ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ އޮފީސް: ބޮޑު މުސާރައަކާ އެކު އެ ބޭންކުގެ މަތީ މަގާމުތަކަށް މީހުން ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: މިހާރު
16 ޑިސެމްބަރ 2025 - 18:41
ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މަތީ މަގާމުތަކަށް، ބޮޑު މުސާރައަކާ އެކު މީހުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ޑީބީއެމް އިން ވަކިވަކިން ކުރި އިއުލާންތަކުގައި ވަނީ އެ ބޭންކުގެ އެކި ޑިޕާޓްމަންޓްތަކުގެ މެނޭޖަރު ލެވެލްގެ 13 މަގާމަކަށް މީހުން ހޯދަން ބޭނުންވާ ކަމަށެވެ.
މަގާމުތަކަށް ހޯދަނީ މާކެޓިކް އެގްޒެކެޓިވްއަކާއި ތިން ފައިނޭންސް މެނޭޖަރުންނާއި ދެ ކޮމްޕްލަޔަންސް މެނޭޖަރުންނާއި ދެ ފްރޮންޓް އޮފީސް އެގްޒެކެޓިވުންނާއި އައިޓީ މެނޭޖަރަކާއި އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެކެވެ.
އެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000ރ. އާއި 45،000ރ. އާ ދެމެދުގަ އެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
ޑީބީއެމްގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައިވެ އެވެ.
ސައީދު ވިދާޅުވެފައިވަނީ ޑިވެލޮޕްމެންޓް ބޭންކަކީ ރައްޔިތުން އެކައުންޓް ހުޅުވައިގެން ދުވަހުން ދުވަހަށް ހިދުމަތް ހޯދާ ކަހަލަ ބޭންކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ގާއިމްކުރި ވަރަށް މުހިންމު ނިޒާމެއް ކަމަށެވެ.
އެ ބޭންކުގެ އޮފީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވިއިރު، އިދާރީ ގޮތުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ ބޭންކުގެ ސިޔާސަތުތައް އެކުލަވާލުމުގެ އިތުރުން ފަންޑިން ސްޓްރެޓެޖީތައް ދެނެގަތުމާއި ބޭރުގެ އިދާރާތަކަށް މައުލޫމާތުތައް ދިނުން ވެސް ކުރިއަށް ގެންދާ ކަމަށާއި އަދި ޕްރޮޖެކްޓުތަކުގެ ޕައިޕްލައިން ވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ސަރުކާރުން ޑީބީއެމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަންރީތި
16 December 2025
ދިވެހިންނަކީ ވަރަށް ގަމާރުބައެއް! ވެލިއުސް އެއްނެތް! މަސައްކަތް ކުރުމެއް ނެތް! ތެދުވެރިކަމެއް ނެތް!
ސާޖިދާ
16 December 2025
ބޭންކް ހުޅުވިފަހުން އަހަރު ދުވަސް ވެއްޖެ ދޯ؟ ދެން 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ބަލާލީމަ އެނގޭނީ ތިޔަތަނުން ތަރައްގީގެ މަޝްރޫއު ތަކަށް ހޭދަކުރެވުނު އަދަދުތަކާއި ބޭންކުގެ އެސެޓް ހުރިވަރު އަދި އެހެނިހެން ހިސާބުތައް ހުރިގޮތެއް. ނޫހުގަ މިއޮތީ އަލަށް އުފެއްދި ބޭންކެއްގެ ވާހަކަ. އަނެއްކާ އެއްނަމެއް ކިޔާފަ ދެބޭންކް ހުޅުވީ ބާ؟
ޑރ ވާންޗޯ
16 December 2025
ތިޔައިއުލާނަކީ ބޮޑުމަންޒަރު ފެނިދާނެތީ ދުއްވާ ދެބޯގެރިއަކަށް ނުވާނެބާ؟. އެއީ މިހާރުތިބޭނީ ތިޔަތަނަށް ބޮޑުމުސާރައިގަ ގެންނާނެ ބަލަދުއަރާފަތިބި ބަޔަކު ސެލެކްޓްކޮށް ނިމިފަކަމަށް ވަރަށް ޔަގީންވާތީ.
ޙހހހ
16 December 2025
ކޮންތާކުން އަންނަ ބޮޑުމަންޒަރެއް؟
ކޮރަލް
16 December 2025
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގަ އިދިކޮޅު ޕާޓީ އިން ވޯޓް ލާނެ ބަޔަކު ހުންނާނެ ބާ އެވެ.؟ ސަރުކާރުގެ ކޮންޓްރޯލް އޮންނަ މަގާމް ތައް މާގިނަ ވެއްޖެ އެވެ. ކޮންމެ މަގާމެއް އެއީ ބޮޑު އާއިލާ އެކެވެ. އަދި އޭނަގެ އެހީ ލިބޭ އެތައް ބައެކެވެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
16 December 2025
ތިޔަ ބޭންކު ވެގެންދާނީ އޭރު ހިނގަމުންދާ ސަރުކާރު ހިފާއްޓާ ވިޔަފާރިވެރިންގެ ޣަނީމާމުދަލަށް.
ފުއްޓައްޕު
16 December 2025
އަނެއްކާ ތިޔަ ވޭންކު ބަންކަރުނުކޮށްލާތި؟
ސަސި
16 December 2025
ސައީދަކީ ކުޅަދާނަ ފަންނުވެރި މާހިރެކޭ ބުނަންޖެހޭ
ބާބަ
16 December 2025
ފެހިބޮކި ދިއްލަންތަ؟
އުދުހޭ
16 December 2025
ޑީބީއެމް ގެ މިލްކިއްޔާތުގައި މިހާރު އެބަހުރި ވަރަށް ބޮޑު ނަންބޯޑެއް. މިއަށްވުރެ އިތުރަކަށް އަޅުގަނޑަކަށް ނޭންގޭ.