އެމްޓީސީސީގެ ހިދުމަތްތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އެ ކުންފުނިން ސާވޭއެއް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އެ ސާވޭ އަކީ އެ ކުންފުނިން މިހާރު ދެމުންދާ ހިދުމަތްތަކާ މެދު އާންމުންގެ ހިޔާލު ހޯދައި، އެ ކުންފުނީގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމައަށް ދިނުމުގެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް ހިންގާ ސާވޭއެއް ކަމަށެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ އެ ޕޯސްޓުގައި ހިމެނޭ ލިންކަށް ވަދެގެން އެ ސާވޭގައި ބައިވެރިވެވޭނެ އެވެ.

އެ ސާވޭގައި ކުންފުނީގެ ސްޕީޑާއި ކަސްޓަމާ ސާވިސް ހިދުމަތްތަކާއި އެކި މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނިން އަމަލުކޮށްފައިވާ ގޮތް އާންމުންނަށް ވަޒަން ކުރެވޭނެ އެވެ. އަދި ހިދުމަތް ދިނުމާއި ގުޅޭގޮތުން ރަނގަޅު ކަންތައްތަކާއި ކަސްޓަމަރުންގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ލިބެ އެވެ.

އެމްޓީސީސީ އަކީ ދަތުރުފަތުރު ކުރުމުގެ ހިދުމަތް ދެމުންދާ އަދި އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި މަޝްރޫއުތަކެއް ވެސް ހިންގަމުންދާ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ އާންމުންނާ ގުޅޭ ގިނަ ހިދުމަތްތައް ދޭ ކުންފުންޏަކަށް ވާތީ އެފަދަ ސާވޭއެއް ހެދުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ ކުންފުނިން ބުންޏެވެ.