ޑޮލަރު ފޭރުނު މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރި މީހުން.
10 ނޮވެމްބަރ 2025 - 12:53
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށް، ހަތަރު މީހަކު ފުރުން މަނާކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި ފޭރުމުގެ އަމަލާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ؛
- އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، 27، ގއ. ވިލިނގިލި، ބިނާ
- އަހުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ
- އަލީ އަފްޒަލް، 21، ސ. ހިތަދޫ، ވަށަގުލިމާގެ
އޭގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަފްޒަލްގެ ބަންދަށް ފުރަތަމަ ދިނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ފޭރުނު މައްސަލައިގައި، އެ ހާދިސާ ހިނގި ދުވަހު ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންނަކީ؛
- މާޒިން މޫސާ، ލ. މާވަށް ރޭޝަމް
- އަހުމަދު ރައިހާން ނައީމް، މ. ކޯރަސް
- އިބްރާހިމް އަނޫފް، ކ. ގުރައިދޫ އަޅިވިލާގެ
- ހުސައިން ޝަހުދު، ކ. ގުރައިދޫ އަޅިވިލާގެ
މި މީހުންނާ އެކު، މި މައްސަލައިގެ ތުހުމަތަށް ފުލުހުންގެ ބަންދުގައި މި ވަގުތު ހަތް މީހުން އެބަތިއްބެވެ. އެ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ޑޮލަރު އަޅާފައި ހުރި ސޫޓް ކޭސް ފޭރުނީ، އެ ހިފައިގެން ޓާމިނަލަށް ވަންނަން އުޅުނު ދެ މުވައްޒަފަށް ބިރު ދެއްކުމަށް ފަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފުރުން ވެސް މަނާކޮށްފައިވާ ކަމަށެވެ. ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް ބަލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަބް
10 November 2025
އެ ހިފައިގެންދާ ކަން މިބައިމީހުންނަށް އެނގުނު ގޮތް ލިޔުމުން އެނގޭތޯ ބަލާ ބަލާވެސް ރާޑަރަކަށް ނޭރި
ގުފުރާން
10 November 2025
އަހުމަދު މާހިދު، 44، ތ. ވިލުފުށި، އެހީވާގެ….އެސޮރުމިކަމުގައި ތާށި މިވީ އެސޮރުމެންގޭ ނަމުގެ ގޮތުން….އެހީވާގޭ ކުއްޖެއްވީމަ މިކަމުގައިވެސް އެމީހުނަށް އެހީއެއް ވެދެވުނީ….ކިހާދެރަ…
ރައުޔު
10 November 2025
އެއާރޕޯރޓް ސެކިއުރިޓީ ފޭލް ވެފައި
ރަދީފްއޮފިޝަލް / ރައްދު ވޭ ބާކިއެ
10 November 2025
އެއާޕޯޓް ސެކިއުރިޓީގެ ކުރިން ފެއިލްވީ މައިންބަފައިން.ބެލެނިވެރިން ފެއިލްވީ.އެދުރުން އަދި ޕްރިންސިޕަލުން ފެއިލްވީ.
ފާށަނާ
10 November 2025
ސިވައިދީބް ސަރަހައްދު ކޫދުންކޮޅެއްދޯ.