އެމްޑީޕީގެ ލީޑަޝިޕުން ނިއުސް ކޮންފަރެންސެއް ކުރިއަށް ގެންދަނީ: އެ ޕާޓީގެ ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުން ލިސްޓު އަންނަ ހޯމަ ދުވަހު އާންމު ކުރާނެ.---ފޮޓޯ: އެމްޑީޕީ
19 ޑިސެމްބަރ 2025 - 17:50
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަަންނަ އަހަރުގެ ޖެނުއަރީ 30 ގައި ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 30 ވާ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 8 ޖަހަންދެންނެވެ.
އެމްޑީޕީން ނިންމާފައި ވަނީ ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުން ލިސްޓު އަންނަ ހޯމަ ދުވަހު އާންމު ކުރާށެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ މުހުލަތެއް ދޭނެ އެވެ. އޭގެ ފަހުން ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ޕްރައިމަރީ ބޭއްވުމާ ގުޅޭ ޓައިމްލައިންގައި ބުނީ، ވޯޓުލާ މީހުންގެ ލިސްޓު އާންމު ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގައި ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ފޯރިގަދަވަމުން އަންނައިރު މިހާރު އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގެ އެންމެ ފޯރިގަދަކޮށް ކުރިއަށް ގެންދަނީ މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ މެދުގަ އެވެ. މާލޭގެ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ކެމްޕެއިން މާލޭގައި ވަރަށް ގަދައަށް މިހާރު ވަނީ ފަށައިފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖެ
19 December 2025
މިފަހަރު ސިމެންތި ގަށާ މެޝިނަށް ވޯޓް އެޅުން އެބަ އޮތްތަ؟
ގުޑް
19 December 2025
ސަރުކާރުން ހުރަސްއަޅައިފިނަމަ
ބުއްދީޖީ
19 December 2025
ޕުރައިމަރީއެއް ބާއްވާނެކަމެއްނެތް. ތިޔަ ޕާޓީ އުވާލާ.
ކޮބާ
19 December 2025
ކަލެ ތިޔަ ހުރީ ހަމައިގަތަ