ޓެރަރިޒަމްގެ ދައުވާ ލިބޭ މުހައްމަދު އަމީން 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރަން މިއަދު ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އައިއެސްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ލީޑަރު ކަމަށް ދައުލަތުން ބުނާ ފުވައްމުލަކު، ކަރިއްޔާވިލާ، އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މީގެ ކުރިން ނިންމި އެވެ. އެކަމަކު، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށެވެ.

އެއާއެކު، އަމީން ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް މިދިޔަ ހަފްތާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން މިއަދު ވަނީ ބަންދު އަޑުއެހުމެއް ބާއްވައިފަ އެވެ. އަމީންގެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ނަމަވެސް، އޭނާ މިވަގުތު ޗުއްޓީގައި ހުންނެވުމުން މިއަދު އަމީންގެ މައްސަލަ ބެއްލެވީ ކޯޓާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އަލީ އާދަމެވެ.

ކުރިން އަމީން ބަންދުކުރަން އަމުރުކުރި ސަބަބުތައް ދެމި އޮތް ކަމަށް ބުނެ ދައުލަތުން މިއަދު އެދުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭށެވެ. އޭނާ ބަންދުކުރަން އެދުނު ސަބަބެއް ކަމަށް ދައުލަތުން ބުނީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ އަދި ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށެވެ. އަދި ބޮޑު ކުށެއްކަން ވެސް ފާހަގަ ކުރެވެ އެވެ.

މިއަދު ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާއަތްކޮށް ގާޒީ އަލީ އާދަމް ނިންމެވީ 30 ދުވަހުގެ މުއްދަކަށް އަމީޏް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށެވެ. ތުހުމަތެއް އުފެދޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި އެ ކުށަކީ ބޮޑު ކުށެއް ކަމާއި އެއީ ޖަމާއަތް ހަދައިގެން ބަޔަކު ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުށެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އަމީންގެ ފަރާތުން މިއަދު ފާހަގަކުރީ ހައި ކޯޓުން އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައިވާ ކަމެވެ. އަދި އޭނާގެ ފަރާތުން އެދިފައި ވަނީ މޮނިކޮން އަމުރު ނެރެ ޝަރުތުކޮށްފައި ދޫކޮށްލާށެވެ. އަމީންގެ ވަކީލުން ވިދާޅުވި ގޮތުގައި އޭނާ ގެންދަނީ ހައި ކޯޓުން ނެރުނު އަމުރަށް ބަރާބަރަށް އަމަލު ކުރަމުންނެވެ.

މީހަކަށް ލިބިގެންވާ ގަދަރުވެރިކަމާ އެކު ދިރިއުޅުމުގެ ހައްގު ނިގުޅައިގަނެ ބަންދު ކުރެވޭނީ އިސްތިންސާ ހާލަތެއްގައި، އެކަމަށް ޒަރޫރަތެއް އޮވެގެން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އަދި ދައުލަތަށް އޭނާ ބަންދުު ކުރަން އޮތް ޒަރޫރަތްތައް ނުދެއްކޭ ކަމަށް ވެސް ބުންޏެވެ. ދައުވާ ކޮށްފައި އޮތީތީ އޭ ކިޔާފައި ބަންދުގައި ބެހެއްޓުމަކީ ގޯހެއް ކަމަށް ވިދާޅުވި އެވެ.

މިއަދު އަމީންގެ ވަކީލުން ވަނީ އަމީން ޝަރީއަތާ ހެދި އޭނާގެ ދަރިންނަށް ކުރާ އަސަރުތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާގެ ވަކީލުން ވިދާޅުވި ގޮތުގައި އެކަމުގެ ނޭދެވޭ އަސަރު ދަރިންނަށް ދަނީ ކުރަމުންނެވެ.

އަމީންގެ އެންމެ ހަގު ދަރިފުޅުގެ ނަފްސާނީ ހާލަތު ބެލި އިރު، އެ ކުއްޖާއަށް ކިޔަނީ ކޮން ނަމެއްހޭ އެހުމުން ފުރަތަމަ ނަން ކިޔާފައި ފަހަތު ނަމަށް "ޓެރަރިސްޓް އަމީން" ކަމަށް ބުނި ކަމަށް ވެސް ވަކީލަކު ވިދާޅުވި އެވެ.

އެ ކުދިންނަކީ ވަކި ގޮތަކަށް ތަރުބިއްޔަތު ކުރަމުން ދިޔަ ކުދިން ކަމަށާއި، އަމީން ބަންދު ކުރުމުގެ ސަބަބުން ކުދިންނާ ދުރުގައި ހުންނަން ޖެހި އެ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ވަކީލުން ވިދާޅުވި އެވެ. މޮނިކޮން އަމުރުގެ ދަށުން ދަރިންނާ އެކު ގޭގައި ތިބެވޭނެ ގޮތް ހަދައިދޭން އެދުނެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދަރިންގެ ވާހަކަތަކަކީ މިއަދު ވާހަކަ ދެކެވުނު ކަންކަމާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި ޖަޒުބާތީ ވާހަކަތައް ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

ގާޒީ އަލީ އާދަމް ވެސް މިއަދު ގޮތް ނިންމެވި އިރު ވިދާޅުވީ އެއީ މައްސަލައާ ގުޅުންހުރި ކަންކަމެއް ނޫން ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި އަމީނަކީ ރާއްޖޭގެ އައިއެސް ލީޑަރުގެ ގޮތުގައި ވަކި ފިކުރެއް ކުރިއަރުވައި، އައިއެސް ޖަމާއަތަށް ދިވެހީން ރެކްރޫޓު ކުރަމުން ދިޔަ މީހެކެވެ. އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.