ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޑިއުޓީ ފްރީ ޖާގަ އެއްކޮށް ބޭނުން ކުރަން ފަށައިފި އެވެ.

އާ ޓާމިނަލް އެންމެ ފުރަތަމަ ބޭނުން ކުރީ ޑިއުޓީ ފްރީ ސަރަހައްދު އެއްކޮށް ހުޅުވާނުލަ އެވެ. އާ ޓާމިނަލަށް އެއާލައިންތައް ބަދަލުކުރަމުން ދިޔަ ވަރަކުން ޑިއުޓީ ފްރީ ފިހާރަތައް ވެސް ގެންދިޔައީ އިތުރު ކުރަމުންނެވެ. އާ ޑިއުޓީ ފްރީއާ އެކު ދުނިޔޭގެ އެންމެ ލަގްޒަރީ ބްރޭންޑްތައް ކުރިއަށް ވުރެ ވެސް އިތުރަށް އެތަނުން ލިބޭނެ ކަމަށް އެމްއޭސީއެލް އިން އާ ޓާމިނަލް ހުޅުވި އިރު ބުނެފައިވެ އެވެ.

ޑިއުޓީ ފްރީގެ އިތުރުން ބައެއް ބްރޭންޑްތަކަށް ހާއްސަ ބުޓީކް ފިހާރަަތައް ވެސް އެތަނުން ލިބޭނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނިން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި، ޑިއުޓީ ފްރީގެ ހުރިހާ ފިހާރައެއް ހެން މިހާރު ބަދަލުކޮށްފައިވާ އިރު އެތަން ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އާ ޓާމިނަލާ އެކު އެއާޕޯޓުގެ ކޮމާޝަލް ސްޕޭސް ނުވަތަ ޑިއުޓީ ފްރީއަށް ދޫކުރާ ޖާގަ ތިން ގުނަ އިތުރު ކުރެވޭނެ އެވެ. ގާތްގަނޑަކަށް 13،000 އަކަފޫޓުގެ އެ ޓާމިނަލްގެ 4،000 އަކަފޫޓު ހާއްސަ ކޮށްފައިވަނީ ޑިއުޓީ ފްރީއަށެވެ. މިހާރު ވެސް ރާއްޖޭގެ ޑިއުޓީ ފްރީ އިން ލިބެން ހުންނަ ފިހާރަތަކުގެ އިތުރަށް، އެންމެ ލަގްޒަރީ ބްރޭންޑްތަކުގެ އިތުރު އުފެއްދުންތައް ބަހައްޓަން ޖާގަ ލިބޭނެ ކަމަށް އެމްއޭސީއެލް އިން މީގެކުރިން ބުނެފައިވެ އެވެ.

ޑިއުޓީ ފްރީ ބޭނުން ކުރަން ފެށި އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްދޭ މައި ހުރިހާ އެއާލައިނެއްގެ ހިދުމަތް ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ. އާ ޓާމިނަލް އިން 37 އެއާލައިނަށް ހިދުމަތްދެ އެވެ.