އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލީ އާޒިމަކީ އެ ޕާޓީ އަށް އިހުލާސްތެރި ބޭފުޅެއް ނޫން ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގައި ހުންނަވައިގެން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބޭރުކޮށް، އެމްޑީޕީގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން ރޭ ތުހުމަތު ކުރައްވައިފި އެވެ.

އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.

ހުޅުމާލޭގައި ރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕޭން ހަރަކާތުގައި، ކުރީގެ މެމްބަރު އިކްރާމް ވިދާޅުވި ގޮތުގައި، އެ ދެ ކެންޑިޑޭޓުންނާ މެދު އެމްޑީޕީގެ މެމްބަރުންގެ ކުރިމަތީގައި އޮތީ އިހުލާސްތެރިކަމާއި އިތުބާރާއި އަދި ހިތްވަރުގެ ސުވާލެއް ކަމަށެވެ.

ކުރިން އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ ދެ ފަޅިވެ، ދަ ޑިމޮކްރެޓްސް އުފައްދައިގެން އަލީ އާޒިމް އެމްޑީޕީ ދޫކުރެއްވުން އަދި ހަނދާންނެތޭހާ ދުވަހެއް ނުވާ ކަން އިކްރާމް ފާހަގަކުރެއްވި އެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރައްވާ ކުރީގެ މެމްބަރު އަލީ އާޒިމް.---ފައިލް ފޮޓޯ: މިހާރު
މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރައްވާ ކުރީގެ މެމްބަރު އަލީ އާޒިމް.---ފައިލް ފޮޓޯ: މިހާރު

އަދި އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހަމަހަމަކަމާ އެކު މަސައްކަތް ކުރެއްވުމުގެ ބަދަލުގައި، އަލީ އާޒިމް މަސައްކަތް ކުރެއްވީ ފައްޔާޒު އެ ޕާޓީން ބޭރުކުރަން މެމްބަރުންގެ ސޮއި ހޯއްދެވުމަށް ކަމަށް އިކްރާމް ވިދާޅުވި އެވެ.

"އެހެންވީމާ، މި ދެ ބޭފުޅުން ކުރިމައްޗަށް އަރައިފި ނަމަ ސުވާލެއް ވެސް އުފައްދަންޖެހޭ ކަމެއް ނޫން އެއީ ކޮން ދިމާލެއްގައި ކަން ފާހަގަ ޖައްސަވަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ދެވަނަ ދައުރަކަށް މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމް ރޭ ހުޅުމާލޭގަައި ބޭއްވި ކެމްޕެއިން ޖަލްސާގައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ދެވަނަ ދައުރަކަށް މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމް ރޭ ހުޅުމާލޭގަައި ބޭއްވި ކެމްޕެއިން ޖަލްސާގައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު

އިކްރާމް ވިދާޅުވި ގޮތުގައި، އޭރު އެގޮތަށް ކަންތައް ކުރެއްވުމަށް ފަހު، އަލީ އާޒިމް އެނބުރި އެމްޑީޕީ އަށް ވަޑައިގެން، މެމްބަރުންގެ ކިބައިން މިހާތަނަށް މާފަށް ވެސް އެދިވަޑައިގެންފައެއް ނުވެ އެވެ.

އެއާ ހިލާފަށް، އާދަމް އާޒިމް ވަނީ އެމްޑީޕީ އަށް ވެރިކަން ގެއްލި، ކުރިމަތިލާން ޖެހުނު ދަތިތަކުގެ ތެރެއިން ވެސް ހިތްވަރު ކުރިއަށް ނެރުއްވައި، ބައި-އިލެކްޝަންގެ ކާމިޔާބީއާ އެކު މޭޔަރުކަމުގެ ގޮނޑި ހޯއްދާވާފައި ކަން އިކްރާމް ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ފަސް އަހަރުގެ ފުރިހަމަ ދައުރެއް އާދަމް އާޒިމަށް ލިބިވަޑައިގެންފި ނަމަ "މުޅި މާލެ ބަދަލުކޮށްލާނެ" ކަމަށް އިކްރާމް ވިދާޅުވި އެވެ.

މާލޭގެ މޭޔަރުގެ މަގާމު އާދަމް އާޒިމް މިހާރު އެމްޑީޕީގެ ޓިކެޓުގައި ފުރުއްވަމުން ގެންދަވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ބައި-އިލެކްޝަން ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށް ފަހު އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އާދަމް އާޒިމް ވިދާޅުވީ، މިދިޔަ ދޮޅު އަހަރު ކުރެއްވި މަސައްކަތްތައް ގިނަ ކަމުން މަގާމުގައި ފަސް އަހަރު ހޭދަވެއްޖެ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށެވެ.