އައްޑޫ ހުޅުދު އާއި މީދޫގައި ތިބި ޕީއެންސީގެ ސަޕޯޓަރުން މާލެ އައުމަށް ގަން އެއާޕޯޓަށް ދިއުމަށް ފެރީގައި ދަތުރުކުރަނީ: ގިނަ ބަޔަކު ވަނީ އެ ޖަލްސާއަށް މާލެއަށް އައިސްފައި --- ފޮޓޯ/ޕީއެންސީ
13 ނޮވެމްބަރ 2025 - 14:16
ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީއެންސީން މާލޭގައި މާދަމާ ރޭ ބާއްވާ ބޮޑު ޖަލްސާއަށް ރަށްރަށުން ގިނަ ބަޔަކު މާލެ އަންނަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، އެ ޖަލްސާގައި ބައިވެރިވުމަށް އިއްޔެއިން ފެށިގެން އެ ޕާޓީގެ ސަޕޯޓަރުން ވަނީ މާލެ އަންނަން ފަށައިފަ އެވެ. މިއަދު ވެސް ގިނަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.
އައްޑޫގެ ޕީއެންސީގެ ސަޕޯޓަރުން ގެނައުމަށް މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330-200 ގެ ފްލައިޓެއް ވެސް ވަނީ ގަމަށް ބާއްވައިފަ އެވެ. އަދި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ފްލައިޓްތަކުގައި ވެސް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މާލެ އައިސްފަ އެވެ.
މާލެ ކައިރި ރަށްރަށުން ލޯންޗްތަކުގައި ވެސް ގިނަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.
ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރިން ވިދާޅުވެފައިވަނީ ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން މާދަމާ ރޭގެ ޖަލްސާއިން ސާފުވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާއަށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތަށްފަހު އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޖަލްސާއަށް ސަޕޯޓަރުން ދާނީ ރައީސް ކުރައްވާފައިވާ މަސައްކަތްތައް ބަލައިގަންނާތީ ކަމަށެވެ.
"ދިވެހިރާއްޖޭގެ ތާރީހުގައި ޕްރައިވެޓް ސެކްޓާއާ އެންމެ ގިނަ މަޝްރޫއުތައް އެއް ދުވަހެއްގައި ހަވާލުކުރީ މި ވެރިކަމުގައި އިއްޔެ ނޫން އޭގެ ކުރީ ދުވަހު. އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުންފިޅުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެ މީހުންނަށް މި ވާނުވާ އެނގޭތީ ކަން ހިނގާ މަގު އެނގޭތީ މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމަށް ގަބޫލު ކުރެވޭތީ އާ އުންމީދަކާއި އާ ރޫހަކާއި އާ ދިރުމަކާ އެކީގައި އާ މުސްތަގުބަލަކަށް އުންމީދު ކޮށްގެން،" އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ޕީއެންސީން ބޮޑު ޖަލްސާއެއް މި ބާއްވަނީ ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
12422
14 November 2025
ފައިސާހޯދިގޮތެއް ނުބަލާނެ ނުބެލޭނެ، އެއްވެސްބަޔަކު އަނެއްބަޔަކުގެ ކޮރޮޕްޝަން ބަލާކައްބޭނުމެއްނުވޭ، އެއީ އެއައްވުރެބޮޑައް އެކަންކުރަންވެގެން، ދެން އަނެއްކާ ރަތްޔިތުންގެ ލާރި ތަޅާމިބުރުވަނީ ކޮންކަމެއްގެ އުފާ ފާހަނގަ ކުރަންތޯ، ރަތްޔިތުންނައް ކޮންއުފަލެއްތޯ ހޯދަދެވުނީ
ނޯވޯޓް
14 November 2025
މި ލެވަލް އަށް ވެއްޓުނީ ދޯ. ހަމަ އެއްކަހަލަ ހުރިހާ ސިޔާސީ ޕާޓީތަކެއް.
ނާޑުވާ
14 November 2025
މާލެ ތޮއްޖައްސަން ނުގެނެސް ކޮންމެވެސް އެހެން ރަށެއްގަ ތިޔަ ޖަލްސާ ބޭއްވިދާނެތޯ?
ކަތްދައްތަ
14 November 2025
ކޮންމެ ބޭނުމަކު އަޔަސް މިކަން ބެލޭނެ ދުވަހެއް އަންނާނެ. ފައިސާ ހޯދިގޮތާއި ޚަރަދު ކުރިގޮތް ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތަށް ހާމަ ކުރަންޖެހޭނެ. އަބަދަކު ދާއިމަށް ވެރިކަމެއްގަ ނުހުރެވޭނެ.
ހާނޖީ
14 November 2025
ނުބެލޭނެ ، ނުވެސް ބަލާނެ. މިއީ ހުރިހާ ޕާޓީ ތަކުންވެސް ވެރިކަން ކަންކުރާގޮތް. ޕާޓީ ތަކުގައި އުޅޭ ބައިގަނޑަށް ރަށްޔިތުންގެ ލާރި މިގޮތަށް ޙަރަދުކުރަން އޯކޭ
ނަހީން
13 November 2025
މުއިއްޒުއަށް ޔަގީން ބާ މި މީހުން މިއަންނަނީ މުއިއްޒު އަށް އަތް ޖަހަންކަން ޏުވަތަ ސަރުކާރު ފެއިލް ވުމުން ބޮޑު މުޒާހަރާއަކަށް ނޫންކަމެއް!
އާރީ
13 November 2025
އިސްރާފް ނޫން ކޮންކަމެއް މި ދެށް.
ކޮރަލް
13 November 2025
2000ރ ގެ ވާހަކަ އެއް ނެތެވެ.
ލޮއްލަ
13 November 2025
ތިޔައީ ކުލީ ކުދިން. ބޮލަކަށް ދުވާލަކު 500 ރުފިޔާ އަދި ދެކޮޅު ޓިކެޓާއެކު. ޖަލްސާ އަށް ބޯގިނަކުރަން ކުރާ ކަމެއް.
ވަކަރް
13 November 2025
ހޭބަލިވެދާނެ ބަޔަކު ކަލޯ އަދިވެސް ތަހުޒީބުނުވޭ މީސްތަކުން.
ރަށްއިތުމީހާ
13 November 2025
މުޅިރާއްޖެއިން މީހުން މާލެއަށް ގެނެސް ސަރުކާރުން ބޮޑު ޖަލްސާއެއް ބާއްވައިގެން ފާހަގަކުރާ ވަރުގެ ކަމެއް މި ދެއަހަރުގެ ތެރޭގައި ކުރެވިފައި އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. މިހާ ބޮޑު ޖަލްސާއެއް ބާއްވައިގެން ފާހަގަކުރާ ވަރުގެ އެންމެ ކަމެއްވެސް ކުރެވިފައި އޮތްނަމަ ބުނެބަލާށެވެ..