އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ އިންތިހާބު ބޭއްވުން އެ ޕާޓީގެ ގައުމީ މަޖިލިހުން ފަސްކޮށްފި އެވެ.
ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ގޮތަށް ފާސްކުރީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުއްވުން އެ ޖަލްސާ އަށް ހާޒިރުވި 69 މެމްބަރުންގެ ތެރެއިން 58 ވޯޓާ އެކު ފާސްކުރުމުންނެވެ.
ސަލީމްގެ ހުށަހެޅުއްވުމުގައި ވަނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ ތާރީހުން ފެށިގެން ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީން ފުރުސަތު ހުޅުވާލަން ވާނެ ކަމަށާއި އިންތިހާބު ބާއްވާނެ ގޮތުގެ ތާވަލެއް އެ ޕާޓީގެ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން އެކުލަވާލަން ވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު އެވެ.
ޗެއާޕާސަންގެ އިންތިހާބު ބޭއްވުން ފަސްކުރަން ނިންމީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ވަގުތު ބޭނުންވާ ކަމަށް ގައުމީ މަޖިލިހުގެ މެމްބަރުން ހިޔާލު ފާޅުކުރެއްވުމާ އެކު އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމު ފުރުއްވި ފައްުޔާޒު އިސްމާއިލް މިދިޔަ މަހުގެ 23 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން ވަގުތީ ޗެއާޕާސަނަކަށް ބޭފުޅަކު އިންތިހާބު ކުރަން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބޭއްވި ނަމަވެސް އެ ޖަލްސާ ވަކި ހިސާބަކުން މެދުކަނޑާލީ ދެ ފެކްޝަންގެ މެދުގައި އުފެދުނު ނުތަނަވަސްކަމާ ހެދި އެވެ.
ވަގުތީ ޗެއާޕާސަން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަން ހުށަހަޅައި އެ ޖަލްސާގައި ވޯޓަށް ވެސް އެހި އެވެ. އެ ކަމަކު، ވޯޓުގެ އަދަދާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޖަލްސާ މެދުކަނޑާލީ އެވެ.
އަލުން އެ ޖަލްސާ ރޭ ކުރިއަށް ގެންދިޔައީ ވަގުތީ ޗެއާޕަސަނަކަށް ކަނޑައަޅާނެ ބޭފުޅަކާ މެދު ދެ ފެކްޝަންގެ މެދުގައި ހިޔާލު އެއްގޮތް ކޮށްގެންނެވެ. އެ މަގާމަށް ނަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެކަންޏެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ރޭގެ ޖަލްސާގައި ޣަފޫރު އިންތިހާބުކުރީ 65 މެންބަރުންގެ ވޯޓުންނެވެ.