މަސްތުގެ ވަބާއިން މީހުން ސަލާމަތް ކުރަން ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ހާފްވޭ ހައުސް ތެރެއަށް މަސްތުވާތަކެތި ހުރި އެއްޗެއް އެއްލާލުމަށް ފަހު ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހ. ސަނީވޭ މުހައްމަދު އަޒްލީނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ހާފްވޭ ހައުސް ކައިރިއަށް ސައިކަލެއްގައި ދިޔުމަށްފަހު، އެތަނުގެ ތެރެއަށް އެއްޗެއް އެެއްލާލުމަށް ފަހު ސައިކަލުގައި އެ ސަރަހައްދުން ދާ މަންޒަރު އެތަނުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
އޭނާ ކޯޓުގައި ބުނެފައިވަނީ ހާފްވޭ ހައުސް ތެރެއަށް އެއްވެސް އެއްޗެއް އެއްލާލާފައިނުވާނެ ކަމަށާއި އެތަނުގައި ހުރި މީހެއް ކައިރީގައި ކިހިނެއްތޯ އަހާލުމަށްފަހު ދިޔައީ ކަމަށެވެ.
ނަމަވެސް، ކޯޓުން ކަނޑައެޅީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށާއި ސީންއަށް ދިޔަ ފުލުހުންގެ ބަޔާނާއި ސީސީޓީވީ ފުޓޭޖަށް ބަލާއިރު އޭނާއާ ތުހުމަތާ ގުޅުވާލެވޭ ކަމަށެވެ.
އެހެންވެ، އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، 15 ދުވަހަށް ބަންދު ކުރަން އެ ކްރިމިނަލް ކޯޓުން ނިންމި އެވެ.