ކަނާތުގައި ނަގާފައިވާ ކުރަގަނޑުގެ ސަބަބަކީ އެސްޕިރިން ކެއުން ކަމަށާއި އާންމު ބައްދަލުވުންތަކުގައި ނިދިޖެހިފައި އިންނަ ގޮތަށް ފެނުނަސް، ނުނިދަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ވޯލްސްޓްރީޓް ޖާނަލްގައި ބުރާސްފަތި ދުވަހު ޝާއިއުކުރި، ޓްރަމްޕުގެ އިންޓަވިއުއެއްގައި ސިއްހީ ހާލަތު ދިފާއުކުރައްވަމުން އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހު އެމްއާރްއައި ސްކޭނެއް ހެދި ކަމަށް ބުނާ ވާހަކަ ވެސް ބަދަލުކުރައްވައިފަ އެވެ، މިފަހަރު ވިދާޅުވީ އެއީ އާދައިގެ ސީޓީ ސްކޭނެއް ކަމަށެވެ.
އުމުރުން 79 އަހަރުގެ ޓްރަމްޕަކީ އެމެރިކާގައި ރައީސްކަމާ ހަވާލުވެ ވަޑައިގެން އިރު އެންމެ ދުވަސްވީ ލީޑަރު ކަމަށް ވާއިރު އޭނާގެ ސިއްހަތާ މެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވެ. އިންޓަވިއުގައި ޓްރަމްޕު ވިދާޅުވީ އޭނާގެ ސިއްހީ ހާލަތު "ބަރާބަރު" ކަމަށެވެ. އަދި އޭނާގެ ސިއްހީ ކަންކަމާ ބެހޭ ގޮތުން ފަތުރާ ވާހަކަތަކާ މެދު ހިތްހަމަނުޖެހޭކަން ވެސް ހާމަކުރެއްވި އެވެ.
ރިޕަބްލިކަން ޕާޓީގެ ލީޑަރު ވިދާޅުވީ އޭނާގެ އަތްތިލައިގައި ކުރަގަނޑެއް ލާފައިވަނީ ލޭ ދިޔާކުރުމަށް ކޮންމެ ދުވަހަކު ބޭނުންކުރާ އެސްޕިރިން ކާތީ ކަމަށެވެ. ޓްރަމްޕު ވިދާޅުވީ "އަޅުގަނޑުގެ ހިތުން އޮލަ ލޭ އަންނާކަށް ބޭނުމެއް ނޫން" ކަމަށެވެ.
އެތަނުގައި ބެންޑޭޖް އަޅަނީ ފަޅައިގެން ގޮސް ހަލާކުވުމުން ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެޓާނީ ޖެނެރަލް ޕާމް ބޮންޑީ "ހައި ފައިވް" އެއް ދޭން އަތުގައި ޖެހި ވަގުތު އަނގޮޓިން ޖެހިގެން ވެސް ކުރަގަނޑު ހަލާކުވެ ބެންޑޭޖް އޮޅަން ޖެހުނެވެ.
ވައިޓް ހައުސް އިން އެންމެ ފުރަތަމަ މިކަމާ ބޭ ގޮތުން ބުނީ އެ ކުރަގަނޑަކީ ޓްރަމްޕު އަބަދު މީހުންނާ ސަލާންކުރައްވާތީ ވެފައި ހުންނަ ގޮތެއް ކަމަށެވެ.
ގޮލްފް ކޯސްތަކަށް ދާ ވަގުތު ފިޔަވައި ޓްރަމްޕަކީ ކަސްރަތުކުރައްވާ ބޭފުޅެއް ނޫނެވެ. އަދި އޭނާ އަކީ ފެޓް ގިނަ ޖަންކް ފުޑަށް ލޯބިކުރައްވާ ބޭފުޅެކެވެ.
ޓްރަމްޕްގެ ސިޔާސީ އިމޭޖް ބިނާވެފައި ވަނީ ނޫސްވެރިންނާ މުއާމަލާތްކުރާ ގޮތާއި ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކުގެ މައްޗަށް ކަމަށް ވާއިރު ސުޕަހީރޯއެއްގެ ގޮތުގައި އަމިއްލައަށް ސިފަކޮށްފައިވާ އޭއައި މީމްސް ފަދަ ތަކެތި ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ނަމަވެސް ޓްރަމްޕުގެ ރިޔާސީ ދެ ވަނަ ދައުރުގެ މި ހިސާބަށް އައި އިރު އޭނާގެ ސިއްހަތާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ފެނެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި މީޑިއާއިން ފާހަގަކުރަނީ ކަނާތްތިލައިގެ ނުފުށުގައި ލާފައިވާ ބޮޑު ކުރަގަނޑެވެ. އެތެން ފޮރުވަން ބޯކޮށް މޭކަޕް ވެސް ކޮށްފައި ހުރެ އެވެ. އަދި ބައެއް ފަހަރު ބެންޑޭޖް ވެސް އަޅާފައި ހުރެ އެވެ. މީގެ އިތުރުން އޭނާގެ ފައިގެ ކުޑަހުޅު ކައިރިން ވަރަށް ބޮޑަށް ދުޅަވެފައި ހުންނަ ދުވަސްތައް ވެސް އާދެ އެވެ.
ކުރީގެ ރައީސް ޖޯ ބައިޑެން އަކީ އަބަދު ނިދިފައި އިންނަ ބޭފުޅެއްގެ ގޮތުގައި ސިފަކޮށް މަލާމާތްކުރި ޓްރަޕު އާންމު އެތައް ބައްދަލުވުމެއްގައި ލޯ މެރި ނިދިޖެހިފައި އިންދާ ވެސް ފެނިފައިވެ އެވެ.
އުމުރުން 82 އަހަރުގައި ބައިޑެން ރިޔާސީ ދައުރު ހަމަކުރައްވައި ވަޑައިގެން އިރު އެއީ އެމެރިކާގެ ތާރީހުގައި އެންމެ ދުވަސްވީ ރައީސެވެ. -- އޭއެފްޕީ