ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
04 ނޮވެމްބަރ 2025 - 22:33
ފުވައްމުލަކަށް ކައިރި އަތޮޅަކުން ފަޅުރަށެއް ހަމަޖައްސައިދޭން އެ ރަށު ސިޓީ ކައުންސިލުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެ އެވެ.
ރާއްޖޭގައި އެންމެ ރަށެއްގެ މައްޗަށް އޮންނަ ހަމައެކަނި އަތޮޅު ކަމަށްވާ ޏ. އަތޮޅުގެ ފުވައްމުލަކާ އެންމެ ކައިރީގައި، ދެކުނުން އޮންނަ އައްޑު އަތޮޅު ވެސް 35 ކިލޯމީޓަރަށް ވުރެ ދުރެވެ. އުތުރުން އެންމެ ކައިރި ގދ. އަތޮޅާ ދެމެދު 55 ކިލޯމީޓަރު ހުރެ އެވެ.
ރައީސް މުއިއްޒު ފުވައްމުލަކަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސިޓީ ކައުންސިލާއި މި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް އެ އިދާރާގައި މިރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލް މެމްބަރުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވައިފައި ކަމަށެވެ. މި ރަށުގެ ފެނާއި ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލަ، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވީހާ ވެސް އަވަހަށް ހައްލުކޮށްދެއްވުމަށް ސިޓީ ކައުންސިލުން އެދުނު ކަމަށާއި ރަށުން ފެން ކެނޑުމުގެ މައްސަލަ އާއި ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެންތޯ ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދުނު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުންނާއި އަންހެނުންގެ ކޮމެޓީގެ މެމްބަރުންނާއި ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
ކަރަންޓުގެ މައްސަލަ އަންނަ ރޯދަ މަހުގެ ކުރިން ހައްލުކޮށްދިނުމަށާއި ރަށުގެ އިންޖީނުގެ، މީހުން ދިރިއުޅޭ ހިސާބުގައި ހުރުމުން ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް، މިހާރު މި ރަށުގައި އަޅަމުން އަންނަ އިންޖީނުގެ އަވަހަށް ނިންމައި، އެ އިމާރާތަށް ބަދަލުކޮށްދިނުމަށް ވެސް ކައުންސިލުން އެދިފައިވެ އެވެ.
"... ގެދޮރުގެ ދަތިކަމާއި ފުވައްމުލަކު ކައުންސިލަށް ކައިރި އަތޮޅަކުން ފަޅުރަށެއް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ފުވައްމުލަކުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އޮފީސް ކޮމްޕްލެކްސް އަކީ ރަށުގައި މިހާރު ހިންގަމުން އަންނަ ސަރުކާރުގެ އޮފީސްތައް، އެއް އިމާރާތެއްގައި ހިންގުމަށް ވަރަށް މުހިންމު އިމާރާތަކަށް ވާތީ އެ މަސައްކަތް އަވަސްކޮށްދޭން ސިޓީ ކައުންސިލުން އެދިފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
ފުވައްމުލަކަކީ ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކޮށް، ކައުންސިލުން ވަނީ ރަށަށް ލިބޭ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ވަކި ޕަސެންޓެއް، އުސޫލެއްގެ ދަށުން ކައުންސިލަށް ލިބޭނެ ގޮތް ހަދައިދިނުމަށް އެދިފަ އެވެ. އަދި މި ރަށުގައި ކުރިއަށް ގެންދާ ސިޓީ ހޮޓަލުގެ މަސައްކަތް އެމްއޭސީއެލް އިން ކުރިއަށް ގެންދާއިރު، ފުވައްމުލަކު ލޯކަލް ކައުންސިލް އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދިނުމަށް ވެސް ސިޓީ ކައުންސިލުން އެދުނެވެ.
މި ރަށުގެ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫ އާއި ކުނިކޮށީގައި ހުރި ކުނިތައް އުކާލުމާއި އެތަނުގައި ހުރި ވެހިކަލްތައް ބައުވެ ހަލާކުވެފައި ހުރުމުން ވެހިކަލްގެ ދަތި ކަމަށް ހައްލު ހޯދައިދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފަ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ ކަމެއްގައި ފުވައްމުލަކު ސިޓީ ކައުންސިލުން ދޭން ޖެހޭ އެއްބާރުލުން ސަރުކާރަށް ދޭނެ ކަމުގެ ޔަގީންކަން ވެސް އެ ކައުންސިލުން ވަނީ ދީފަ އެވެ.
ރައީސް އޮފީހުން ބުނީ ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތަފުސީލަށް ވަޑައިގެން، ފުވައްމުލަކުގައި ހިންގާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ރައީސް އެ ކައުންސިލާ ހިއްސާކުރެއްވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެފައާސާ.
05 November 2025
ފުވައްމުލައް ކައިރިއަށް ފަޅުރަށެއް ނުގެނެވެންޏާ ފަޅުރަށެއް ކައިރިއަށް ފުވައްމުލައް ގެންގޮސްގެންވިއަސް ތިކަން ކޮށްދޭނޭކަމުގެ ވައުދު ރައީސް ވެވަޑައިނުގަންނަވާތޯ؟
ރާވެރިބެ
05 November 2025
ފުވަށް މުލަކުގެ ރައްޔިތުން އެދޭ ގޮތަށް އެރަށާ މާދުރުނޫން ހިސާބަކުން ކުޑަވެގެން 50 ހެކްޓަރުގެ ރަށެއް ސަރުކާރުން ހިއްކާދެއްވުން އެދެން. މީނުވާނެ ކަމެއް ނޫން. މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފަދަ ރަށެއް އެއް އަހަރުތެރޭ ހިއްކާލެވޭނެ. އަދި އެރަށުން ފުވަށް މުލަކަށް ބްރިޖްއަޅާ ގުޅުވާލަ ދެއްވަންވާނެ. މިތަން ހިއްކަން ބޮޑެތި ހިލައާއި ހިލަވެލި ގެންނާނީ ބޭރުން. މަސައްކަތް ހަވާލުކުރަންވާނީ ޗައިނާގެ ކުޅަދާނަ ކުންފުންޏަކާ. ލޯނު ލިބޭނެ.
ޏނސނނސ
05 November 2025
ބަނދަރަށްފަހު އެއަރޕޯޓުގެ ސީޒަން ނިމި ދެން އޮތީ ފަޅުރަށުގެ ސީޒަންބާ؟
އެކަނިވއރިބެ
05 November 2025
މަވެސް އޮންނީ އެކަނި ):
އަފްރާސިޔާބު
05 November 2025
ކީއްކުރަންއުޅޭ ފަޅުރަށެއް. މީހުން އުޅޭ ރަށެއް މާރަނގަޅުވާނެ. އެންމެ ކައިރީގައި އޮތީ ހުޅުމީދޫ. އެދެރަށުގެ މީހުން އެއުޅެނީ އައްޑޫ ހިތަދޫގެ ވެރިކަމާ ނުރުހިގެން ތަރައްގީ ނުކުރާތީ. ހުޅުމީދޫ ދިނީމާ އެރަށަށް އަޅަންޖެހޭ އެއަރޕޯޓްވެސް އެޅިފައި ތިޔަ ރަށުގައިއޮތީ. ދެން ގދ. ވާދޫ ނުވަތަ ގައްދޫ އިޚްތާސާސުގެ ތެރެއަށްލާ.
ބަގާވާތް ނުކުރާތި
05 November 2025
އަނެއް ކަންތަށް މި ޖެހުނީ، އަންނި ހޮވައިދީ ފްލޯޓިންގް ގެނަސްދޭނަން
ޱރ ރަޓޭ
05 November 2025
ތިޔަ ރައް ބޭނުމީ މާލެއަތޮޅުން އެރަށުގެ ވަރައް ގިނަމީހުން މާލޭގަ އުޅޭ އަދިހަމަ މާލީމަންފާ ލިބޭނީ މާލެއއަތޮޅުން ލިބުނީމާ ތަންކޮޅެއް ކުރިން މާލޭގަ ހުރޭނޫންތޯ އަތޮޅުފިހާރަތައްވެސް.
ސަބީލާ
05 November 2025
ފުވައްމުލަކުގަ ބިން އެބައޮތް. ދެން ކީއްކުރާ އިތުރު ރަށެއް؟ ނުލިބޭނެ އަހަރުންގެ އަތޮޅަކުން ރަށެއް.
"ފޯއް"މުލަކު
05 November 2025
ހއ އަތޮޅުން ފަޅުރަށެން ދިނުމަށް ފެނޭ.
އަބްޑޫޅް +
05 November 2025
އަބޫހެރާ ނުވަތަ ފޫހެރާ، ދޭން ކަމުދާނެ.