އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުށަމާދު ކުރުމުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސުލޫކީ މައްސަލައެއް ފީފާ އަށް ހުށަހަޅައިފި އެވެ.
ފީފާގެ ސުލްހައިގެ އިނާމުގެ ނަމުގައި އެވޯޑެއް ތައާރަފުކޮށް، އިންފަންޓީނޯ ވަނީ އެ އެވޯޑް ޓްރަމްޕަށް އަރުވައިފަ އެވެ. އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އިނާމު އެރުވުމަށް ފަހު އިންފަންޓީނޯގެ ހުށަމާދުގެ ބސްތައް ޓްރަމްޕަށް ބަންޑުންކޮށްލެއްވި އެވެ.
ފީފާގެ ސުލްހައިގެ އެވޯޑް ޓްރަމްޕަށް އަރުވާފައި މިވަނީ މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ހައްގު ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށެވެ. އެކަމަކު ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ލިބިވަޑައި ނުގެންނެވި އެވެ. މި އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތީ ވެނެޒުއޭލާގެ ގާނޫނުހަދާ މަޖިލީހުގެ ކުރިގެ ނައިބު ރައީސް އަދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ އަށެވެ.
އެކަމަކު އޮކްޓޯބަރު ނުވައެއްގައި ނޮބެލް ޕީސް އިނާމު އިއުލާން ކުރުމުގެ އެއްދުވަސް ކުރިން އިންފަންޓީނޯ ވިދާޅުވެފައި ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ކުރެއްވި މަސައްކަތަށް ނޮބެލް ސުލްހައިގެ އިނާމު ހައްގު ކަމަށެވެ.
މަދަނީ ހައްގިތަކާއި ކުޅިވަރު ދާއިރާގައި ހުރި ބޭއިންސާފާ ދެކޮޅަށް ވަކާލާތުކުރާ "ފެއާ ސްކޭއިން" އިންފަންޓީނޯގެ މައްސަލަ ވަނީ ފީފާގެ އެތިކްސް ކޮމިޓީ އަށް ހުށަހަޅައިފަ އެވެ.
އެ ޖަމާއަތުން ފޮނުވި އަށް ސޮފްހާގެ ސިޓީގައި ވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ ހަތަރު މާއްދާއަކާ އިންފަންޓީނޯ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ވަކި އަތަކަށް ބުރަ ނުވެ ދެމިހުރުން ފީފާގެ މަގާމުތަކުގައި ތިބޭ މީހުންނަށް ލާޒިމުކޮށްފައި އޮތް މާއްދާއާ އިންފަންޓީބޯ ހިލާފުވެފައިވާ މައްސަލަ ހިމެނޭކަން ފާހަގަކޮށްފައި ވެއެވެ.
ޓްރަމްޕަށް ސުލްހައިގެ އެވޯޑް ހައްގު ކަމަށް އިންފަންޓީނޯ ބުނާބުނުމަކީ ވަކިއަތަކަށް އޭނާ ބުރަވުންކަމަށް ފެއާސްކެއާއިން ބުންޏެވެ.