ފުލުހުން މިދިޔަ ހޮނިހިރު ދުވަހު މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންގައި، އައިއެސް ޖަމާތުގެ ލީޑަރެއް ކަމަށް ބުނާ މުހައްމަދު އަމީންގެ އެލާމް ގަޑީގެ ބައިތައް ވެސް ގެންގޮސްފި އެވެ.

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފުވައްމުލަކު، ކަރިއްޔާވިލާ އަމީންގެ މައްސަލައިގައި ކޯޓުގައި އިބްތިދާއީ މަރުހަލާ ނިމި މިހާރު އޮތީ ޝަރީއަތުގެ މަރުހަލާ ފަށަން ތައްޔާރުވެފަ އެވެ.

އަމީންގެ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާ ފަށަން އޮތް މިއަދު ނަމަވެސް، އޭނާގެ ވަކީލު އިފްތިތާހީ ބަޔާނަށް ތައްޔާރުނުވެ ވަޑައިގަތުމުން އެ ބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އެކަމަކު، އަމީން ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރު މުރާޖައާ ކުރުމުގެ ބައި އިސް ގާޒީ އަހުމަދު ޝަކީލު ކުރިއަށް ގެންދެވި އެވެ.

ދައުލަތުން ބުނީ އަމީން ބަންދު ކުރި އިރު، އެކަން ބިނާ ކުރި ސަބަބުތަކަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ. އޭނާގެ ފަރާތުން މުޖުތަމައުއަށް އަދިވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ދައުލަތުން ބުންޏެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކަކީ ޖިނާއީ ބޮޑެތި މައްސަލަތައް ކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވި އެވެ. އަދި މިއަދުގެ ހާލަތަށް ބަލާއިރު، އޭނާގެ މައްސަލައަކީ ޕަބްލިކް އިންޓްރެސްޓް އޮތް މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމުގެ އިހްތިމާލު ވެސް ދެމިއޮތް ކަމަށް ދައުލަތުން ބުންޏެވެ. އެކަމަށް ބާރު ދޭން ބުނީ، ފުލުހުން މިދިޔަ ހަފްތާގެ ބަންދުގައި ސަލާމަތީ ބާރުތަކާއި ކަރެކްޝަންސް ގުޅިގެން ޖަލުގައި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި އޭނާގެ އަތުން މަނާ އެއްޗެއް އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އެއްޗެއް ކަމަށް ދައުލަތުން ނުބުނެ އެވެ.

ނަމަވެސް، ދައުލަތުން ދެއްކީ ދޮގު ވާހަކައެއް ކަމަށް ދިފާއީ ވަކީލުގެ އިތުރުން އަމީން ވެސް ބުންޏެވެ. ދައުލަތުން ބުނި މަނާ އެއްޗަކީ ކޮބައިތޯ ވެސް އެހި އެވެ. އަމީން ބުނީ އެލާމް ކްލޮކަކީ ޖަލުން ސައްހަކޮށް ގަންނަން ލިބޭ އެއްޗެއް ކަމަށެވެ. އަދި އޭނާ ގެންގުޅުނު ލައިޓަރެއް ގެންދިޔަ ކަމަށާއި އެއީ ވެސް ޖަލުން ގަންނަން ލިބޭ އެއްޗެއް ކަމަށް އޭނާ ބުންޏެވެ. [އެލާމް ގަޑިއަކީ، ބޮން ހެދުމުގައި ބޭނުން ކުރާ އެއްޗެކެވެ]

އަމީންގެ ވަކީލު ވިދާޅުވީ އޭނާ އަށް ތުހުމަތެއް ނުކުރާ ކަމަށާއި އަނިޔާއެއް ކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ގެންދިޔައީ އޭނާ ގެންގުޅުނު މުސްހަފަކާއި، އަންމާ ފޮތަކާއި، ފޮތަކާއި، ގެންގުޅުނު އެލާމް ކްލޮކުގެ މެކޭނިކަލް ބައި ކަމަށް ވަކީލު ވިދާޅުވި އެވެ.

އަމީންގެ އެލާމް ކްލޮކުގެ މެކޭނިކަލް ބައި ގެންދިޔަ ސަބަބެއް ބުނެފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އަމީން އަކީ އެފަދަ ތަކެތި ބޭނުން ކޮށްގެން ބޮން ފަދަ ތަކެތި އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ބަންދުން ދޫކޮށްލަން ޖެހޭ ކަމަށް ދެކޭ ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، އަމީންގެ ވަކީލު ވިދާޅުވީ، އަމީން އަދިވެސް އާތުރައިޓިސް ބަލީގެ ވޭން ތަަހައްމަލު ކުރަމުންދާ ކަމަށެވެ. އަދި ކަސްރަތުކުރުން އެކަށީގެންވާ ވަރަށް ގޮޅިން ނުނެރޭ ކަމަށް ހައި ކޯޓުން ވެސް ބުނެފައިވާ އިރު އޭނާ އެފަހުން ކަސްރަތު ކުރަން ނެރުނީ އެންމެ ފަހަރަކު ކަމަށް ވަކީލު ވިދާޅުވި އެވެ. ކަސްރަތު ކުރުމަށްޓަކައި ބޭނުންވާ ޓެނިސް ބޫޓު އަދި ވެސް ނުލިބޭ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން، އިރުގެ އަލިކަން ނުލިބޭތީ ވިޓަމިން ޑީ ދަށްވެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ، އަމީންގެ ފަރާތުން އެއްވެސް ކަހަލަ ގޯސް ކަމެއް ޖަލުގައި ކޮށްގެން އެ ކަމެއް ބަލާފައި ނުވާނެ ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަ އަށް ރިއާއަތްކޮށް ގާޒީ ނިންމެވީ އަމީން ބަންދުކުރަން އަމުރު ނެރުނު އިރު އޮތް ހާލަތު އަދިވެސް ދެމިއޮތް ކަމަށެވެ. އެހެންވެ، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރު ދެމެހެއްޓި އެވެ.

ބޭސް ފަރުވާ ފޯރުކޮށް ނުދޭތީ އަދި ކަސްރަތުކުރަން ނުނެރޭތީ މީގެ ކުރިން ގާޒީ ޝަކީލު ވަނީ އަމީން ދޫކޮށްލަން އަމުރުކުރައްވައިފަ އެވެ. ނަމަވެސް، އެ ނިންމުން ފަހުން ހައި ކޯޓުން ބާތިލުކޮށް އޭނާ ބަންދު ކުރީ އެވެ.

މިއަދު ޝަރީއަތުގެ މަރުހަލާގައި އިފްތިތާހީ ބަޔާން އިއްވަން އޮތް ނަމަވެސް، ދިފާއީ ވަކީލު އެކަމަށް ތައްޔާރުވެވަޑައިގެންފައި ނުވާތީ، އެ ބައި އެހެން ދުވަހަކު ބާއްވަން ވަނީ ނިންމައިފަ އެވެ.

މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ޝެޑިއުލެއް ވެސް މިއަދު ގާޒީ ވަނީ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، އޮގަސްޓު މަހުގެ ތެރޭގައި ހެކި ނަގައި ނިންމާލުމަށް ފަހު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހުލާސާ ބަޔާން އިއްވުމާ ހިސާބަށް ގެންދަވާނެ ކަމަށެވެ. އަދި ތަވާލު ކުރެއްވީ ސެޕްޓެމްބަރު 14ގައި ހުކުމް ކުރާ ގޮތަށެވެ.