ސްރީލަންކަން އެއާލައިންސަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 އިން މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

އެއީ މި އަހަރުގެ ޖުލައި 26 ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 33 ވަނަ އެއާލައިން ކަމަށް ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުންޏެވެ.

ސްރީލަންކަން އެއާލައިންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެއާލައިނުން ފުރި 115 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގައި މިއަދު ހިދުމަތް ދޭން ފެށި ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އާ ޓާމިނަލްގައި މިއަދު ހިދުމަތް ދޭން ފެށި ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް

ޓާމިނަލް 1 އަށް ކައިރި ކުރި ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު UL101 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ހާއްސަކޮށް ސަގާފީ ހަރަކާތްތަކާ އެކު، ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ސްރީލަންކަން އެއާލައިންސަކީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ސްރީ ލަންކާގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފެށީ ސެޕްޓެމްބަރު 1، 1979 ގަ އެވެ.

ސްރީލަންކަން އެއާލައިންސަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ލަންކާގެ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ. އެ ރަސްމިއްޔާތުގައި ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ނަޔޯމީ ޓެނަކޫން އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ސްރީ ލަންކަން އެއާލައިސުން ވީއައިއޭގެ އާ ޓާމިނަލުން މިއަދު ހިދުމަތް ދޭން ފެށުމާ ގުޅިގެން ބޭއްވި ރަސްމިއްުޔާތުގައި ރާއްޖޭގައި ހުންނަވާ ލަންކާގެ ސަފީރު މުހައްމަދު ރިޒްވީ ހަސަނާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފާއި ސްރީލަންކަންގެ ރާއްޖޭގެ އެޖެންޑު އޭސް ޓްރެވެލްސްގެ ވެރިޔާ ފިރާގު އަދި އެހެން ބައެއް އިސް އޮފިޝަލުން.---ފޮޓޯ: އެމްއޭސީއެލް

ދުނިޔޭގައި އެންމެ މަޝްހޫރު އެއް އެއާލައިން ސިންގަޕޯ އެއާލައިންސަށް ވެސް އިއްޔެ ވަނީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.