މެންބަރު ފަލާހު: ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ވަނީ ފާސްކޮށްފައި
27 ނޮވެމްބަރ 2025 - 14:15
އަންނަ އަހަރު އިންތިހާބުކުރާ ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓު ދެއްވި އެވެ.
އެ އިސްލާހުގައިވާ ގޮތުން 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ދެން ހޮވާނީ ތިން ކައުންސިލަރުންނެވެ. އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. މީގެތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ދެ ކައުންސިލަރުން ހޮވުން ލާޒިމެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން 3،000 އަށްވުރެ މަދުގެ އާބާދީތަކަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވަ އެވެ.
ރަށު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެ އަދި ފުވައްމުލައް ސިޓީ ކައުންސިލްގައި ތިބޭނެ ކައުންސިލަރުންގެ އަދަދު ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
މާލެ ސިޓީ ކައުންސިލްގައި 16 މެންބަރުން ތިބޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. މާލެ ސިޓީ ކައުންސިލްގައި މިހާރު ތިބެނީ 19 ކައުންސިލަރުންނެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ފުވައްމުލަކަށް އެ އަދަދު ކަނޑައަޅާފައިވަނީ އެ ސިޓީއަކީ 8 އަވަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ ކަމަށް އިސްލާހުގައިވެ އެވެ.
ދެން އޮތް އައްޑޫ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު އިސްލާހުގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލެއްގައި އެއިން ކޮންމެ ސިޓީއެއްގައި ވެސް އެކުލަވާލަން ޖެހޭނީ މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭ ކައުންސިލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއުނިމާ
02 December 2025
އަޅޭ ، ރައްޔިތުންގެ މަޖްލިސް މެންބަރުންވެސް މަދުކޮށްލަން ބިލެއް ހުށަހަޅާލާ ފާސްކޮށްލަ ބަލަ ! މިހާ ކުޑަކުޑަ ޤައުމަކަށް ތިޔަވަރަށް މެމްބަރުން ތިބުމަކީ ބޮޑު އިސްރާފެއް ! އަދި މަޖްލިސް މެމްބަރުކަން ކޮށްފަތިބި މީހުނަށް ދޭ އެލަވަވަންސްވެސް ކަނޑާލަންވީ، އެންމެނަށް ވެސް ރިޓަޔާވީމާ ލިބޭ ޕެކޭޖެއް ކިބޭނެ! ޕީއެންސީގެ ސުޕަރ މެޖޯރިޓީގެ އިޚްލާސްތަރިކަމެއް ހުރެއްޖެއްޔާ އެގިދާނެ !
ޢަރުތަ
28 November 2025
ވަރަށް ރަނގަޅު ނިންމުމެއް، އަދިވެސް މަދު ކުރަން ފެނޭ، ދެން ކުރަންވީކަމަކީ ދައުލަތުގެ ބަޖެޓަށް އިތުރުވާނެ ގޮތް ހެދުން، އެގޮތުން ސިނަމާލެ ބްރިޖް ބޭނުންކުރާ ވެހިކަލްތަކުން ފައިސާ ނަގަން ފަށަންވީ، ތިހުންނަނީކީ ދުނިޔޭގެ އެއްވެސް ތާކު ހިލޭދޭ ޚިދުމަތެއް ނޫން، ކެރޭނެބާ!
ޢެޑްމުންޑޯ
28 November 2025
އެއްވެސް ބޭނުމެއްނެތް އެމްބަސީތަށް ގައުމުތަކުގައި ހުޅުވަމުންދާއިރު ބޭކާރު ނުވޭބާ ، ކިތައްމިލިއަންރުފިޔާ އެ ބޭކާރުކޮއްލަނީ ، ގާތްމީހުންނަށް ވަޒީފާދީ އެމްބަސީތަކުގެ ބައިތިއްބާގެން ، ކޮންފަދަ ބޮޑު އިސްރާފެއް ، މިކަހަލަ އިސްރާފްތަކަށް ކައުންސިލްތަށް އުވާލަން ތާއިދުކޮށް ކޮމެންޓް ކުރާ ކުދިންވެސް އޯކޭދޯ
އަހަންމާ.
29 November 2025
ބޮޓޭކޯގެ ގާތް ތިމާގެ މީހުންނާއި، ދަރިންނާއި، ރައްޓެހިން ނަސް ވަޒީފާދޭ ތަންތަން އެމްބަސީ ތަކަކީ، އެހެންވެ އެކަން އިސްރާފަކަށް ނުވާނެ.
ގިނިމަސް
28 November 2025
ކައުންސިލްތައް އުވާލާ އަދި ފަނޑިޔާރުންގެ މާލީބަޔާންތައް އޯޑިޓު ކޮށްލައްވާ...
އަދާލަތު
27 November 2025
ކައުންސިލްގެ މެޖޯރިޓީ ނުލިބޭނެކަން ޔަޤީންވީމައި ތިޔަކަހަލަ ހުރިހައިސަކަރާތެއްޖަހާނެ.
އުދުހޭ
27 November 2025
ފިރިހެނުންނަށް އެއްވެސް ގޮނޑިއެއް ނެތްދޯ؟ އާއިލާއަށް ޚަރަދުކުރުމުގެ ޒިންމާ އޮންނަނީ ފިރިހެނުންނަށް އެކަމަކު ވަޒީފާ މިދެނީ ހާއްސަކޮށްފަ އަންހެނުންނަށް. ދެން ޚަރަދު ނުދޭ ވާހަކަ މިދައްކަނީ އަދި އާބާދީ ދަށައްދާ ވާހަކަ.
ޢަތޫ
27 November 2025
ޥަރަށް ރޭސިސްޓް. ޥަކި ޖިންސްއަކަށް ގޮނޑި ލާޒިމްކުރުން ބަލައި ނުގަންނަން.
މަ ބުނީ
27 November 2025
މަ ބުނީ ރައީސް ނަޝީދު ވެރިކަމުގައި ތި އަދަދު ކަނޑައެޅުން އޭރުގެ ޑީ އާރު ޕީ އަށް ކަމުނުގޮސްގެން މިހާރުގެ އަދަދުތަކަށް އިތުރުކުރީ ތާރީހުގައި ކިޔެވޭނެ ހެޔޮވެރިއެއްގެ ނަންފުޅު ރައީސް ނަޝީދު ، އިންޝާ ﷲ.
ނިފާޒް މުހައްމަދު
27 November 2025
ބޭކާރު ހަރަދު ކުޑަ ކުރަން މިޔަށްވުރެ ރަނގަޅު ވަކި ކަމެއް ނުކުރެވޭނެ. މިޔަކީ ކުރިން ކުރާ ވަރަށް ބޭކާރު ހަރަދެއް
ނިމްޝާދު
27 November 2025
އަހަންނަކިވެސް އެމްޑީޕީ މީހެއް. އެކަމަކު މިސަރުކާރުން މިގޮތަށް ވަރަށް ރަނގަޅު ކަންކަން އެބަކުރޭ.މީގެ އިތުރުން އަތޮޅު ކައުންސިލްވެސް އުވާލުން ރަނގަޅު