އެމްޑީޕީގެ ހިންގުމާ ގުޅޭ ކަންތައްތަކުގައި މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ލަފާދޭނެ ވަގުތީ ކޮމިޓީއެއް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ ގައުމީ މަޖިލިހުން މިރޭ ފާސްކޮށްފި އެވެ.
ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި ޖަލްސާ އަށް ގަޕޯ ހުށަހެޅުއްވި ގަރާރާ އެކު ފާސްކުރި ކޮމިޓީގައި ތިއްބަވަނީ:
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
- ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
- އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
- ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް
- ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމުގައި އެ ގަރާރު ފާސްކޮށް، ހިޔާލު ތަފާތުވުންތަކެއް ނެތި ޖަލްސާ ނިންމާލާފައިވާ ކަމަށް ގައުމީ މަޖިލިހުގެ މެމްބަރަކު ވިދާޅުވި އެވެ.
ހަ މެމްބަރުންގެ އެ ކޮމިޓީ ދެމިއޮންނާނީ ދާއިމީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެންނެވެ.
ގައުމީ މަޖިލިހުގެ މިރޭގެ ޖަލްސާގައި ދެން ނިންމި އެންމެ މުހިންމު އެއް ކަމަކީ އެ މަޖިލިހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އިބޫ ހަމަޖައްސަން އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމެވެ.
އެ ދެ ބޭފުޅުންނަކީ ގައުމީ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކުރަން އެ މަޖިލިހުން މިރޭ ނިންމީ ދެން އެންމެ އަވަހަށް ބާއްވާ ކޮންގްރެސްއެއްގަ އެވެ.
އެއީ އެމްޑީޕީގެ ސްލޮޓުގައި ވެރިކަން ކުރައްވައި އަދި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވެސް ގައުމީ މަޖިލިހުން ފުރުސަތު ދިނުމުގެ ގޮތުން އަސާސީ ގަވާއިދަށް ގެންނަ އިސްލާހެކެވެ. އެއާ އެކު، އެމްޑީޕީގެ އެޑްވައިޒަރުންގެ ލިސްޓުން ވެސް ނަޝީދަށް މިރޭ ވަނީ ޖާގަ ދީފަ އެވެ.
އެމްޑީޕީގެ އެޑްވައިޒަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވީ ކުރީގެ ރައީސް އިބޫ އެކަންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ހިންގުމުގައި ވަގުތީ ޗެއާޕާސަން ގަޕޯ އަށް ލަފާދޭން ވަގުތީ ކޮމިޓީއެއް މި އެކުލަވާލައި ބޮޑެތި ބަދަލުތަކަކާ ދިމާލަށް މިސްރާބު މި ހިފީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕާ ދެމެދު އުފެދުނު ބޮޑެތި ހިޔާލު ތަފާތުވުންތަކާ އެކުގަ އެވެ.
އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަން ނަޝީދަށް ފުރުސަތު ނުދިން ހިސާބުން މައްސަލަ ހޫނުވެ، ބޮޑު ކޯޅުމެއް އުފެދުނެވެ. އޭގެ ފަހުން ދެން ފެނުނީ ޑެޕިއުޓީ ޗެއާޕާސަން، އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރި ތަނެވެ. އޭގެ ނަތީޖާއަކަށް ފެނުނީ ވަގުތީ ޗެއާޕާސަން ގަޕޯ މަގާމުން ވަކިކުރުމުގެ މައްސަލަ ގައުމީ މަޖިލިހުގެ 55 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމެވެ.