އެންމެ ފަހުން އައްޑޫގައި ބޭއްވި އިންތިހާބުގައި އީސީގެ އޮފިޝަލުން މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
10 ޑިސެމްބަރ 2025 - 15:37
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅިގެން 172 ވަގުތީ ވަޒީފާއަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އިންތިހާބުގެ އެކި މަސައްކަތަށް ބޭނުންވާ ވަޒީފާތަކަށް މީހުން ކުރިމަތިލާން އެދިފަ އެވެ.
- އެސިސްޓެންޓް މާސްޓާ ޓްރެއިނާ: 1
- ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރު: 9
- ކޮމްޕްލެއިންޓްސް ބިއުރޯ މެނޭޖަރު: 1
- ސީނިއާ އޮފިސަރު: 33
- ގްރެފިކްސް ޑިޒައިނަރު: 1
- ފޮޓޯގްރާފަރު: 1
- އޮފިސަރު: 104
- މެއިންޓަނަންސް އޮފިސަރު: 2
- ޓެކް އޮފިސަރު: 6
- އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރު: 2
- އޮފީސް އެސިސްޓެންޓް: 2
- ޑްރައިވަރު: 4
- ސެކިއުރިޓީ އޮފިސަރު: 6
އީސީން ބުނީ އެ މަގާމުތަކަށް މީހުން ނަގަނީ އިންތިހާބު ނިމެންދެން ކަމަށެވެ. އެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ އެވެ.
މިފަހަރު އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.
މިފަހަރުގެ އިންތިހާބު ބާއްވަނީ ލާމަރުކަޒީ ގާނޫނަށް އަނެއްކާ ވެސް ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އޭގެ ތެރެއިން، އާބާދީ 2،000 އަށް ވުރެ މަދު ރަށްތަކަށް ތިން ކައުންސިލަރުން އަދި އާބާދީ އެއަށްވުރެ ބޮޑު ރަށްތަކަށް ފަސް ކައުންސިލަރުން ހޮވަން ޖެހޭ ގޮތަށް ދާދިފަހުން ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
އީސީން ނެރުނު ވަގުތީ ރިޕޯޓުގައިވާ ގޮތުން، 2،000 އަށްވުރެ އާބާދީ މަދުވުމުން، ތިން ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނީ 133 ރަށަކެވެ. އެއީ ޖުމްލަ 399 ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީތަކަށް 399 މީހުންނެވެ.
އާބާދީ 2،000 އަށްވުރެ ބޮޑުވުމުން ފަސް ކައުންސިލަރުން އިންތިހާބުކުރަން ޖެހެނީ 46 ރަށެއްގަ އެވެ. އަދި އެ ރަށްރަށަށް ޖުމްލަ 230 ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީތަކަށް 230 މީހުން ހޮވަން މިފަހަރު ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy