ލައިސަންސް ނުނަގައި ރާއްޖޭގައި ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ބަންގްލާދޭޝްގެ ދެ މީހަކު ހައްޔަރުކޮށް ކޯޓުން އެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށް އިއްޔެ ބަންދުގެ މުއްދަތު އިތުރުކުރި ދެ މީހުންނަކީ އަފްޖަލް ހޮސައިން، 31، އާއި ހަބީބުރު ރަހްމާން، 34، އެވެ.

މި ދެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުގައި މި މީހުންގެ ވިޔަފާރިއާ ބެހޭ ގޮތުން ފުލުހުންގެ ތަފްސީލީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވެ އެވެ. އަދި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށާއި މިކަމުގައި ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށް ބޭނުންކޮށްފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުން ވެސް ވަނީ ލައިސަންސް ނުނަގާ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.

ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި ބިދޭސީންނަށް ހުއްދަ ނެތް ވިޔަފާރިތައް ރާއްޖޭގައި ކުރާ މައްސަލަ ހައްލުކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅައި އޮޕަރޭޝަންތަކެއް މިހާރު އަންނަނީ ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވެސް މިދިޔަ މަހު ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހޯދައި އެކަންކަން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ފަށައި، އެފަދަ ވިޔަފާރިތަކުގެ މައުލޫމާތު އެ މިނިސްޓްރީއާ ހިއްސާކޮށްދިނުމަށް އެދިފަ އެވެ. އެ މަސައްކަތް ފެށި ހަފްތާގައި ވެސް 11 ވިޔަފާރިއެއް ބަންދުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.