ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ، 2022 ގައި މާލެއިން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެ އެވެ.

އެ މައްސަލާގައި ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ކުރި އެވެ.

އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކުރި ނަމަވެސް އެ ހުކުމުގެ ތަފްސީލެއް ނުލިބެ އެވެ. އަދި އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ވެސް ސިއްރުކޮށްގެންނެވެ.

އެ މައްސަލާގައި ހޫދު ބަންދުކޮށްފައި ވަނިކޮށް 2024 ވަނަ އަހަރު ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި އެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އޭނާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ.