މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މާލޭގެ މޭޔަރު އާދަމް އާޒިމާ އެކު، އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި ދެ މެމްބަރަކު މަގާމުގެ ހުވާކުރެއްވުމުގެ ކުރިން އެ ޕާޓީ ދޫކުރެއްވިއިރު، އެމްޑީޕީގެ ވެރިކަން ގެއްލެން ދިމާވި ބަޔަކު ވެސް ފެނުނު ކަމަށާއި އެކަމަކު އާދަމް އާޒިމަކީ އެ ގޮތަށް އަމަލު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ އެމްޑީޕީގެ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ޕްރައިމަރީ ކެމްޕެއިނަށް ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި ޝަރީފް އެ އިޝާރާތް ކުރެއްވި އެއް ބޭފުޅަކީ އާދަމް އާޒިމްގެ އިދިކޮޅު ކެންޑިޑޭޓް އަދި ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އޭރު އެމްޑީޕީ ދޫކުރެއްވި އަލީ އާޒިމް އިތުރުން ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލުނު މައިގަނޑު އެއް ސަބަބަކީ ވެސް ޑިމޮކްރެޓްސްގެ މެމްބަރުން ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލުކުރާއިރު ފަހުން ކޮންމެވެސް ވަރަކަށް ހިޔާލު އެއްގޮތްކޮށް މީގެ ދުވަސްތަކެއް ކުރިން އެ މެމްބަރުން އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އާދަމް އާޒިމްގެ ވާދަވެރި ކެންޑިޑޭޓް އަދި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ޝަރީފް ރޭ ވިދާޅުވީ، އެ ބޭފުޅުން އަނެއްކާ އެމްޑީޕީއާ ގުޅިވަޑައިގެން ޕްރައިމަރީގެ ވާހަކަ ދެއްކެވީ ދެން ދަންނަވާނެ އެއްޗެއް ނެތް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ބަލަންޖެހޭނެ އަޅުގަނޑުމެންނަށް މި ހޮވެނީ ކޮން ކަހަލަ ކެންޑިޑޭޓެއްތޯ؟ އަޅުގަނޑުމެންނާއިގެން ޕާޓީއާއިގެން ކުރިއަށް ދާނެ ކެންޑިޑޭޓެއްތޯ ނުވަތަ ޕާޓީގައި ދެމިހުންނާނެ ކެންޑިޑޭޓެއްތޯ؟ މިއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ބަލަންޖެހޭނެ ކަންކަން ކެންޑިޑޭޓަކަށް ވޯޓު ދޭއިރު،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އާދަމް އާޒިމަކީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ދައުލަތުގެ އެކި ކުންފުނިތަކުގައި އެންމެ އިސްކޮށް ހުންނަވައިގެން ކޮންމެ ދުވަހަކު ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާގެ މަސައްކަތް ފަނޑުވި އެއް ސަބަބަކީ އެމްޑީޕީއާ އާއި ސަރުކާރާ މެދު ހިޔާލު ތަފާތުވި މީހުން ރާވައިގެން ސަރުކާރާ މެދު ނަފުރަތު އުފައްދަން މަސައްކަތް ކުރުމުން ކަމަށެވެ.
ޝަރީފް ވިދާޅުވީ، އެ ކަން އޭރު އެންމެ ބޮޑަށް ހިނގި އެއް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި އެ މަންޒަރު އޭނާ އަށް ވަރަށް ކައިރިން ފެނިވަޑައިގެންނެވި ކަމަށެވެ. އޭރު ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ ނަޝީދު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކީ އަލީ އާޒިމް ކަމަށް ވާއިރު، ޝަރީފް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވަން މަޖިލިހުގެ ޖަލްސާތައް މެދުކަނޑާލަން އެމްޑީޕީން އެދުމުން އެކަން ވެސް ކޮށްނުދެއްވި ކަމަށެވެ.
"އޭރުއްސުރެ ފަށައިގެން މި ނަފުރަތާއި އަދާވާތްތެރިކަމާއި ފިތުނަ އުފެދިގެން އައީ. ހަގީގަތުގައި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ވެރިކަން ދިޔައީ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮވިޑްގެ އެންމެ އުނދަގޫ ހާލަތުގައި ވެސް އޭރުގެ ސަރުކާރުން އައީ ކުޑަރަށެއް، ބޮޑުރަށެއް ނުބަލައި ކޮންމެ ރަށެއްގައި ވެސް 4-5 މަޝްރޫއު ހިންގަމުން ކަމަށެވެ. އޭރުގެ އެ މަސައްކަތުގެ އެންމެ އިސް އެއްބޭފުޅަކީ ޝަރީފް ވިދާޅުވި ގޮތުގައި އާދަމް އާޒިމެވެ.
އެ ދުވަސްވަރު އާދަމް އާޒިމް ހުންނެވީ އެންމެ ގިނަ މަޝްރޫއު ހިންގި އެމްޓީސީސީގަ އެވެ.
"މުތެއް ވިޔަސް އަދި ޖަވާހިރެއް ވިޔަސް އެ އެއްޗެއް ވިދަނީ އެ އެއްޗަކަށް ރަނގަޅު މާހައުލެއް ލިބުނީމާ. އެހެންވީމާ އާދަމް އާޒިމަކީ ހުނަރުވެރިއެއް، އާދަމް އާޒިމަކީ މަސައްކަތްތެރިއެއް، އާދަމް އާޒިމަކީ ދުރުވިސްނުން ހުރި ވަރުގަދަ ސިޔާސީ ލީޑަރެއް،" ޝަރީފް ވިދާޅުވި އެވެ.
"އެ މަނިކުފާނުގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެ މަނިކުފާނުގެ ހުނަރާއި ގާބިލްކަމާއި މަަސައްކަތްތައް ފެނިގެންދިޔައީ އެ މުހިންމު މުއައްސަސާތަކަށް އައްޔަން ކުރެވިގެން."
ރޭގެ ބައްދަލުވުމުގައި އާދަމް އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ކަންކަން ކޮށްދޭން ޖެހެނީ ވޯޓަކާ ކައިރިވުމުން ނޫން ކަމަށެވެ.
މަގާމު ދިފާއު ކުރައްވަން ނުކުންނެވި އާދަމް އާޒިމް ވިދާޅުވީ ރަށްރަށަށް ވަޑައިގަތުމުން މަސައްކަތުގެ ސްޕީޑު މާ އަވަސް ކަމަށް އޭރު ބުނާ ކަމަށެވެ.
ނުކުރެވޭ ކަންކަން ހުރީމާ ފިލަންވީއެއް ނޫނޭ. އެ ކަންކަން ކުރެވޭނެ ގޮތްތައް ހޯދަންވީ. ބައެއް ކަންތައްތައް ވަގުތުން ކޮށްދޭން، ބައެއް ކަންތައްތަކަށް ވަގުތު ވެސް ނަގާނެ،"--- އާދަމް އާޒިމް
އޭނާ ވިދާޅުވީ އިންތިހާބު ވަނީ ވޯޓު ހޯދަން މަސައްކަތް ކޮށްދޭން އެކަނި ނޫން ކަމަށާއި ރައްޔިތުންނަށް އިހުލާސްތެރި މަސައްކަތެއް ކޮށްދޭން ކަމަށެވެ.
ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަލުން ދާން ޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، އިތުބާރު ހޯދައިގެން ކަމަށާއި އެ ކަންތައްތައް ނުކޮށްދެވޭ ނަމަ މިއަދު އިތުރު ދައުރަކަށް ކުރިމަތިލައްވައި ކެމްޕޭނަށް ނުކުމެވަޑައިނުގަންނަވާނެ ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންގެ މައްސަލަތައް ބަލައިގަނެ، އެ ކަންތައްތައް ކޮށްދޭން. ވޯޓާ ޖެހުނީމަކާ ނޫން މަސައްކަތް ކޮށްދޭން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
"ނުކުރެވޭ ކަންކަން ހުރީމާ ފިލަންވީއެއް ނޫނޭ. އެ ކަންކަން ކުރެވޭނެ ގޮތްތައް ހޯދަންވީ. ބައެއް ކަންތައްތައް ވަގުތުން ކޮށްދޭން، ބައެއް ކަންތައްތަކަށް ވަގުތު ވެސް ނަގާނެ."
އާދަމް އާޒިމް ވިދާޅުވީ، އޭނާގެ ވިސްނުމަކީ އެންމެނާ ގުޅިގެން ރައްޔިތުންނާ ގުޅިގެން ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ލީޑަޝިޕްގެ ރޯލަކީ ފަސޭހަ ނޫން ކަމަށާއި އެކަމަކު އެ މަގާމުގައި ހުންނައިރު، ފަސޭހަވިޔަސް އުނދަގޫ ވިޔަސް ރައްޔިތުންގެ މަސައްކަތްތައް ކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.