މިދިޔަ އޭޕްރީލް ހަތެއްގައި ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމައި، ހަތަރު އަހަރަށް ފަހު ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފި އެވެ.
ކުރިން އޮންނަ ގޮތަށް، ދަރިވަރުންނަށް ޑިސެމްބަރުގައި ބޮޑު ޗުއްޓީ މި ލިބުނީ ހަތަރު އަހަރަށް ފަހު އެވެ. ކުރީގެ ސަރުކާރުން އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރު ފަށާ ގޮތަށް ހަދައި ބޮޑު ޗުއްޓީ ބަދަލުކުރުމުން، ބައެއް ބެލެނިވެރިންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ޑިސެމްބަރަށް އަލުން ބަދަލުކުރީ މި ސަރުކާރުގަ އެވެ.
މާލެ އާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައި ވެސް މި ދިރާސީ އަހަރުގެ ކިޔެވުން ނިންމައި މިއަދު ވަނީ ރިޕޯޓް ފޮތް ދީފަ އެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ ޖެނުއަރީ 27ގަ އެވެ. އެހެންކަމުން ދަރިވަރުންނަށް މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.
ޕްރީސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ކިޔަވަ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ.
އަންނަ އަހަރު ފުރަތަމަ ޓާމުގެ ފަށައި، މިޑް ބްރޭކް ލިބޭނީ މެއި 24 އިން 30 އަށެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓު 1 އަށެވެ.
ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓު 2ގައި ފަށައި ބޮޑު ޗުއްޓީ ލިބޭނީ، އަންނަ އަހަރުގެ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ގަ އެވެ.