ސަނީ އުމަރު: އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހައިފައި
03 ޑިސެމްބަރ 2025 - 16:35
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ސަނީ އުމަރު 30 ދުވަހަށް ބަންދުކޮށްދިނުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް ކޯޓުން ވަނީ ސަނީގެ ބަންދަށް 30 ދުވަސް ޖަހައިފަ އެވެ.
މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދު މުއްދަތު އިތުރުކުރަން އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދެން ގަސްދުކުރާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ އެ ކުއްޖާގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް ފުލުހުންނަށް މައްސަލަ ހުށަހެޅީ އެ ތަނުން އެއް ކުއްޖެއްގެ އާއިލާގެ ފަރާތުން ކަމަށް ވެ އެވެ.
ސަނީ އުމަރުގެ މައްސަލަ އާންމުންނާ ހަމައަށް ތިލަވިއިރު، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމުގެ ތުހުމަތު އޮތީ ކޮށްފަ އެވެ. އަދި އޭނާއާ ސުވާލު ކުރަން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިދާރާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ވެހިކަލަށް އަރުވައިގެން އިއްޔެ ހަވީރު ގެންދިޔަ އެވެ. އޭގެ ފަހުން ސަނީ އުމަރު ދޫކޮށްލުމާ އެކު، ދެން އަޑު އެރީ ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ ވާހަކަ އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 24 ގަޑިއިރު ވާން ކައިރި ވެފައި ވަނިކޮށް ފުލުހުން ރޭ މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޖިނާއީ މައްސަލައެއްގެ ތުހުމަތުތައް ސަނީ އުމަރުގެ މައްޗަށް ކުރެވޭތީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު ދޫކޮށްލުމާ އެކު، ރާއްޖެ އިން ފުރައިން ދާން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލި ކަމަަށެވެ. އެކަމަކު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަނީ އުމަރުގެ މައްސަލައާ ގުޅުވައިގެން، ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހްމަދުު
04 December 2025
ވަރަށްހީވޭ މީނަ "ކޮއްމެސް" ގޮތަކުން ސަލާމަތްވާނެހެން. އަޑު އިވޭގޮތުގަ ވަރަށް ހައި ޕްރޮފައިލް / ބާރުގަދަ މީހުން އެބައުޅޭ މީނަ ސަލާމަތްކުރން. ބަލަން ތިބެމާ ވާނެގޮތެއް
ޖޯންސީ
04 December 2025
ރައުދަށް ކުރި ކަހަލަ ހުކުމެއް ބާ އަންނާނީ
ޓުމްޓުން
04 December 2025
މީ އިންޑިއާ މީހެއްތަ؟
ޖިންނި ޖިނާ
04 December 2025
އެއްވެސް ޙަބަރަކުން މި ސަނީ ގެ އެޑްރެހެއް ނުފެނޭ، މީގެ ކުރިން ކުޑަކުދިންނާ ބެހުނަސް ވަގަށް ކޮންޓޭނަރު ބޭރުކުރިޔަސް އެމީހެއްގެ ފުރިހަމަ ނަމާ އެޑްރެސް ޖަހާނެ، މިފަހަރު ކިހިނެތްތޯ މިވީ؟
ކޮރަލް
03 December 2025
ބައެއް ފަހަރު ބަންދުގެ މުއްދަތު ޖަހަމުން ޖަހަމުން ދިއުމަކި ރައްކާތެރިކަން ލިބޭ ކަމެކެވެ. ފަސޭހައިން މިނިވަން ވެ އެވެ. ދުވަސް ކޮޅެއް ވީމަ މީހުން ހަނދާން ނެތެވެ.
ނޮވެމްބަރ
03 December 2025
މިވެސް އަޖައިބެއް ކަހަލަކަމެއް. ހައި ޕްރޮފައިލް ވީމަ 30ދުވަސް. މިހާރުވެސް ވާނުވާ ޖަހާފަ އެބަތިބި ކިތަންމެ ބަޔަކު މިކަހަލަ ކޭސެސްތަކުގައި.
ޕާޓޭބޮސް
03 December 2025
އިއުތިރާފުގެ އެެއްބަސްވުމެއް ނެތްތަ؟.