އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް 40 އަށް ވުރެ ގިނަ މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.

ޖޭއެސްސީން ވަނީ މެޖިސްޓްރޭޓް ކޯޓުތަކަށް 11 މެޖިސްޓްރޭޓުންނާއި 32 އިސް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާނުކޮށްފަ އެވެ. މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުންގެ މަގާމުގެ ތައުލީމީ ޝަރުތަކީ ގާނޫނާއި ޝަރީއާގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް އޮތުމެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 23،400ރ. ލިބޭއިރު އިސް މެޖިސްޓްރޭޓަކަށް މަހަކު 25،600ރ. ލިބޭނެ އެވެ.

މީގެެކުރިން ވެސް ގިނަ އަދަދެއްގެ މެޖިސްޓްރޭޓުން ހޯދަން އިއުލާން ކޮށްފައިވެ އެވެ. ނަމަވެސް ބޭނުންވާ އަދަދަށް މެޖިސްޓްރޭޓް ކަމަށް ކުރިމަތިނުލާ ކަމަށް ޖޭއެސްސީން ކުރިން ބުނެފައިވެ އެވެ.