ހައި ކޯޓް: އުދައްޔުގެ މަރާ ގުޅިގެން ކުށް ސާބިތުނުވި މީހާގެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފައި --- ފޮޓޯ/މިހާރު
30 ނޮވެމްބަރ 2025 - 15:08
ގއ. މާމެންދޫގައި ގުރޫޕަކުން ގޮސް ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވެ، ސަލާމަތްވި މީހާގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ފެބްރުއަރީ، 2021 ގައި 17 އަހަރުގެ އުދައްޔު އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ އިތުރުން އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.
އޭގެ ތެރެއިން ޝަމީމާއި މާޒިންގެ މައްޗަށް ކުށް ސާބިތުވެ، އެ ދެ މީހުން މެރުމަށް ހުކުމްކުރި ނަމަވެސް ޝަރަފްގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ. ޝަރަފްގެ މައްޗަށް އެ ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އުދައްޔުގެ މަރުގެ މައްސަލާގައި ޝަރަފްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި ނަމަވެސް އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުވެ، އޭނާ ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
އުދަައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެވެ. އަދި އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ޖުވެނައިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy