މާލެ އައި ލޯންޗަކުން ޖެޓީއަށް ބޭލި ފޮއްޓެއް، ތިން ލައްކައަށް ވުރެ ގިނަ ރުފިޔާއާ އެކު ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހާގެ އަތުން ފައިސާތައް ފެނިފައި ވާއިރު ވެސް، އޭނާގެ އަތުން ފެނުނީ ފައިސާ ހުރި ފޮށިކަން ފުލުހުންނަށް ބުނެ ނުދެވޭ ކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ. 

އެ މައްސަލާގައި މި މަހުގެ ކުރީކޮޅު ހައްޔަރުކޮށްފައި ވަނީ ލ. މުންޑޫ، ސެވެންސްޓާ، އުމުރުން 44 އަހަރުގެ އަލީ ނާޒިމް  އެވެ. އޭނާގެ ބަންދަށް ދިން 15 ދުވަސް ހަމަވާތީ އެކަމާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން އިއްޔެ ވަނީ އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ދީފަ އެވެ.

އެ އަމުރުގައި ބުނެފައިވަނީ ނާޒިމާ ދެކޮޅަށް ކޮންމެ ވެސް ވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ފޮށި ހިފައިގެން އުޅުނު މަންޒަރު ފެނުނު ފުލުހުން ތަހުގީގަށް ދީފައިވާ މައުލޫމާތު އަދި މައްސަލައާ ގުޅޭ ކެމެރާ ފުޓޭޖުތަކުގެ ސްކްރީންޝޮޓުތައް ހިމެނެ އެވެ. 

ކޯޓު އަމުރުގައި ދީފައިވާ ތަފްސީލްގައިވާ ގޮތުން ބޮޑުތަކުރުފާނު މަގުން އެޓޯލްސް ޕާކިން ޒޯންއާ ދިމާލުން ޖެޓީ މަތީގައި ބަހައްޓާފައި ހުރި ލަގެޖު ނަގައިގެން ގެންގޮސް އޭގައި ހުރި ފައިސާތައް ނާޒިމް ވަނީ ނަގާފައި ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ބުންޏެވެ. ނަމަވެސް ތުހުމަތުވާ މީހާ ވަނީ އޭނާ ފޮއްޓެއް ގެންގުޅޭތަން ފެނުނަސް އެއީ ފައިސާތަކާ އެކު ގެއްލުނު ފޮށިކަން ފުލުހުންނަށް ބުނެ ނުދެވޭ ކަމަށެވެ.  އޭނާ ވަނީ މި މައްސަލާގައި މިހާރު ބަޔާން ވެސް ނަގާފައިވާތީ ލުއި ގޮތެއް ހަމަޖައްސައިދިނުމަށް ކޯޓުގައި އެދިފަ އެވެ. 

ނަމަވެސް ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ ބަންދަށް އިތުރު 15 ދުވަސް ދިނުމަށެވެ. 

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ނާޒިމް ވަގަށް ނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު އޭގެ ތެރެއިން 248،500ރ. އާއި އެ ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ 7000ރ. ގެ ފޯނެއް ފެނިފައިވެ އެވެ.