ޗައިނާއިން ރާއްޖެއަށް 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 600 މިލިއަން ޔުއާން (1.3 ބިލިއަން ރުފިޔާ) ގެ އެހީގެ އެގްރިމެންޓުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކޮން ޝިއަންހު ވަނީ ސޮއިކުރައްވައިފަ އެވެ.

އެ އެހީ ބޭނުންކުރަން ނިންމާފައިވަނީ ވިލިމާލޭގައި އިމާރަތްކުރަން ނިންމާފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި މާލެ-ވިލިމާލެ މަގުތައް ހަދަން އަދި 50 ރަށެއްގެ ކައުންސިލް އިމާރާތް އަޅާށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ހަލީލް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.

ޗައިނާ ސަފީރު ވަނީ ރާއްޖޭގެ ތަރައްގީއަށްޓަކައި އެ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭގެ ތެރެއިން ކުރިއަށްގެންދާ މުހިއްމު މަޝްރޫއުތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ވެސް ސަފީރު ދެއްވި އެވެ.