ލަންކާގައި އުޅޭ ދިވެހިން، އެހީގެ ތަކެތި ބަލައިގަންނަނީ.-- ފޮޓޯ: އަންވަރު
03 ޑިސެމްބަރ 2025 - 10:23
ސްރީ ލަންކާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް، އެ ގައުމުގައި ދިރިއުޅޭ ދިވެހިން އެހީ ހޯދައިދިނުމުގެ ހަރަކާތެއް ފަށައިފި އެވެ.
އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަހުމަދު އަންވަރު ވިދާޅުވީ ކާރިސާގައި ފެން ބޮޑުވެ، ހާލުގައި ޖެހުނު މީހުންނަށް އެހީ ބަލައި ގަންނަނީ ސޯސަންވިލާ އިން ކަމަށެވެ. އެގޮތުން، ހެނދުނު 10 އިން ރޭގަނޑު 8 އާ ހަމައަށް ގެންދާ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އަންވަރު ވިދާޅުވި އެވެ.
ދިވެހިން އިސްނަގައިގެން ހިންގާ އެހީގެ ހަރަކާތުގައި އެއްވެސް ފައިސާއެއް ނުނަގަ އެވެ.
އަންވަރު ވިދާޅުވީ ދިވެހިން އާއްމުކޮށް ދިރިއުޅޭ ތިން ސިޓީގައި ފެން ބޮޑުނުވާ ކަމަށެވެ. ނަމަވެސް، ކޮލޮމްބޯގައި ދިވެހިން ދިރިއުޅެމުން ދިޔަ ގެތަކަށް ފެން ވަދެ، ހާލުގައި ޖެހުމުން ހަތަރު ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންވަރު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެހީތެރިކަމަށް އެދުނީ ނެގޮމްބޯގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދަރިވަރުންތަކެކެވެ. އޭގެ 35 ކުދިންނަށް އެހީތެރިކަންދީފައިވާ ކަމަށާއި މައިގަނޑު ގޮތެއްގައި ފޯރުކޮށްދީފައިވަނީ ކާބޯތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގައި އެކި ބޭނުންތަކުގައި ދިރިއުޅެމުން އަންނަ މީހުން ވެސް އޭގެ ފަހުން އެހީއަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހީގެ ތަކެތި ބަލައިގަތުމަށް އިސްކޮށް އުޅޭ ދިވެހިން.-
އެހީވުމަށް އެމްބަސީގެ މުވައްޒަފުންތަކެއް މި ފަހުން ބޮޑު ފެންގަނޑުގައި އުޅުނު ފޮޓޯތައް ސޯޝަލް މީޑިއާގައި މިދިޔަ ހޯމަ ދުވަހު ޕޯސްޓުކުރި އެވެ.
އަންވަރު ވިދާޅުވީ އެ ފޮޓޯ ނެގީ، ނުކުޅެދުންތެރިކަން ހުރި ކުއްޖެއްގެ އާއިލާއިން އެހީއަށް އެދި ހުށަހެޅުމުން، އެ މީހުންގެ ހާލަތު ބެލުމަށް ދިޔަ މަގުމަތީގައި ކަމަށެވެ.
އެ މީހުން އެމްބަސީގެ އެހީއަށް އެދުނީ ގޭގައި އެއް ފޫޓަށް ފެންބޮޑުވުމުންނެވެ. އެ ހިސާބަށް ފޯރަންވާއިރަށް އެ ފެންގަނޑު ވަނީ ހަތަރު ފޫޓަށް ބޮޑުވެފަ އެވެ.
"ކްރޮކަޑައިލް އެއްޗެހި ހުންނަ ކޯރެއް މި ބަންޑުންވީ އެ ސަރަހައްދުން. އެކަމަކު، ހިނގާފައި ވަކި ހިސާބަކުން ގޮސްފައި ޑިންގީއެއް ހޯދައިގެން ދިވެހި އާއިލާ ރައްކާތެރި ހިސާބަށް ގެންދިޔައީ." އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެން ބޮޑުވިއަސް، އެ ވަރަށް ފެންބޮޑުވެފައި އޮންނާނެ ކަމަށް ހީނުކުރާ ކަމަށެވެ. ބައެއް ހިސާބުތަކުގައި 12 ފޫޓަށް ވެސް ފެންގަނޑު ވަނީ ބޮޑުވެފަ އެވެ.
ވިސާގައި 1،800 އެއްހާ ދިވެހިން މި ވަގުތު ލަންކާގައި ދިރިއުޅެ އެވެ. އެކަމަކު، ޓޫރިސްޓު ވިސާގައި ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ގޮސް އުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy