްކުރަން މަސަތްކަތް ކުރިނަމަ މިއަދުއޮތީހީ ތަފާތު ހާލަތެއް. އޭގެ ބަދަލުގައި މުއިޒްވެސް ދިހިނގަނީ ހަމަ ހަމަ އެއްމަގަކުން. ސިޔާސީ މަޤާމުތަށް އިހުނަށް ވުރެން އަދި އިތުރުވީ. ސަރުކާރު ހިއްސާވާ އެންމެކުންފުންޏެއްވެސް ސަލާމަތުން ނެތް.
ޙަޑަ
30 October 2025
ރަގަޅު ވާހަކައެއް. ރައީސްއާއިއެކު ސިޔާސީ ހުރިހާ އެންމެ މުސާރައާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި ، އިގްތިސާދީ ހުރިހާ މަސައްކަތެއްގެ ޚަރަދު އެއީ ބަޖެޓްގެ ބައެއް ނޫން ކަމުގައިވާނަމަ މިއަހަރުގެ ބަޖެޓް ކުރީއަހަރާއި އަޅާބަލާއިރު %95 ކުޑަވާނެ
1828
30 October 2025
މިދޭތެރެއަކުން ރާއްޖެތެރެ ކުޑަކުރަން ގޮސްފައި ކޮންމެ ރަށަކަށް އަރާފައި ބުނާ އަޑުއިވޭ 2026ގެ ބަޖެޓްގައި އެވެނިކަމެއް، މިވެނިކަމެއް ހިމަނާނަމޭ. އަންނަ އަހަރު ކަންތައްތައް ވާތަން ފެނިގެންދާނެއޭ. 2025އަށް ބޮޑު ބަޖެޓެއް ހުށަހަޅައިގެން ކަމެއްނުވިއިރު، 2026އަށް ކުޑަ ބަޖެޓެއް ހުށަހަޅައިގެން އަދިވާނީ ކޮންކަމެއް. ތިހެން ގޮނޑި ހޫނުކޮށްކޮށް ތިބެވޭނީ 2028ގެ ރިޔާސީ އިންތިހާބާއި ހަމައަށް.
ހައްވ
30 October 2025
ބަހާ އަމަލާ ދިމާނުވާ ބައެއް މީ.