މާލޭގެ ފިހާރައެއްގައި ވަޒީފާ އަދާކުރި ސްރީ ލަންކާ މީހަކު އެ ފިހާރައިން 25،000ރ. ވަގަށް ނަގައިގެން ފުރަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށްވާ ޗަންދްރެސްކަރަން އެންތޮނީ ކިޔާ މީހެކެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާ 15 ދުވަހަށް ބަންދުކުރަން އަންގާރަ ދުވަހު ނެރުނު ކޯޓު އަމުުރުގައިވާ ގޮތުން ތުހުމަތުކުރެވޭ މީހާ ފިހާރަތެރޭގައި އުޅޭތީ ފެންނަ ވީޑިއޯ ފޫޓޭޖްގެ ސްނެޕް ޝޮޓްތަކަކާއި ހާދިސާ ރިޕޯޓާއި އޭނާ ފުރަން ނަގާފައިވާ ފްލައިޓް ޓިކެޓް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވެ އެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުން ފިހާރައިގެ އެ ދުވަހުގެ ސޭލްސް ކަަމަށްވާ 25،000ރ. އާއި މޯބައިލް ފޯނެއް ވަގަށް ނަގާފައިވެ އެވެ. އަދި ސީސީޓީވީ ފޫޓޭޖުން ފެންނަ މީހާ އަކީ ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށް ފިހާރައިގެ އެހެން މުވައްޒަފުން ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
ތުހުމަތުކުރެވޭ މީހާ ބުނެފައިވަނީ އޭނާ އެ ތަނުގެ ވަޒީފާ އިން ހާދިސާގެ 10 ދުވަސްކުރިން ވަކިވެފައިވާ ކަމަށާއި ހާދިސާ ހިނގިކަމަށް ބުނާ ވަގުތު އޭނާ ހުރީ އެހެން ތަނެއްގައި ކަމަށެވެ.