ސީއޭ މޯލްޑިވްސްގެ ރައީސް ހަލީމް ޓެސް ފޯރަމްގައި މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ:ސީއޭ މޯލްޑިވްސް
15 ނޮވެމްބަރ 2025 - 17:41
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމު ކޮށްގެން، އެކައުންޓިން ދާއިރާގެ ބައިނަލްއަގުވާމީ ބޮޑު ދެ ފޯރަމެއް ރާއްޖޭގައި މި މަހު ބާއްވާނެ ކަމަށް އެ އިންސްޓްޓިއުޓުން މިއަދު ބުނެފި އެވެ.
ސީއޭ މޯލްޑިވްސް އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން މީރުމާ ހޯލްގައި ބޭއްވި ޓެކްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ ވިދާޅުވީ ސީއޭ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ރާއްޖޭގައި މި މަހު ބާއްވާ ބައިނަލްއަގުވާމީ ބޮޑު އެއް ފޯރަމަކީ "އެނުއަލް މީޓިން އޮފް ދަ އޭޝިއަން، އޯޝަނިއާ ސްޓޭންޑާޑް ސެޓާސް ގްރޫޕް" އެވެ.
މި މަހުގެ 26 އިން 28 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ބާއްވާ އެ ފޯރަމްގައި އޭޝިއާ، އޯޝަނިއާ ސަރަހައްދުގެ ގައުމުތަކުގައި އެކައުންޓިން ދާއިރާގެ ގަވާއިދާއި އުސޫލުތައް ހަދާ އެޖެންސީތަކުން ބައިވެރިވެ މަޝްވަރާ ކުރާނީ ބައިނަލްއަގުވާމީ ގޮތުން އެކައުންޓިން ދާއިރާ އަށް އަންނަމުންދާ ބަދަލުތަކާއި ސަރަަހައްދީ ގޮތުން އިސްކަންދޭން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުންނެވެ.
މީރާ އާއި ސީއޭ މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން މިއަދު ބޭއްވި ޓެކްސް ފޯރަމްގައި ޓެކްސް ދާއިރާގެ ޕްރޮފެޝަނަލުން މިއަދު ބައިވެރިވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
އެ ފޯރަމް ހަމަ ނިމުމާ އެކު، މި މަހު 29 ގައި ފަށާނީ އެނުއަލް އައިއެފްއާރްއެސް (އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑާޑްސް) ފޯރަމް އެވެ. އެކައުންޓިންގެ ސްޓޭންޑާޑް ކަނޑައެޅުމުގައި ބައިނަލްއަގުވާމީ ގޮތުން އިސްކޮށް އުޅުއްވާ ބޭފުޅުންނާއި އިދާރާތައް ދެވަނަ ފޯރަމްގައި ބައިވެރިވާނެ އެވެ.
ހަލީމް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް އެކައުންޓިން ސްޓޭންޑާޑް ބޯޑް(އައިއޭސްބީ)ގެ ޗެއާ ވެސް އެނުއަލް އައިއެފްއާރްއެސް ފޯރަމްގައި ބައިވެރިވަޑައިގެން ތަގުރީރު ކުރައްވާނެ އެވެ.
އައިއޭސްބީގެ އިސް އެހެން ބައެއް ބޭފުޅުން ވެސް އެ ފޯރަމްގައި ބައިވެރިވެވަޑައިގެން ފަންނީ މައުލޫމާތު ހިއްސާ ކުރުމުގެ ސެޝަންތައް ކުރިއަށް ގެންދަވާނެ އެވެ.
"މިއީ ރާއްޖޭގެ އެކައުންޓިން ދާއިރާގެ ތާރީހުގައި ފާހަގަކޮށްލެވޭ ހިނދުކޮޅަަކަށް ވާނެ. އެއީ ރާއްޖޭގެ އިންސްޓިޓިއުޝަނަކުން އިންތިޒާމް ކޮށްގެން ބާއްވާ ފޯރަމެއްގައި، ބައިނަލްއަގުވާމީ ސްޓޭންޑާޑް ސެޓާސް އެ ބޭފުޅުންގެ ރަސްމީ ހައިސިއްޔަތުން މި ސްކޭލްގައި ބައިވެރިވާ ފުރަތަމަ ފަހަރަށް ވާތީ،" ހަލީމް ވިދާޅުވި އެވެ.
މިއަދު ބޭއްވި ޓެކްސް ފޯރަމްގެ ޝަރަފުވެރި މެހުމާން ފޮރިން މިނިސްޓަރު ހަލީލް އަދި ސީއޭ މޯލްޑިވްސްގެ އިސް ބައެއް ވެރިން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ސީއޭ މޯލްޑިވްސް އާއި މީރާ ގުޅިގެން މިއަދު ބޭއްވި ޓެކްސް ފޯރަމަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ. މީރުމާ ހޯލްގައި ބޭއްވި އެ ފޯރަމްގައި 150 ފަރާތަކުން ބައިވެރިވި އެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދާ ދުވަސްވަރެއްގައި ބޭއްވި އެ ފޯރަމްގެ ޝިއާރަކީ "ޝޭޕިން އަ ސްމާޓާ ޓެކްސް ފިއުޗާ ޓުގެދާ" އެވެ.
ޓެކްސް ފޯރަމްގެ ގޯލްޑް ސްޕޮންސަރުންނަކީ މޯލްޑިވްސް އިސްލާމިކް ބޭންކް( އެމްއައިބީ) އާއި އެސްޓީއޯ އަދި އެލައިޑް އިންޝުއަރެންސެވެ.
ޓެކްސް އެކައުންޓިން އަދި އޮޑިޓް ދާއިރާ އަށް އަމާޒުކޮށްގެން ބޭއްވި އެ ފޯރަމްގައި ޓެކުހާ ގުޅޭ ސިޔާސަތުތައް އެކުލަވައިލާ ދިވެހި ބޭފުޅުންނާއި ބައިނަލްއަގުވާމީ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވި އެވެ.
ސީއޭ މޯލްޑިވްސް އިން ބުނި ގޮތުގައި ފޯރަމްގެ ތެރެއިން، ،ޓެކްސްއާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، ޓެކްސް ސިޔާސަތުތައްް އެކުލަވާލާ ފަރާތްތަކާއި ޓެކްސް ޕްރޮފެޝަނަލުން އެއް މޭޒެއްގައި ތިބެ ވަރަށް ގިނަ މަޝްވަރާތައް ކުރެއްވި އެވެ.
ޓެކްސް ފޯރަމް އިފުތިތާހު ކުރުމުގެ ހަފުލާގައި ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު ވަނީ، ޓެކްސް ނިޒާމުގެ އިތުބާރު ދެމެހެއްޓުމަކީ ޓެކްސް ނެގުމާ ގުޅޭ ދާއިރާގެ ހުރިހާ ޕްރޮފެޝަނަލުން ވެސް ހިއްސާވެ، ޒިންމާވާން ޖެހޭ ކަމެއް ކަމަށާއި އެހެންވެ އެ ދާއިރާގެ އިތުބާރު ދަމަހައްޓަން ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު އެދިވަޑައިގެންފަ އެވެ.
"މި މައްސަލަތަކަކީ ރާއްޖެ ފަަދަ ކުދިކުދި އިގުތިސާދުތަކާ ވަރަށް ބޮޑަށް ގުޅޭ މައްސަލަތައް. މިއަދު މި ތަަނަށް ވަޑައިގެންނެވި ޓެކްސް ޕްރޮފެޝަނަލުންނަށާއި ޓެކްސް އޭޖެންޓުންނަށާއި ޓެކްސް ލޯޔަރުންނަށް އަޅުގަނޑު ހަނދާން ކޮށްދޭން ބޭނުންވަނީ އަޅުގަނޑުމެން އެންމެންގެ ޒިންމާއަކީ ޓެކްސް ނިޒާމުގެ އިންޓަގްރިޓީ އާއި އިންސާފުވެރިކަން ދެމެހެއްޓުން ކަން،" ޓެކްސް ކޮމިޝަނަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެފައާސާ.
15 November 2025
ސީއޭ މޯލްޑިވްސްގެ ރައީސް ހަލީމްއަކީ ވިލާ އެއާރގެ ސީނިއާރ މުވައްޒަފެއް. ސީއޭ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ފޯރމް މި ބާއްވަނީ ވިލާ ނޯޓިކާ ރިސޯޓުގައި. އިއްތިފާގެއް؟؟
އިހްސާސް
15 November 2025
ބިދޭސީން ތިޔަ އިންޑަސްޓުރީއިން ބޭރުކުރޭ.
ސުމެކް
15 November 2025
ނެތޭ މާ ގިނަ ދިވެހިންނެއް. ހާއްސަކޮށް ޗާޓަޑް އެކައުންޓަންޓުންގެ ގޮތުގައި ކޮލިފައިވެ ތަޖުރިބާހުރި މާ ގިނަ މީހުނެއް ނެތް. ތިބި މީހުން ތެރޭން ގިނަ މީހުނެއް ބޭނުމެއް ނުވޭ ރިސޯޓްތަކަށް ވަޒީފާއަށް ދާކަށް. ބިދޭސީންނާއި އެކުވެސް އުޅެން ޖެހޭނީ. އެހެނެއްނޫން، ފާމުތަކުގައި ދިވެހިންގެ ހިއްސާ ބޮޑު ކުރަންވީ. ދިވެހި ޕާޓްނަރުން ލާން ހަމަ ލާޒިމު ކުރަންވީ. ހަމައެއާއެކު، ދިވެހިން ދާއިރާއަށް ނިކުންނަ ވަރަކަށް ދިވެހިންނަށް ފުރުސަތު ދިނުމުގައި އިސްކަން ދޭންވީ.