ދެ މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޝަނުން މިއަދު ބަލަން ނިންމީ ގއ. ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމާއި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމާ ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. ލުއައްޔުއާ ބެހޭގޮތުން ހަތަރު މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މައުސޫމާ ބެހޭގޮތުން ހުށަހަޅާފައި އޮތީ އެންމެ ޝަކުވާއެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނިގޮތުގައި ލުއައްޔުގެ މައްސަލަތައް ބަލަން ފަސް މެމްބަރުންގެ ކޮމެޓީއެއް ވަނީ އެކުލަވާލައިފަ އެވެ. އެ ކޮމެޓީގައި ތިއްބަވަނީ އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާ މުހައްމަދު އީސާފުޅާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންނަވާ މެމްބަރު ހިސާން ހުސައިން އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.
މައުސޫމާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާ ބެލުމަށްޓަކައި ފޮނުވަން ނިންމީ އެ ކޮމިޝަންގެ ތައުދީބީ ކޮމެޓީއަށެވެ.
މީގެ އިތުރުން ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅި ދެ މައްސަލައެއް ނުބަލަން ވެސް މިއަދު ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އެކަމަކު އެއީ ކޮން ފަނޑިޔާރެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ޖޭއެސްސީން މިހާރު ގެންދަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށް، މައްސަލަ ބަލަމުންދާއިރު ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ އާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރެއް އަދި ޑްރަގް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ވެސް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.