ސޯޝަލް މީޑިއާގައި އިސްލާމް ދީނާ ދެކޮޅަށް ކުރި ޕޯސްޓެއްގެ މައްސަލާގައި ސައޫދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ ސްރީ ލަންކާގެ އަނޯޖަން ސިވަރާސާގެ ފުރާނަ ސަލާމަތްކުރަން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ނިއުސްވަޔާ ލަންކާ ނޫހުން ބުނި ގޮތުގައި އަނޯަޖަން ސަލާމަތްކުރަން ޑިޕްލޮމެޓިކް ގޮތުން ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ލަންކާގެ ޕްރެޒިޑެންޓްސް ކައުންސެލް ފައިޒަރު މުސްތަފާ އާއި ޕްރެޒިޑެންޓްސް ކައުންސެލް އުޕުލް ކުމާރައްޕެރުމާ ރާއްޖެ ވަޑައިގެން މިއަދު ނަޝީދާ ބައްދަލުކުރެއްވި އެވެ.
ލަންކާ ސަރުކާރުގެ ބަޔާނަކާ ހަވާލާދީ، އެ ނޫހުން ބުނީ މުސްލިމް އުއްމަތަށް ނިސްބަތްކޮށް ސިވަރާސާ ދައްކާފައިވާ ވާހަކަތަކުގެ ނުރައްކާތެރިކަން ނަޝީދު ފާހަގަކުރެއްވި ކަމަށެވެ. އެކަމަކު އިންސާނީ ކަރާމާތަށްޓަކައި އެ ޒުވާނާގެ ފުރާނަ ސަލާމަތްކުރަަން ކުރާ މަސައްކަތްތަކަށް އެހީތެރިވެ ދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ލަންކާ ސަރުކާރުން ވަނީ ސައޫދީ އަރަބިއްޔާއަށް ފޮނުވާ ހާއްސަ ޑިޕްލޮމެޓިކް މަންދޫބުންގެ ގޮތުގައި މުސްތަފާ އާއި ކުމާރައްޕެރުމާ ހަމަޖައްސައިފަ އެވެ. ލަންކާގެ ޕާލަމެންޓްގައި އެކަން އިއުލާން ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތު އެވެ.
ވިޖިތަ ހޭރަތު ލަންކާގެ ޕާލަމެންޓްގައި އިއްވެވި ބަޔާނުގައިވާ ގޮތުން މުސްތަފާ އާއި ކުމާރަޕެރުއްމާ ޑިޕްލޮމެޓިކް މިޝަން ކުރިއަށް ގެންދަވަނީ ސީދާ ލަންކާގެ ރައީސާއި ހާރިޖީ ވަޒީރުގެ އިސްނެންގެވުމުގެ މަތިންނެވެ. އެ ދެބޭފުޅުން އެކަމުގައި ކުރައްވާ ދަތުރުތަކަށް ސަރުކާރުގެ ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި ބޭނުންކުރައްވާނީ އެ ބޭފުޅުންގެ އަމިއްލަ ފައިސާ އެވެ.
ކުމާރައްޕެރުމާއާ ހަވާލާދީ ނޫހުން ބުނި ގޮތުގައި، ރާއްޖޭގެ ކުރީގެ ރައީސް ނަޝީދާ އެކު ބޭއްވީ ކާމިޔާބު ބައްދަލުވުމެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސައޫދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވުމަށް ނަޝީދު ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް ވެސް ކުމާރައްޕެރުމާއާ ހަވާލީ ނޫހުން ބުންޏެވެ.